ޗީފް އޮފް ޑިފެންސްއާ ސިފައިންގެ ޖެނެރަލުން ދައުލަތުގެ މީޑިއާއަށް އިންޓަވިއުތަކެއް ދެއްވާ އެ އިންޓަވިއުތަކުގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަން ހާމަކުރުމަށް ދިވެހި ސިފައިން ލައްވާ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ އެކަން އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުށްވެރި ކޮށްފި އެވެ.
އިދިކޮޅު ދެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުގެ ޕްރެޝަރާ އެކު އެކި ފަންތީގެ ދިވެހި ސިފައިންނާއި ޖެނެރަލުން ފެންވަރުގެ އޮފިސަރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން އެބޭކަލުން ލައްވާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި ސިފައިންނަށް މަޖުބޫރުކުރުވައިގެން ދޮގު މައުލޫމާތު ފެތުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.
"ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި އަދި ރާއްޖޭގެ ކަންކަމަށް އިންޑިއާ އިން ބަސް ބުނުމަށް ދިވެހިން ނުރުހޭ ކަން އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ވެސް ހާމަވެއެވެ،"
އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުން ދިވެހީން ތިބި ގޮތް ހާމަވެ ބޮޑުތަނުން އެމްޑީޕީ ބަލިވުމާއިއެކު އިންޑިއާ އާއި ސަރުކާރު ގުޅިގެން ކަމުގެ ހަގީގަތް ދިވެހީންނަށް އޮޅުވާލުމަށް ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ ހަގީގަތާއި ކުރިމަތިލުމަށް ގޮވާލާ ކަމަށެވެ. އަދި ސިފައިންނަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ބޭކަލުން ކަމަށް ވާއިރު ސަރުކާރުން ބިރުދައްކާ ނުފޫޒު ފޯރުވައިގެން ހިންގަންއުޅޭ މިފަދަ ކަންކަމަށް އެއްބާރުލުން ނުދިނުމަށާއި ދިވެހި ގައުމާއި ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ތެދުވުމަށް ގޮވާލާ ކަމަށެވެ.
އުތުރު ތިލަފަޅާއި ހައިޑްރޯގްރަފީ އާއި ހެލިކޮޕްޓަރާއި ޑޯނިއާ އެއްބަސްވުންތަކުގެ އަސްލު އާންމުކޮށް އަދި މާލެއާ ހަނިމާދޫއާ އައްޑު ސިޓީ އާއި އެނޫން ވެސް ތަންތާގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަން ހާމަކުރުމަށް ދިވެހި ސިފައިން ލައްވާ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އިދިކޮޅު ދެ ޕާޓީން ބުނެފައި މިވަނީ މިއަދު ކުއްލި ގޮތަކަށް ޗީފް އޮފް ޑިފެންސްއާ ސިފައިންގެ ޖެނެރަލުން ދައުލަތުގެ މީޑިއާއަށް އިންޓަވިއުތަކެއް ދެއްވާ އެ އިންޓަވިއުތަކުގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނެތް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.