ރައީސް ޔާގީންކަމާއެކު: ދަރަނި ދެއްކޭނެ، އެއްވެސް ދައްޗެއް ނެތް

"...2026 ގައި މި [ދަރަނި] ދައްކާނެ ސިޔާސަތު އަޅުގަނޑުމެންގެ އެބައޮތް. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އަޅުގަނޑުމެން ރި-ފައިނޭންސް ކުރާނަން. މާކެޓަށް ގޮސް ފައިސާ ހޯދޭނެ ގޮތް އަޅުގަނޑުމެންނަށް އެބަހުރި"

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ބަހުސްގައި ބައިވެެރިވެވަޑައިގަންނަވަނީ

ބޭރުގެ ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ނެތް ކަމަށާ ދިވެހި އިގްތިސާދު ފުރިހަމަ އަށް މެނޭޖު ކުރައްވާ ދެގުނަ ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން މިރޭ "ސަންގު ބަހުސް" ނަމުގައި ކުރިއަށް ގެންދިޔަ ބަހުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހްގެ ވާދަވެރީން އެންމެ ބޮޑަށް ދައްކަމުން ގެންދަނީ 2026 ވަނަ އަހަރު ދަރަނި ދެއްކުމަށް ގިނަަ އަދަދެއްގެ ފައިސާ ހޭދަ ކުރަން ޖެހުމެވެ. އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ވާދަވެރީން ވާހަކަ ދައްކައެވެ.

ނަމަވެސް މިރޭގެ ބަހުސްގައި ވެސް ވަރަށް ސާބިތުކަމާއެކު ރައީސް ވިދާޅުވީ ދަރަނި ދެއްކޭނެ ފުރިހަމަ ސިޔާސަތެއް އެމަނިކުފާނުގެ ސަރުކާރުގައި އެބަ އޮތް ކަމަށެވެ. އެކަން ކުރައްވާނެ ގޮތް ވެސް ވަރަށް ތަފްސީީލު ކޮށް ވިދާޅުވެ ދެއްވި އެވެ. ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ބައެއް ފަސް ކުރެވޭނެ ކަމަށެވެ. އެކަން މިހާރު ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެ މަޝްވަރާތައް ނިމި އެކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ފުޅާ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަކޮށްދެއްވި އެވެ. މިހާރު ވެސް އެ ފަންޑުގައި ހަ ބިިލިއަން ރުފިޔާ އެބަހުރި ކަމަށާ އެމަނިކުފާނުގެ އަމާޒަކީ 2026 އަންނަވާއިރަށް ފަންޑުގެ ސައިޒު 350-400 މިލިއަން ޑޮލަރަށް ބޮޑު ކުރުން ކަމަށް ވިދާޅުވި އެވެ.

"...2026 ގައި މި [ދަރަނި] ދައްކާނެ ސިޔާސަތު އަޅުގަނޑުމެންގެ އެބައޮތް. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އަޅުގަނޑުމެން ރި-ފައިނޭންސް ކުރާނަން. މާކެޓަށް ގޮސް ފައިސާ ހޯދޭނެ ގޮތް އަޅުގަނޑުމެންނަށް އެބަހުރި. ކޮވިޑްތެރޭގައި އަޅުގަނޑުމެން ވާނީ ހާމަކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ސަންގު ބަހުސްއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތަށް ލިބެނީ އަހަރަކު 22 ބިލިއަން ރުފިޔާ ކަމަށާ މިހާރު އެ އަދަދު ހުރީ 34 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި 2026 ވަނަ އަހަރު 46 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ވާދަވެރީންގެ ވާހަކަތަކަށް ގޮންޖައްސަވާ ރައީސް ތަކުރާރުކޮށް ވިދާޅުވީ ލޯނު ދެއްކުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އިގްތިސާދު ފުރިހަމައަށް މެނޭޖު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މުޅި ރާއްޖޭގައި ހިންގި ތަރައްގީގެ މުހިންމު މަޝްރޫއުތަކާއެކު އިގްތިސާދު ދެ ގުނަ ވެގެންދާނެ މަންޒަރު ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ އުފާވެރި އަމާން ރާއްޖެއެއް ހޯދުން ކަމަށާ ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ނެގުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރި ގޮތުން މިދިޔަ ފަސް އަހަރު ހޯދުނު ކާމިބީތައް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ އަދަދު 180 އިން މައްޗަށް ގޮސްފައިވާއިރު މިވަގުތުވެސް 80 ގައުމަކަށް ވިސާ ނެތި ދިވެހީންނަށް ދަތުރުކުރެވޭ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އަދި އަރަބި ގައުމުތަކާއި އޮތް ގުޅުން ވަރުގަދަ ކުރައްވާ ކުރީ ސަރުކާރުން ގުޅުން ކަނޑާލި އިރާނާއި ގަތަރާއި އަލުން ގުޅުން ގާއިމު ކުރި ކުރުން ވެސް ފާހަގަ ކުރެއްވި އެވެ. ކޮމަންވެލްތާއި އަލުން ގުޅި މިއަދު މަަސައްކަތް ކުރަމުން ދަނީ އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެގްރީމަންޓަކަށް ދިއުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ބަހުސްގައި ބައިވެެރިވެވަޑައިގަންނަވަނީ

ރައީސް ވިދާޅުވީ ބަޔަކު ހަގީގަތް އޮޅުވާލި ނަމަވެސް މިހާތަނަށް ވެސް އެމަނިކުފާނު ގެންގުޅުއްވީ ދިިވެހީންނަށް އެންމެ ފައިދާ ހުރި ހާރިޖީ ސިޔާސަތު ކަމަށެވެ.

"އިސް އުފުލޭ ހާރިޖީ ސިޔާސަތެއްގެ ގޮތުގައި. ބަސް ކިޔާނެ ބަޔަކީ އަޅުގަނޑުމެން. ދިވެހިރާއްޖެއަށް އެންމެ ފައިދާ ހުރި ރައްޔިތުންނަށް އެންމެ ފައިދާ ކުރާ ގޮތަށް މިހާރުވެސް ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވާނީ އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން އޮންނާނީ އެ ގޮތުގައި،"

މި ސަރުކާރާއި ޗައިނާއާ ވެސް އޮތީ ރަނގަޅު ގުޅުމެއް ކަމަށާ މިހާރުވެސް އެ ގައުމުގެ އެހީތެރިކަން ލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ގާއިމު ތިބޭ ކަމަށް ދައްކާ ވާހަކަތަކަށް ވެސް ރައީސް ވަނީ ރައްދު ދެއްވާ އެކަން ސާފުކޮށް ދެއްވާފައެވެ. ރައީސް ވިދާޅުވީ އަސްކަރީ ބޭނުމަކަށް އެއްވެސް ގައުމެއްގެ ސިފައިން މި ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އަދި ޓްރެއިންތަކާއި އެކްސަސައިޒްތަކުގައި އެކި ގައުމުތަކުގެ ސިފައިން ވަކި ދުވަސްވަރެއްގައި ތިބުމަކީ ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ތިބުން ނޫން ކަމަށެވެ.

"ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލްޓަރީ މަަސައްކަތެއް ކުރާކަށް މިރާއްޖެއަކު މިހާރަކު ވެސް ނެތް. އިއްޔެ އަކުވެސް ނެތް. އަަޅުގަނޑު ދެކޭ ގޮތުގައި އޭގެ ކުރިއަކުން ވެސް ނެތް،" ރިޔާސީ ބަހުސްގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެމަނިކުފާނު ވެރިކަމަށް ވަަޑައިގެންނެވިއިރު ރާއްޖެ އޮތް ހާލަތާއި މިހާރުގެ ހާލަތު ވަޒަން ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.