"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، އުދަ އަރައިފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.
ކަނޑު ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މެޓުން ބުނީ ރާޅު ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މެޓުން ވަނީ ހެނދުނު ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު ސަމާލު ނެރެފައި ވަނީ ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެ ސަރަހައްދުގައި ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.