ބަޣާވާތު ލީޑަރު އިންތިގާލީ ވެރިކަމުގެ ހުވާ ކުރުން ވެރިރަށް ލިބްރޭވިލްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި އިރު އެ ހަރަކާތުގައި އަސްކަރީ ޕެރޭޑެއް ވެސް އޮތެވެ.
މިނިވަން އަދި ހާމަކަން ބޮޑު އިންތިހާބަކަށް ފަހު މަދަނީ ވެރިކަމެއް ގަބޯންގެ ރައްޔިތުންނަށް ގެނެސް ދެއްވާނެ ކަމަށް ގަބޮންގެ ބަޣާވަތު ލީޑަރު އަދި އަސްކަރީ އޮފިސަރު ވައުދުވެވަޑައިގެންފި އެވެ.
ނަމަވެސް ވެރިކަން ބަޣާވާތް ކުރުމަށް ފަހު އެ ގައުމުގެ އިންތިގާލީ ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އިންތިހާބު ބާއްވާނެ އެއްވެސް ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.
މިދިޔަ ބުދަ ދުވަހު ބަޣާވާތްކޮށް ރައީސް އަލީ ބޮންގޯގެ ސަރުކާރު ވައްޓާލީ ހުވާ ކުރެއްވި ބްރައިސް ންގްއެމާ އިސްކޮށް ހުންނަވައިގެނެވެ.
އަލީ ބޮންގޯ ރައީސް ކަމުން ދުރު ކޮށްފައި ވަނީ މައްސަލަ ބޮޑުވި އިންތިހާބެއް ކާމިޔާބު ކުރައްވާ އާ ދައުރަކަށް ހޮވި ވަޑައިގެންނެވިކަން އިއުލާން ކުރެވުނުތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
ނަމަވެސް ދިރާސާ ކުރާ ބައެއް މީހުން ބުނާ ގޮތުގައި ބަޣާވާތު ލީޑަރު ޖެނެރަލް ންގްއެމާގެ ވެރިކަން ވަނީ ރައީސް ބޮންގޯ އާއިލާގެ 55 އަހަރުވީ ވެރިކަން އަލުން ދިރިގެން އައުމަށް ކަމަށެވެ.
އަލީ ބޮންގޯގެ ބައްޕަ އުމަރު ވެރިކަމުގައި 41 އަހަރު ހުންނެވި އެވެ. އަދި 2009 ވަނަ އަހަރު އޭނާ އަވަހާރަވުމުން އޭނާގެ ފަހަތުން ވެރިކަމަށް ވަޑައިގަތީ އޭނާގެ ދަރިކަލުން އަލީ ބޮންގޯ އެވެ.
ބަޣާވާތު ލީޑަރު، ޖެނެރަލް އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަ ބޮންގޯގެ ވެރިކަމުގެ އެތެރެވަރީގެ ތެރޭގަ އެވެ. އަނެއްކޮޅުން އޭނާ އަކީ އަލީ ބޮންގޯއާ ދެބެންގެ ދެދަރި ޖެނެރަލެކެވެ.
ބަޣާވާތު ލީޑަރު އިންތިގާލީ ވެރިކަމުގެ ހުވާ ކުރުން ވެރިރަށް ލިބްރޭވިލްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި އިރު އެ ހަރަކާތުގައި އަސްކަރީ ޕެރޭޑެއް ވެސް އޮތެވެ. އަދި ވައްޓާލި ސަރުކާރުގެ ކުރީގެ ވަޒީރުން ވެސް ހާޒިރުވެފައި ވެއެވެ. ނަމަވެސް ބަޣާވަތު ލީޑަރަށް ތާއީދު ކުރާ މީހުން ވަނީ އެ މީހުންނަށް މަލާމާތާ ފުރައްސާއަށްވާ ގޮތަށް އަޑުލަވާފަ އެވެ.