މިދިއަ ދެކުނު އެފްރިކާގެ ވެރިރަށް ޖޮހިނަސްބާގްގައި ބޭއްވި ބްރިކްސް ސަމިޓްގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަތީ ވެސް ވީޑިއޯ ލިންކެއް މެދުވެރި ކުރައްވަ އެވެ.
އަންނަ މަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވާ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހު ދަންނަވައި ދެ ބޭފުޅުން އިސްކަން ދެއްވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ޖީ20 ގެ މިއަހަރުގެ ސަމިޓް އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 އިން 10 އަށެވެ. އިންޑިއާ އަކީ ޖީ20 ގެ މި ދައުރުގެ ރިޔާސަތެވެ.
ރައީސް ޕޫޓިން، ބޮޑުވަޒީރު މޯދީއަށް ގުޅުއްވައި ވިދާޅުވީ ސަމިޓަށް އެމަނިކުފާނަށް ވަޑައިގެންނެވެން ނެތް ކަމަށާއި އެހެން ނަމަވެސް ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަޑައިގެން ދިއްލީ ސަމިޓުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ދެ ބޭފުޅުންގެ ފޯންކޯލް މަޝްވަރާތަކަށް ފަހު، އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ލީޑަރުން ވެސް، އެ ދެ ބޭފުޅުންގެ މެދުގައި ކަންބޮޑުވުން އޮތް ސަރަހައްދީ އަދި ދުނިޔޭގެ ބައެއް މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މި ފޯން ކޯލުގެ ކުރިން ވެސް ރަޝިޔާ ސަރުކާރުގެ ތަރުޖަމާނަކު މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ރައީސް ޕޫޓިންގެ ކުރިފުޅުމަތީގައި "ބިޒީ ޝެޑިއުލެއް" އޮތުމުން ޖީ20 ގެ ދިއްލީ ސަމިޓުގައި ބައިވެރި ނުވެވަޑައިގަންނަވާނެ އެވެ.
ޖީ20 ގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 19 ގައުމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަނެވެ. އިންޑިއިން މި އަހަރު ޖީ20 ގެ ރިޔާސަތު ބަލަހައްޓާއިރު އެ ރިޔާސަތަކީ އަހަރަކު އެއްފަހަރު މެމްބަރު ގައުމުތަކުގެ މެދުގައި ދައުރުވާ ރިޔާސަތެކެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، އިންޑިއާ ދަރިކޮޅުގެ ރިޝީ ސުނާކް ހިމެނޭ ގޮތަށް ދުނިޔޭގެ ލީޑަރުން މި ފަހަރުގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ދިއްލީ ސަމިޓުގައި މި އަހަރު ވާހަކަތައް އެންމެ ބޮޑަށް ބައްޓަންވާނެ މައުލޫއަކަށް ވާނީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތަ މައްސަލަ އެވެ.
މިދިޔަ ހަފްތާގައި ރައީސް ޕޫޓިން ވަނީ ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގެންފަ އެވެ. -- ބްރިކްސް އަކީ ބްރެޒިލާއި ރަޝިއާ އާއި އިންޑިއާ އާއި ޗައިނާ އަދި ދެކުނު އެފްރިކާގެ ކުރު ނަމެއް --
ދެކުނު އެފްރިކާގެ ވެރިރަށް ޖޮހިނަސްބާގްގައި ބޭއްވި ބްރިކްސް ސަމިޓްގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަތީ ވީޑިއޯ ލިންކެއް މެދުވެރި ކުރައްވައިގެނެވެ.
އެގޮތަށް އަމަލުފުޅު ކުރެއްވީ ޔޫކްރޭން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ ޕޫޓިން ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން އަމުރެއް ނެރެފައި އޮތުމުން އެ މަނިކުފާނު ހައްޔަރު ކުރެވިދާނެ ނުރައްކާތަކުން ސަލާމަތްވުމަށެވެ. ބީޒީ ޝެޑިއުލެއްގެ ސަބަބުން ކަމަށް ވިދާޅުވެ ޖީ20 ގެ ސަމިޓަށް ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަތް މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
އިއްޔެ އިންޑިއާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ރަޝިޔާގެ ނިންމުމަށް ބޮޑުވަޒީރުގެ މޯދީ އިހުތިރާމް އޮންނާނެ ކަމަށެވެ. އަދި ޖީ20 ގެ ރިޔާސަތުގައި ދިއްލީގެ އިސްނެގުންތަކަށް ރަޝިއާ ތާއީދު ކުރާތީ ޕޫޓިންއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.