ދަނގެތީގެ ފެނުގެ ނިޒާމުގެ މަސައްކަތް 2016 ގައި ހަވާލުކޮށް 2018 ގައި ނިންމީ އިންޑިއާ ކުންފުންޏަކުންނެވެ. ނަމަވެސް އެރަށުގެ ގެތަކަށް މި ނިޒާމުގެ އެންމެ ފުރިހަމަ ހިދުމަތެއް ލިބިފައެއް ނެތެވެ.
ދަނގެތީގައި ފެނުގެ ނިޒާމެއް ގާއިމް ކުރަން އިންޑިއާ ބަޔަކަށް ކުރީ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އިފްތިތާހު ކުރީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެ ރަށަށް ފެނެއް ނުލިބުނެވެ. ނަތީޖާއަކީ އަނެއްކާ ދެވަނަ ފަހަރަށް އެރަށުގެ ފެނުގެ ނިޒާމު ރަނގަޅު ކުރަން ޖެހުނެވެ. މިފަހަރު މި މަސައްކަތާ ހަވާލުވީ ކަރަންޓު ކުންފުނިންނެވެ. އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އަޅާފައިވާ ދަނގެތީ ފެނުގެ ނިޒާމުގެ ފެން ޖަމާކުރާ ޓޭންކުގައި ދަބަރު ހުއްޓެވެ. ހޮޅިތައް ހުރީ ފަޅައިގެންގޮސްފަ އެވެ. ހޮޅިތަކުން ލީކުވެ އެވެ.
ޝަރީފު ވިދާޅުވީ ކީކޭ ؟ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިލެކްޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޝަރީފު ވިދާޅުވީ ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށާއި އަދި ސަރުކާރުން ސްޓެލްކޯ އާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް، ސްޓެލްކޯ އިން އެ ކަހަލަ އެއްވެސް ހިދުމަތަކާއި ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތް ތޯ ބަލާނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ އޭނާ ސްޓެލްކޯއާއި ހަވާލުވި އިރުވެސް، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތް ކަމަށާ އެމަނިކުފާނާއެކު ވެސް އައިސް އެ ވާހަކަ ދެއްކެވިފައިވާ ކަމަށެވެ.
"ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެ ހިދުމަތް ލިބިދެވޭނީ ކިހިނެތް ތޯ. އެ ބެލުން" ޝަރީފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތް ހަވާލުވުމުން ސްޓެލްކޯގެ ކަމާއި ގުޅުން ހުރި ޑީޕާޓްމަންޓުގެ ވެރިޔާއަށް ފެނުގެ ހިދުމަތް ދަނގެތީގައި ދެވޭނީ ކިހިނެތްތޯ ބެލުމަށް ހަވާލު ކުރި ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އޭގެ މައުލޫމާތުތައް ދެއްވި ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެ ކުންފުނި [އިންޑިއާގެ ލަކީ އެކްސްޕޯޓްސް] އިން މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށް ވެސް މި ވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ނުހިފަހައްޓާ،" ޝަރީފު ވިދާޅުވި އެވެ.
މިހާރު އޮތީ މި ވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ނުހިފެއްޓުން
އަހުމަދު ޝަރީފު | ސްޓެލްކޯ އެމްޑީ
އޭނާ މީގެ އިތުރުން ވިދާޅުވީ އާރުއޯ ޕްލާންޓު ވެސް އެކަށީގެންނުވާ ޕްލާންޓެއް ކަަމަށާ އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭ ވަރުގެ ޕްލާންޓެއް ކަމަށެވެ.
"އެއަށްވުރެ މުހިއްމު އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެ ހޮޅިތަކަކީ އެއްގޮތަކަށް ވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން. " ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނގެތީގައި މި ވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާއި އެކު ލީކުވާން ފަށާ ކަމަށާއި، ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދާ ކަމަށެވެ.
ދަނގެތީގައި ފެނުގެ ނިޒާމް ޑިޒައިންކޮށް ބިލްޑް އުސޫލުން އަޅަން ހަވާލުކުރީ އިންޑިޔާގެ ލަކީ އެކްސްޕޯޓްސް ކުންފުންޏާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 1، 2016 ގަ އެވެ. މިއީ އިންޑިއާގެ އެ ކުންފުނިން މި ބާވަތުގެ މަސައްކަތެއް ރާއްޖޭގައި ހަވާލުކުރި ފުރަތަމަ ފަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މަސައްކަތް ހަވާލުކުރި މި މަޝްރޫއަކީ 26.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަތް ކިލޯމީޓަރުގެ ދިގު މިނުގެ ފެންވިއުގައެއް ދަނގެތީގައި ގާއިމްކުރި އެވެ. އަދި 60 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައި ވެ އެވެ. އަދި ފެން ރައްކާކުރުމަށް 165 ޓަނުގެ ތާނގީއަކާއި 78 ކިއުބިކް މީޓަރު ޓަނުގެ ތާނގީއެއް މި މަޝްރޫޢުގެ ދަށުން ބެހެއްޓި އެވެ. އަދިއެ ރަށުފެ 180 ގޭބިސީއަކަށް ފެނުގެ ހިދުމަތް ގުޅި އެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ 3، ސެޕްޓެމްބަރު 2018 ގައި ރައީސް އަބްދުﷲ ޔާމީން އެވެ.