ޓައިވާނަށް ތޫފާން ޖެހުނު ސަރަހައްދުގައި ވިޔަފާރިތަކާއި ސްކޫލުތަކާއި އެހެނިހެން ތަންތަނާއި ހިދުމަތްތައް ބަންދު ކޮށްފައިވާއިރު، ވަށައިގެންވާ ތަންތަނަށް އޮންނަ ޑޮމެސްޓިކް ފްލައިޓްތަކާއި ފެރީގެ ހިދުމަތްތައް ވަނީ ކެންސަލް ކޮށްފަ އެވެ.
ތޫފާން "ހައިކުއީ" ޓައިވާނަށް ލައިގަނެ އިމާރާތްތައް ހަލާކުވެ ގަސްތައް މުލުން ލުހިގެން ވެއްޓި އެތައް ހާސް ބަޔަކު މަޖުބޫރު ވެގެން ގެދޮރު ދޫކޮށް ގޮސްފައިވާއިރު 40 އަށް ވުރެ ގިނަ މީހުނަށް ބޮޑެތި އަނިޔާތައް ވެއްޖެ އެވެ.
އިއްޔެ ހެނދުނު ޓައިވާނުގެ އިރުމަތީ އައްސޭރީން އެއްގަމަށް އެރި މި ތޫފާނަކީ މިދިއަ ހަތަރު އަހަރު ތެރޭގައި ސީދާ ޓައިވާނާ ލައިގަތް ފުރަތަމަ ތޫފާނެވެ. މި ތޫފާނުގައި ބޯކޮށް ވާރޭވެހި ބާރުގަދަ ރޯޅި އުފެދިފައި ވާއިރު ފަރުބަދަމަތީ ސަރަހައްދުގެ ބައެއް ގަސްތަކުން ބައިބައި ވެއްޓި ކާރުތަކުގައި ޖެހެމުން ދާއިރު ދެ މީހަކަށް ސީރިއަސް އަނިޔާ ވެފައި ވެއެވެ.
ހައިކުއި ތޫފާނުގައި ޓައިވާނުން މައިގަނޑު ގޮތެއްގައި މީހުނަށް އަނިޔާވެފައި ވަނީ ރޫޅިގެންދާ އިމާރާތްތަކުގެ މަތީން ވެއްޓޭ ބައިތަކުން ޖެހިގެން ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ތޫފާންގައި ހަލާކުވެފައިވާ ތަންތަނާއި ކުނިބުނި ސާފު ކުރުމާއި މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތުގައި އެކަމަށް ހާއްސަ ޓީމްތައް މަސައްކަތް ކުރާއިރު 160،000 ގޭގައި މިހާރުވެސް ކަރަންޓެއް ނެތެވެ. އެހެން ނަމަވެސް އެ ގޭގޭގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނެތެވެ.
މިއީ ހުޅަނގު ޕެސިފިކްގެ ތޫފާން ސީޒަނެވެ؛ މި މޫސުމުގައި މިހާތަނަށް 11 ތޫފާން އައިސްފައިވާ އިރު ހައިކުއީ އަކީ ހަތަރު އަހަރު ތެރޭގައި ސީދާ ޓައިވާނަށް އައި ފުރަތަމަ ބޮޑު ތޫފާނެވެ.
ޓައިވާނަށް ތޫފާން ޖެހުނު ސަރަހައްދުގައި ވިޔަފާރިތަކާއި ސްކޫލުތަކާއި އެހެނިހެން ތަންތަނާއި ހިދުމަތްތައް ބަންދު ކޮށްފައިވާއިރު، ވަށައިގެންވާ ތަންތަނަށް އޮންނަ ޑޮމެސްޓިކް ފްލައިޓްތަކާއި ފެރީގެ ހިދުމަތްތައް ވަނީ ކެންސަލް ކޮށްފަ އެވެ.
ތޫފާނުގައި ޓައިވާނުން އެންމެ ބޮޑަށް ގެއްލުން ލިބުނީ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށެވެ. އުތުރުގައި އޮންނަ ވެރިރަށް ޓައިޕޭއަށް ވެސް ވާރޭ ވެހިފައިވެ އެވެ. ހައިކުއީ ތޫފާނުގައި ގަޑިއަކު 200 ކިލޯމީޓަރަށް ވައިގަދަވެ އެވެ.
ތޫފާން އެރުމުގެ ކުރިން މި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ގުނޑޮޅި ވެއްޓުމުގެ ބިރު އޮތް ސަރަހައްދުތަކުން 7،000 އަށް ވުރެ ގިނަ މީހުން ވަނީ ދުރަސް ގޮސްފަ އެވެ.
ތޫފާން ހައިކުއީ މިހާރު ވަނީ ޓްރޮޕިކަލް ތޫފާނެއްގެ ގޮތުގައި ބަލިކަށިވެ، ޓައިވާން ސްޓްރެއިޓުން ޗައިނާގެ ދެކުނު އައްސޭރިފަށަށް ވެއްޓިފަ އެވެ.