ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުރައިދޫ ގޭގެ ސެކިއުރިޓީއާ ގުޅޭ މައްސަލައެއް އެ މަނިކުފާނު ޑިފެންސާ ހިއްސާ ކުރި ނަމަވެސް ޑިފެންސުން މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު ނަޝީދު ފޮނުއްވެވި ސިޓީއަށް ޖަވާބު ވެސް ދެއްވާފައެއް ނުވެއެވެ،
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސައި ދީފައިވާ މުރައިދޫގޭގެ ސެކިއުރިޓީއާ ގުޅޭ ކަންބޮޑުވުމެއް ހިއްސާކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ފޮނުއްވި ސިޓީއަށް މިހާތަަނަށް ޖަވާބެއް ދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައީސް ނަޝީދުގެ ކުއްލި ސިޓީފުޅެއް، މިނިސްޓަރ މާރިޔާއަށް ފޮނުއްވެވީ މުރައިދޫގެ އިމާޖަންސީ ދޮރު ހުޅުވިފައި ހުއްޓާ އެމަނިކުފާނަށް ފެނިވަޑައިގަތުމުން އެއީ ކިހިނެތް ހިނގާ ދިޔަ ކަމެއްތޯ ބައްލަވާ އެ ގޭގެ ސެކިއުރިޓީ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވައެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހު، މުރައިދޫގޭ އިމަޖަންސީ ދޮރު ހުޅުވިފައި ހުރުމުން އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ އެ ވަގުތު އެ ގޭގައި ސެކިއުރިޓީގައި ތިއްބެވި ސިފައިންނާ ވެސް ސުވާލު ކުރައްވާފަ އެވެ. ނަމަވެސް އެއީ ސިފައިންނަށް އެނގިގެން ހިނގައިދިޔަ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވަނީ ދަންނަވާފަ އެވެ.
އެކަމާއި ގުޅިގެން މި މަހުގެ 19 ވީ ހުކުރު ދުވަހު ހުކުރު ނަމާދާއި ވަރަށް ގާތްވެފައި ވަނިކޮށް ރައީސް ނަޝީދު ވަނީ "ސިއްރު" އަދި ކުއްލި ސިޓީފުޅެއް މިނިސްޓަރު މާރިޔާއަށް ފޮނުއްވާފަ އެވެ. އެ ސިޓީގައި އެމަނިކުފާނު ވަނީ އިމަޖެންސީ ދޮރު ހުޅުވިފައި ހުރި ސަބަބު ބައްލަވައި ރަނގަޅު ތަހުގީގެއް ހިންގަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަން އެހެން ދިމާވުމުން ކަންބޮޑުވުން ވެސް ފާޅު ކުރެއްވި އެވެ.
"މި" ނޫހުން ސުވާލު ކުުރުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޑިފެންސް މިނިސްޓްރީއަށް ރައީސް ނަޝީދު ފޮނުއްވެވި ސިޓީއަށް މިހާތަނަށް ޖަވާބު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެ ސިޓީގެ ތަފްސީލެއް ނުދެއެވެ. ސިޓީގައި ހުރި ބައެއް ވާހަކަ "މި" ނޫހުގެ ނޫސްވެރިޔާ ސާފު ކޮށް ދިނުމުން ވެސް އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ "ޑިފެންސްއަށް ފޮނުވި ސިޓީއަށް އަދި ރަސްމީކޮށް ޖަވާބު ދީފައެއް ނުވޭ" ކަމަށެވެ.
ސެކިއުރިޓީއާ ގުޅޭ މި ފަދަ ސިޓީ ފުޅެއް ނަޝީދުގެ ފަރާތްޕުޅުން ޑިފެންސަށް ފޮނުވި އިރު އެ މަނިކުފާނު އަވަހާރަ ކޮށްލަން އައިއީޑީއެއް ގޮއްވާލައި ޒަހަމްކޮށްލި ހާދިސާއެއް މިދިއަ އަހަރު އައިސްފައި ވެއެވެ. އޭގެ ފަހުން އެމަނިކުފާނުގެ ތުރެޓް ރިސްކް ލެވެލް ހައިކަމުން އެ މަނިކުފާނު ދިރިއުޅުއްވުން ވަނީ މުރައިދޫގެއަށް ބަދަލުކޮށް އެތައް ގުނައަކުން ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ. އޭގެ ފަހުން އެ މަނިކުފާނު ލަންޑަނުގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް މީހަކު ވަނީ އެ މަނިކުފާނުގެ ފޯނު ވެސް ޖަހައިގަނެއްގެން ގެންގޮސްފަ އެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީއާމެދު އެ މަނިކުފާނުގެ އަރިސް ބޭފުޅުން އަދިވެސް ކަންބޮޑުވުން ފާޅު ކުރައްވަ އެވެ.