އެއް ޒަމާނެއްގައި ސޫކީއަކީ ޑިމޮކްރަސީގެ އައިކޮނެކެވެ. ޑިމޮކްރެޓިކް އިސްލާހަށް ނުކުންނަވާ އެކަމަނާ އުޅުއްވަމުން އުފެއްދި ސިޔާސީ ކެރިއަރުގައި އެތައް ފަހަރެއްގެ މަތީން ބަންދު ކޮށްފައި ވެއެވެ.
މިޔަންމާ / ބަރުމާގެ އަސްކަރީ ސަރުކާރުން ހައްޔަރު ކޮށްފައިވާ ކުރީގެ ލީޑަރު އަންގް ސަން ސޫކީގެ ސިއްހީ ހާލަތު ގޯސްވެފައިވި ނަމަވެސް އެކަމަނާ ބޭނުންފުޅުވެ ވަޑައިގަންނަވާ ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށް ދޭން އަސްކަރިއްޔާއިން އިންކާރު ކުރަމުންދާ ކަމަށް އޭނާގެ ދަރިކަލުން ތުހުމަތު ކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އުމުރުން 46 އަހަރުގެ ކިމް އާރިސް ވިދާޅުވީ ބަރުމާގެ ގާނޫނީ ވެރިކަން ޖަހައިގަނެގެން ތިބި އަސްކަރީ ވެރިން އޮބައިގަނެގެން ގެންގުޅޭ އޭނާގެ މަންމާފުޅަށް ބޭނުންފުޅުވެ ވަޑައިގަންނަވާ އަވަސް ފަރުވާ ނުދޭ ކަމަށެވެ. އަދި އެ ފަރުވާ ހޯދަން ޖަލުގެ ކަންކަމާބެހޭ ފަރާތްތަކުން އެދުމުން އެކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ.
މި މައްސަލަ ރަނގަޅަށް ދެނެތި ތިބި އަހުލުވެރި މަސްދަރުތަކުން ބީބީސީއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ކުރީގެ ލީޑަރު އަންގް ސަން ސޫކީގެ ހާލުކޮޅު އެހައި ރަނގަޅެއް ނޫނެވެ. އަދި ވަރަށް ބޮޑަށް އެކަމަނާގެ ދަތްފުޅަކާއެކު ހިރުގަނޑުގައި ރިއްސަމުން ދިއުމުގެ ސަބަބުން ފަރީއްކުޅުއްވަން އުނދަގުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ އުމުރުފުޅުން 78 އަހަރުވެފައިވާ ސޫކީގެ ސިއްހަތު އެންމެ ރަނގަޅު ކަމަށާއި އަސްކަރީ އަދި މަދަނީ ޑޮކްޓަރުންގެ ފަރާތުން އެކަމަނާގެ ޗެކްއަޕްތައް ބަރާބަރަށް ހަދަމުން ގެންދާ ކަމަށެވެ.
ސޫކީ ހައްޔަރުކޮށް އެކަމަނާ ބަންދު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަސްކަރީ ބަޣާވާތެއް ގެނެސް ވެރިކަމުން ދުރުކުރި ދުވަހު އެވެ. ނަމަވެސް މިދިއަ ޖުލައި މަހު އެކަމަނާ ޖަލުން ބަރުމާގެ ވެރިރަށް ނައި ޕި ޓާވްގައި ގޭބަންދަށް ބަދަލު ކޮށްފައި ވެއެވެ. އެކަމަކު އެކަމަނާ ގޭބަންދުގައި ބަހައްޓާފައި ހުންނެވީ އެ ސިޓީގެ ކޮންތަނެއްގައިކަން މިހާތަނަށް އެއްވެސް ބަޔަކަށް ސާފެއް ނުވެ އެވެ.
"ބަލި ގައިދީއަކަށް ރެކޮމެންޑް ކުރެވިފައިވާ ސިއްހީ ފަރުވާ ނުލިބުމަކީ އިންސާނިއްޔަތު ކަމެއް ނެތް އަނިޔާވެރި ކަމެއް،" ބީބީސީ ބަރުމާއަށް ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ކިމް އާރިސް ވިދާޅުވެފައި ވެއެވެ.
އޭނާ އަދި ވިދާޅުވީ މަންމާފުޅުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ހޮޑުލެވުމުން ދާ ކަމަށާއި ރިހުމާއެކު ބޯއެނބުރުމެއް ތަހައްމަލު ކުރައްވާ ކަމަށެވެ.
"އެހާ ވޭންދެނިވި ގޮތެއްގައި ދަތްޕުޅާއި ހިރުގަނޑުގައި ރިއްސައި ކޭން ބައްލަވަން ނުކުޅެދިފައިވާ ބޭފުޅަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބިއްޖެ ނަމަ މުޅި ސިއްހަތަށް ނުރައްކާވާނެކަން އެއީ ވަރަށް ސާފު ކަމެއް،"
ނޮބެލް ސުލްހައިގެ އިނާމް 1991 ވަނަ އަހަރު ލިބި ވަޑައިގެންފައިވާ ސޫކީއާ ގުޅުންހުރި ފަރާތްތަކުން ބީބީސީ ބަރުމާއަށް ބުނެދީފައިވާ ގޮތުގައި އެކަމަނާގެ ދަތްޕިލައާއި ހިރުގަނޑު ހަލާކުވެފައިވާއިރު ލޭގެ ޕްރެޝަރު ދަށްވެފައިވެ އެވެ. އަދި އެކަމަނާ އޮންނެވީ ވޭންދެނެވި ހާލަތެއްގަ އެވެ. އެ މަސްދަރުތަކުން ފާހަގަކުރާ ގޮތުގައި އެކަމަނާ ފަރީއްކުޅުއްވޭ ގޮތަށް މަޑު ކާނާ އާއި ބޭސް އެކުލެވޭ ޖެލީއެއް ދޭން ޖެހެ އެވެ.
އަރުވާލެވިގެން އޮތް ބަރުމާގެ ނޭޝަނަލް ޔުނިޓީ ސަރުކާރު - އެ ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ވަނީ ސޫކީ ފަދަ ސިޔާސީ ބަންދު މީހުނަށް އެކަށީގެންވާ ފަރުވާ ދިނުމަށް އަސްކަރީ ސަރުކާރަށް ޕްރެޝަރު ކޮށް ދޭން ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސެއް ކޮށްފަ އެވެ.
އަނެއްކޮޅުން ބަޣާވާތާއި ދެކޮޅު ހަދައި މުޒާހަރާ ކުރާތީ، ހައްޔަރުކޮށް ފިޔަވަޅު އަޅައި ބަންދުކޮށްފައިވާ އެތައް ހާސް ބަޔަކާއި ޑިމޮކްރެޓިކް ލީޑަރު ސޫކީ، އެއްވެސް ޝަރުތުތަކާ ނުލައި ދޫކޮށްލަން ދުނިޔޭގެ ގިނަ ލީޑަރުން ވަނީ ގޮވާލައްވާފަ އެވެ. މީގެ އިތުރުން ދުނިޔޭގެ ލީޑަރުން ވަނީ ބަޣާވާތް ކުށްވެރިކޮށް މިޔަންމާގެ ޖެނެރަލުންނާއި އަސްކަރިއްޔާގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.
ބަރުމާގެ ބަޣާވާތަށް ފަހު އެ ގައުމުގެ ހާލަތު ގޯސްވެ ގާތްގަނޑަކަށް ފުރިހަމަ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި، މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައި ވެއެވެ. އަސްކަރިއްޔާއިން ގެންދަނީ ރަހުމުކުޑަ ގޮތަކަށް އިދިކޮޅު ފަރާތްތައް ފިއްތައި ވައިގެ ހަމަލާތައް ބޭނުންކޮށްގެން އާންމުންނަށް އަނިޔާ ކުރަމުންނެވެ. .
އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އާޝިއަން ސަމިޓްގައި ވެސް މިޔަންމާގެ ބަޣާވާތުގެ މައްސަލައަށް މަޝްވަރާތައް ހިނގަ އެވެ. އަދި ސައުތު އީސްޓް އޭޝިއާ ބްލޮކްގެ ލީޑަރުން ވަނީ ބަރުމާގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާ އާއި އަސްކަރީ ވެރިން ކުށްވެރިކޮށްފަ އެވެ. ބަޣާވާތަށް ފަހު ސަރަހައްދީ ބައްދަލުވުންތަކަށް މިޔަންމާއަށް ދައުވަތެއް ނުދެ އެވެ.
އެއް ޒަމާނެއްގައި ސޫކީއަކީ ޑިމޮކްރަސީގެ އައިކޮނެކެވެ. ޑިމޮކްރެޓިކް އިސްލާހަށް ނުކުންނަވާ އެކަމަނާ އުޅުއްވަމުން އުފެއްދި ސިޔާސީ ކެރިއަރުގައި އެތައް ފަހަރެއްގެ މަތީން ބަންދު ކޮށްފައި ވެއެވެ. ނަމަވެސް އެކަމަނާގެ ޑިފެކްޓޯ ލީޑަރު ކަމުގެ ތެރޭގައި ބަރުމާގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދިން އަނިޔާތަކަށް އަޅައި ނުލެއްވުމުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނާއި ދުނިޔޭގެ ކުރިމަތީގައި އެކަމަނާގެ ސޫރަ ވަރަށް ބޮޑަށް ހަޑިވެފައި ވެއެވެ.
ނުބައި މީހުންގެ ތެރެއިން ވެސް އަރާހުރި މީހެއްމީ. ދައްކަވަން ހުރި ތަނެއް ދައްކަވާފަ ނިމިގެން ދާނީ