ސަރުކާރި ވައްޓާލާ ވެރިކަން ނިގުޅައިގަތް އޮލިގޫއީ އެންގްއެމާއަކީ ރައީސް އަލީ ބޮންގޯގެ ދެބެންގެ ދެދަރި ކޮއްކޯފުޅެކެވެ. އޭނާ ވަނީ އަލީ ބޮންގޯގެ އަވަހާރަވެފައިވާ ބައްޕާފުޅުގެ ރައީސް ކަމުގައި ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
ބަޣާވަތެއް ގެނެސް އިންގިލާބު ކޮށްލައިގެން ގަބޮންގެ ވެރިކަމުން ދުރު ކޮށްފައިވާ އެ ގައުމުގެ ގާނޫނީ ރައީސް އަލީ ބޮންގޯ އޮންޑިމްބާ، ގޭ ބަންދުން މިނިވަންކޮށް ބޭސް ފަރުވާއަށް ގައުމުން ބޭރަށް ފުރުމުގެ ހުއްދަ ވެރިކަމާ ހަވާލު ވެގެން އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާ ދެއްވައިފި އެވެ.
ގަބޮންގެ ވެރިން އިންގިލާބުށްލި ބަޣާވަތް ކުރީ މިދިއަ އޮގަސްޓް 30 ވަނަ ދުވަހު އެވެ. އެ ދުވަގެ އަސްކަރީ ބަޣާވާތަށް ފަހު ރައީސް އަލީ ބޮންގޯ ހުންނެވީ ގޭގައި ބަންދުކޮށްފަ އެވެ،އަސްކަރިއްޔާގެ އިސްވެރިން އެކުވެލައިގެން އޭނާގެ ވެރިކަން ވައްޓާލީ ރައީސްކަމުގެ އިތުރު ދައުރަކަށް އިންތިހާބު ވެއްޖެ ކަމަށް އިލެކްޝަންސް ސެންޓަރުން އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
"ސިއްހީ ހާލަތަށް ބަލައި މި ޖުމްހޫރިއްޔާގެ ކުރީގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއަކީ މިހާރު މިނިވަންކަމާއެކު އުޅުއްވޭނެ ބޭފުޅެއް. އެ މަނިކުފާނު ބޭނުންފުޅުނަމަ މެޑިކަލް ޗެކަޕްތަކަށް ގައުމުން ބޭރަށް ދަތުރު ކުރެއްވޭނެ،" ގެބޮންގެ ގައުމީ ޓީވީން ބުދަ ދުވަހުގެ ހަވީރު ދިން ބަޔާނެއްގައި ގަބޮންގެ އަސްކަރީ ތަރުޖަމާނު ކާނަލް އުލްރިޗް މަންފޫމްބީ ވިދާޅުވި އެވެ.
އަލީ ބޮންގޯ، ގޭ ބަންދުން ވީއްލައި ދޫކޮށްލިކަން އިއުލާންކުރި ބަޔާނުގައި ސޮއި ކުރެއްވީ ގެބޮންގެ ދައުލަތުގެ އާ ވެރިޔާ ކަމަށް ވެރިވެގަނެ މިދިއަ ހޯމަ ދުވަހު ހުވާ ކުރެއްވި ބާޣީ ލީޑަރު ޖެނެރަލް ބްރައިސް ކްލޮޓޭއާ އޮލިގޫއީ އެންގްއެމާ އެވެ.
ސަރުކާރި ވައްޓާލާ ވެރިކަން ނިގުޅައިގަތް އޮލިގޫއީ އެންގްއެމާއަކީ ރައީސް އަލީ ބޮންގޯގެ ދެބެންގެ ދެދަރި ކޮއްކޯފުޅެކެވެ. އޭނާ ވަނީ އަލީ ބޮންގޯގެ އަވަހާރަވެފައިވާ ބައްޕާފުޅުގެ ރައީސް ކަމުގައި ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެގައުމުގެ ރިޕަބްލިކަން ގާޑްގެ އެލީޓް އަސްކަރީ ޔުނިޓެއްގެ އިސްވެރިޔާގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ.
މީގެ ފަސް އަހަރު ކުރިން އަލީ ބޮންގޯއަށް ސްޓްރޯކެއް ޖެހިފައިވެ އެވެ. މިވަގުތު އެ މަނިކުފާނަށް އަމިއްލަ ޑޮކްޓަރުންނާ ގުޅޭނެ ގޮތެއް ނެތެވެ.
އަނެއްކޮޅު އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ނޫރުއްދީން ވަނީ ރިޔާސީ ގަނޑުވަރުގެ ހަތަރު ވަނަ ފަންގިފިލާގައި ހިފަހައްޓާފަ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ޣައްދާރުވުމާއި ހިޔާނާތް ވުމުގެ ތުހުމަތެވެ.
ބާޣީ ލީޑަރު އެންގްއެމާ ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ޚަޒާނާއިން ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވިފައިވާތީ އެ ބޭފުޅުން އިންސާފާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
މިދިއަ ހޯމަ ދުވަހު ރިޔާސީ ގަނޑުވަރުގައި ހުވާ ކުރެއްވުމަށް ފަހު އޮލިގޫއީ އެންގްއެމާ ވިދާޅުވީ އަނިޔާވެރި ނުވެ، ލޭ އޮހޮރުމެއްނެތި އަސްކަރިއްޔާއިން އެ ގައުމުގެ ކޮންޓްރޯލް ނަގައި ވެރިކަން ފުރޮޅާލި ނަމަވެސް އިތުބާރު ހިފޭ މިނިވަން އިންތިހާބުތައް އިންތިޒާމް ކޮށް ރައްޔިތުންނަށް ވެރިކަން އަނބުރާ ގެނެސްދޭނެ ކަމަށެވެ.
ގެބޮންގެ ބަޣާވާތަށް އެ ގައުމުގެ ގިނަ އާންމުން މަރުހަބާ ކިޔާފައިވި ނަމަވެސް އެފްރިކަން ޔޫނިއަން އާއި ބައިނަލްއަގްވާމީ މުޖުތަމައު ވެސް ވަނީ އެ ބަޣާވާތް ކުށްވެރި ކޮށްފަ އެވެ. އަދި ގާނޫނީ ވެރިކަން ރުޖޫއަ ކުރަން ގޮވާލާފަ އެވެ.