ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ ގައުމާއި ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތް ނެތި ދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ.
ދަރަނިތައް އަނބުރާ ދެއްކޭނެ / ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ ގައުމު ސަލާމަތް ކުރުމަށް ވޯޓް ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް އެކަމަށް އިލްތިމާސް ކުރެއްވީ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވި "ފަހުގެ ސިޓީ" ގައެވެ. ގާސިމް ވިދާޅުވީ ގައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި ކަމަށާ ގައުމަށް އެކި އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ގައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ ގައުމާއި ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތް ނެތި ދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ.
ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން ވަނީ ސޮވަރިން ދަރަނި އިތުރު ކޮށްފައި ކަމަށާ ދަރަނި ވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައި ކަމަށް ވެސް ގާސިމްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވެއިރު ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު އަދަދެއް ރާއްޖެއިން ދަރަނި ނަގާފައިވާ ގައުމުތަކަށް ދައްކަން ޖެހޭ ކަމަށެވެ.
"މި ދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ އެވެ. އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެ ވެސް ޑިފޯލްޓް ވުމަކީ ދުރު ގައި އޮތް ކަމެއް ނޫނެވެ. ހާލަތު މިހެން އޮތް އިރު ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫންއަސާސީ އާއި ގާނޫންތަކާއި ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ،"
ގާސިމްގެ ސިޓީގައި ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން ގައުމުގައި އާންމުވެފައިވާއިރު ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތު މީހާއަށް އާސަންދަ ހަމަޖެހެނީ ވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުން ކަން ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން ކޮރަޕްޝަނާއި ހިޔާނާތުން ދުރުވެ ދަރަނީގެ ދަންތޫރަ އިން މި ގައުމާއި ރައްޔިތުން ސަލާމަތްކޮށް ގާނޫން އަސާސީ އާއި ހިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް ސަރުކާރުން ސަސްދުގައި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތް ކުރުމަށާއި އަދުލުވެރިކަމާއި އެކު އިންސާފު ގާއިމުކޮށް ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވައި ރައްޔިތުންނަށާއި ގައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް އިލްމީ އަދި ފަންނީ ގޮތުން ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ ބޭސްފަރުވާ އަދި ސިއްހީ ރޮނގުން ރާއްޖެ ތަރައްގީކޮށް ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް ތަޖްރިބާގެ އަލީގައި ޔަގީން ކަމާ އެކު ގައުމު ހަމަމަގަށް އެޅުވުމަށް ގާސިމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަށް ވޯޓް ދެއްވުމަށް އާދޭހާ އެކު އެދިވަޑައިގެންފައެވެ.