ރައީސް ބަނދަރަށް ފައިބާ ވަޑައިގަތުމާ އެކު ޖީހާން ވަނީ ރައީސްގެ ގައިކޮޅުގައި ބައްދާލައްވާފައެވެ. ޖީހާން އަކީ ރައީސާ ދެބެންގެ ދެދަރި ބޭފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގަތުމުން މުޅި ރައްޔަތް އެކުހެން ނިކުމެ އެމަނިކުފާނަށް ލޯބްތާއި ކުލުނުގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެ ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ރައީސް ބަނދަރަށް ފައިބާ ވަޑައިގަތުމާ އެކު ޖީހާން ވަނީ ރައީސްގެ ގައިކޮޅުގައި ބައްދާލައްވާފައެވެ. ރައީސަކީ ޖީހާނުގެ މައިފުށު ބޮޑުބޭބެއެކެވެ.
ރައީސް ސޯލިހަށް ހިންނަވަރަށް ވަޑަައިގެންނެވުނީ އިރުއޮއްސެން ވަރަށް ކައިރިވެފައި ވަނިކޮށެވެ. ރަށުގެ ބަނދަރު މަތީ އޮތް ދިގު މިނަށް ރައްޔިތުން ސަފަކަށް އެތުރިގެން ތިއްބެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ސަޕޯޓަރުންނާ ސަލާމް ކުރެއްވުމުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ބަނދަރު ސަރަހައްދުން ފެށިގެން ދަމާލާފައި އޮތް ސަފު ރަށުތެރޭގެ ބޮޑު ބަޔަކަށް އޮތީ ފެތުރިފަ އެވެ.
ރަށު ރައްޔިތުން އެއް އަޑަކުން ގޮވަމުން ދިޔައީ "ރައީސް އިބޫ އެއްބުރުން" އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އެ ރައްޔިތުން ގޮވަމުން ދިޔަ އެވެ. މިއީ އެމްޑީޕީ ކިއްލާއެއް ކަމަށާއި އިންތިހާބުގެ ނަތީޖާއިން އެކަން ފެންނާނެ ކަމަށް ވެސް އަނެއް ބަޔަކު ހަރު އަޑުން ބުނަމުން ދިޔައެވެ.
ރައީސް މިއަދު ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ހިންނަވަރެވެ. މިރޭ އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޖަލްސާ އޮންނާނީ މިރޭ 9:00 ގައެވެ. މިރޭގެ ޖަލްސާއިން މިރަށުން ރައީސަށް އޮތް ތާއީދު ވަރަށް ބޮޑަށް ފެނިގެން ދާނެ ކަމަށް ރަށު ރައްޔިތުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް ވަނީ ވަރަށް މަދު ރަށްތަކަކަށް ނޫނީ މިހާރު ވަޑައިގެންފައެވެ. އެ ހުރިހާ ރަށްތަކަކަށް ވުރެ ހިންނަވަރު އެމަނިކުފާނަށް ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ. އެއީ އެމަނިކުފާނު ދެކެފަރިތަ އެންމެ ގާތް މީހުން ތިބި ރަށެވެ. އެއްބަނޑު އެއްބަފާ ބޭފުޅުންނާއި އާއިލީ ގާތް ތިމާގެ މީހުން ނިސްބަތްވާ ރަށެވެ.
އަނެއްކޮޅުން މިއީ އެންމެ ހޫނު މަރުހަބާ ކީ އެއް ރަށެވެ. އާންމުންނާއި ސަލާމް ކުރައްވަން އެންމެ ގިނަ ވަގުތު ހޭދަވީ ރަށެވެ. އެމަނިކުފާނު މީގެ ކުރިން 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާ ތަމްސީލު ކުރެއްވި އެވެ. ވެރިކަމަށް ވަޑައިގެންނެވީ ވެސް އެ ގޮނޑި ފުރުއްްވަމުންނެވެ.
ރައީސް ސޯލިހްގެ އުފަން ރަށުގައި މިރޭ ބާއްވާ ޖަލްސާއަށް ފަހު މާދަމާ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާއަށް ގިނަ ބަޔަކު ދަނީ މާލެ އަންނަމުންނެވެ.