"މި ސަރުކާރަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލާ ބީރައްޓެހި ބައެއް. ގައުމުގެ މިނިވަންކަން ގައުމުގެ އިސްތިގުލާލު މިއަދު ބީވެގެން އެހެރަ ދަނީ. ބޭރު ބައެއްގެ އަތްމައްޗަށް އެކަން އެބަ ދޭ"
މި ސަރުކާރަކީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލާ ބީރައްޓެހި ސަރުކާރެއް ކަމަށާ ރާއްޖޭގެ ކޮންމެ ދިމާއަކުން ވެސް އިވެނީ ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް ބުނާ އަޑު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. ތިމަރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް މިއަދު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފައި ވާ ކަމަށެވެ. އެހެން ދިމާވަނީ މި ސަރުކާރަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލާ ބީރައްޓެހި ބަޔަކު ހިންގާ ސަރުކާރަކަށް ވުމުން ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ދިވެހީންގެ އިސްތިގުލާލު ބޭރު ބައެއްގެ އަތްމައްޗަށް ފުރޮޅެމުންދާ ކަމަށާ އެހެން ކަމުން މިނިވަންކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް ކަމަށެވެ. އެކަމަށް އޮތް އެންމެ ވަރުގަދަ ޖިހާދަކީ ވޯޓް ދިނުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުން ކުރުން ކަމަށް އަމީން ވިދާޅުވި އެވެ.
"މި ސަރުކާރަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލާ ބީރައްޓެހި ބައެއް. ގައުމުގެ މިނިވަންކަން ގައުމުގެ އިސްތިގުލާލު މިއަދު ބީވެގެން އެހެރަ ދަނީ. ބޭރު ބައެއްގެ އަތްމައްޗަށް އެކަން އެބަ ދޭ. އެކަން އަޅުގަނޑުމެންނަށް ކަށަވަރު ވޭ އެބަ،" އަމީން ވިދާޅުވި އެވެ.
އަމީން ތަކުރާރުކޮށް ވިދާޅުވީ މިހާރު އޮތީ ނާގާބިލް ސަރުކާރެއް ކަމަށެވެ. ހުރިހާ ރަށަކުން ވެސް އިވެނީ އަޑުއަހަން ފަސޭހަ ޝަކުވާތަކެއް ނޫން ކަމަށެވެ. ރަށްރަށަށް ކޮށްދެއްވަން ވައުދުވީ އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައި ނެތް ކަމަށް ވިދާޅުވި އެވެ.
ފަށާފައިވާ ކޮންމެ ކަމަކުން ވެސް ފެންނަނީ ކޮރަޕްޝަނަށް ފުރުސަތު ފަހިކޮށްފައި އޮތް މިންވަރު ކަަމަށް ވިދާޅުވެ ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ ދިމާއަކުން ވެސް މި ބުނަނީ ބަދަލު ކުރަން އެބަ ޖެހެއޭ. މި ކުރެވުނު ކަމެއް ރަނގަޅެއް ނުވިޔޭ. މިކަން ރަނގަޅު ކުރަން އެބަ ޖެހެޔޭ، އިސްލާހު ކުރަން ޖެހެޔޭ،"
އަމީން ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން މި ސަރުކާރު ގެނައީ ވަރަށް ފޮނި އުންމީދުތަކެއް ގައެވެ. އަދި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީ ކޮށްފައިވާ ކަމަށް ބުނާއިރު ރަށްރަށުން އެ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން މި ފަހަރު ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެވޭނެ ގާބިލް ބޭފުޅަކަށް ފުރުސަތު ދެއްވުމަށް އަމީން އެދިވަޑައިގެންނެވި އެވެ.
"މި ފަހަރު ހޮވަންވާނީ ތިބޭފުޅުންނަށް އިހްސާންތެރިވި ލީޑަރެއް. ތި ބޭފުޅުންނަށް އަޅާލާ ލީޑަރެއް. ތިބޭފުޅުންނަށް އަޅާލާ ކަމުގެ ޔަގީންކަން މިއަދުވެސް އެ އޮތީ ދައްކާފައި. އެހެންވީމަ ގާސިމަކީ ޓެސްޓެޑް ޕްރޫވަންޑް ލީޑަރެއް،"
އަމީން ވިދާޅުވީ ތ އަތޮޅާއި ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުން ފެނުނީ ތަރައްގީގެ ނަމުގައި ރަށްތައް ހަލާލުކޮށްލާފައިވާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުން ކުރަމުން އައި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަަސައްކަތް ފުނޑާލާ މަދު ފައިސާ ކޮޅަކަށް ޒުވާނުން ރަށުގައި ބައިތިއްބާފައި ތިބި މަންޒަަރު ކަމަށެވެ.
ތިމަރަފުއްޓަށްވީ އެއްވެސް ވައުދެއް ފުއްދަމުން ނުދާ ކަމަށާ އޭގެ ކުރީން ވަޑައިގެންނެވީ ކިނބިދޫއަށް މި ސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދާފައި ނުވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަމީން ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ފުުރުސަތު ދެއްވައިފިނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.