އިސްރޯ އިން މިއަދު ހެނދުނު އިއުލާން ކުރި ގޮތުގައި ރޯވަރުގެ ހުރިހާ މޫވްމަންޓްތަކެއް ދަނީ ޕްލޭނާ އެއް ގޮތަށް ޔަގީންކަން މަތީގަ އެވެ.
އިންޑިއާގެ ހަނދު މިޝަން ކާމިޔާބުކޮށް ޖައްވީ އުޅަނދު ޗަންދްރަޔާން-3 މިދިއަ ބުދަ ދުވަހު ދުނިޔެ އާއި ހަނދުގެ ހަޔާތުން ތާރީހީ ލަނޑު ދަނޑިއަކަށް ވާސިލް ވެފައިވާއިރު މިހާރު ހަނދުގެ ދެކުނު ތަނޑި / އަނދިރި ފަޅިއަށް ޗަންދުރާޔަން - 3 ގެ ވިކްރަމް ލޭންޑަރުން ބޭލި ހަ ފުރޮޅުލީ ރޯވަރު، "ޕްރަގްޔާން" އޭގެ ތަހުލީލީ ދަތުރު ފަށައި ހިރަފުހާއި ފުން ވަޅުގަނޑުތަކާއި ހިލައިގެ އަޑި ގުޑަންތަކަށް ސަމާލުވެ އޮވެގެން ހަނދުގެ ބިމުން އަށް މީޓަރުގެ ރާސްތާއަކަށް ދަތުރު ކޮށްފި އެވެ.
އެހެނެއްކަމަކު ރޯވަރުއަށް އަދި އެ ދެވުނު މިންވަރަކީ ގާތްގަނޑަކަށް ސައްބީހަކަށް ފޫޓުގެ ކުޑަ ތަންކޮޅެވެ. ރޯވަރުގެ މި ދުއްވުން އޮންނަ މަންޒިލަކީ ހަނދުގެ ދެކުނުން ގާތްގަނޑަކަށް 68 ޑިގްރީ ދެކުނެވެ. އެއީ ރަޝިއާ ލޫނާ 25 ގެ ހަނދަށް ވެއްޓި ގޮވި ސައިޓާ އެހާ ދުރެއް ނޫނެވެ. އެ ސައިޓަކީ ހަނދުގެ ދެކުނު 70 ޑިގްރީއާ ކައިރި އެވެ.
ބަރުދަނުގައި 26 ކިލޯގެ ހުންނަ މި ރޯވަރު، ޕްރަގްޔާން ހަނދުގެ އެއްގަމުގައި ކުޑަ ކާރެއްގެ ދުއްވުމަކަށް ވާނެހެން ފިރުކޭނީ ސިކުންތަކަށް 1 ސެންޓިމީޓަރުގެ އިސްޕީޑެއްގަ އެވެ. އޭގެ ހަ ފުރޮޅުގެ އެނބުރުމުގައި ކޮންމެ ބުރެއް ހަމަކޮށް އަޅާ ފިޔަވަޅަކުން ހަނދުގެ ބިމުގައި އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ލޯގޯ އާއި އިންޑިއާގެ ނިޝާން ތައްގަނޑަކަށް ފަވާނެ އެވެ.
ހަނދަށް ޖެއްސި ވިކްރަމް ލޭންޑަރާއި އޭގެ "ބަނޑުތެރޭ" ގައި ހަނދަށް އުފުލައިދީ ހާއްސަ ރޭމްޕެއްގެ މަތީގައި ހަނދުގެ އެއްގަމަށް ކޮއްޕާލައި ބޭލި، ޕްރަގްޔާންގެ ރޯވަރުގެ އުމުރަކީ ހަނދުގެ އެއް ދުވަސް -- ދުނިޔޭގައި 14 ދުވަސް -- ކަމަށް ބަލާށެވެ. އެހެން ނަމަވެސް 2019 ގައި ހަނދުގެ އިހްތިސޯސީ ދައުރުގެ ތެރެއަށް އިންޑިއާއިން އުދުއްސި ޗަންދުރާޔާން -2 ގެ ނާކާމިޔާބީގެ ތަޖުރިބާއަށް ބަލައި އިސްރޯއިން ވަނީ އެއަށްވުރެ އުމުރު ދިގު ވެދާނެ ގޮތަށް ރޯވަރާއި ލޭންޑަރު ފަރުމާ ކޮށްފަ އެވެ.
މި ލޭންޑަރާއި ރޯވަރު ފަރުމާ ކޮށްފައިވާ ގޮތުން އިރުގެ ހަކަތަ ބޭނުންކޮށް، ހަނދުގެ ދުވަހެއްގެ ތެރޭގައި އޮންބޯޑް ބެޓެރިތައް ޗާޖު ކުރެވެ އެވެ.
ހަނދުގެ އީކުއޭޓަރުގައި ދުވާލު ފިނިހޫނުމިން 120 ޑިގްރީ ސެލްސިއަސް އަށް ދާއިރު، ރޭގަނޑު ފިނިހޫނުމިން -130 ޑިގްރީ އަށް ވައްޓާލަ އެވެ. މި ފިންޏަކީ ވިންދަކަށް ވެސް ހަލުވާލައި ގުޑުވައިވެސް ނުލެވޭ ވަރަށް ގަނޑުކޮށް ފިނިމިން ހުންނާނެ މިންވަރެކެވެ. އެ ގަދަ ފިނިން ލޭންޑަރާއި ރޯވަރު ސަލާމަތް ވެއްޖެނަމަ އަނެއްކާވެސް އިރުގެ ހަކަތަ ލިބުމުން ދިރުމެއް ލިބިދާނެ ފުރުސަތެއް އޮވެ އެވެ.
ރޯވަރުގެ ފިރުކޭ ދުވެލީގައި ހަނދުގެ ބިމުން އަށް މީޓަރަށް ކާމިޔާބު ކަމާއެކު ދަތުރު ކޮށްފައިވާއިރު އޭގެ ޕޭލޯޑް، ލޭޒާ އިންޑައުސްޑް ބްރޭކްޑައުން ސްޕެކްޓްރޯސްކޯޕް އާއި އޭޕީއެކްސްއެސް ނުވަތަ އަލްފާ ޕާޓިކަލް އެކްސްރޭ ސްޕެކްޓްރޯމީޓަރު މިހާރު ވަނީ އޮންކޮށް ބޯ ހިރަފުސްގަނޑެއް އޮބެމުންދާ ހަނދުގެ ޖައްވަށް ލޯ ހުޅުވާލާފަ އެވެ.
އިސްރޯ އިން މިއަދު ހެނދުނު އިއުލާން ކުރި ގޮތުގައި ރޯވަރުގެ ހުރިހާ މޫވްމަންޓްތަކެއް ދަނީ ޕްލޭނާ އެއް ގޮތަށް ޔަގީންކަން މަތީގަ އެވެ. އަދި އޭގެ ޕްރޮޕަލްޝަން މޮޑިއުލް އާއި ލެންޑާ މޮޑިއުލް އާއި ރޯވަރުގެ ހުރިހާ ޕޭލޯޑްތަކެއް އޮތީ ބަރާބަރަށް ސަމާލު ވެގެނެވެ.
ރޯވަރުގެ ލޭޒާ އިންޑައުސްޑް ބްރޭކްޑައުން ސްޕެކްޓްރޯސްކޯޕް އާއި އަލްފާ ޕާޓިކަލް އެކްސްރޭ ސްޕެކްޓްރޯމީޓަރު އެކްޓިވޭޓް ކޮށްފައި ވަނީ ހަނދުގެ ފަސްގަނޑު ބަލައި ތަހުލީލުތައް ކުރުމަށެވެ. އެ ގޮތުން ހަނދުގެ ހިރަފުސްގަނޑުގައި ހުންނަ ކެމިކަލް އުފެއްދުންތައް ދެނެގަންނީ ތޫނު ލޭޒަރެއް ބޭނުންކޮށް ޕްލާސްމާއެއް އުފައްދައިގެނެވެ.
އަލްފާ ޕާޓިކަލް އެކްސްރޭ ސްޕެކްޓްރޯމީޓަރު ހަނދު ބިން ދިރާސާ ކުރުމުގައި އެކި ދިމަދިމާލަށް ފެތުރިފައިވާ ޕާޓިކަލްތަކާއި ހަނދުގެ ޖައްވުން ތަކެތި ދެނެގަނެ، ހަނދުގެ ފަސްގަނޑުގެ ކެމިކަލް ކޮމްޕޮޒިޝަން ދަމައިގަންނާނެ އެވެ.