ޔާމީނާއި މުއިއްޒު އޮޅުވާލައިގެން މިލިއަނުން ފައިސާ ނެގި: ގާސިމް

"މިއަދު އަޑުއަހަން 400، 500 އަށްވުރެ ގިނަ މިލިއަން ރުފިޔާ އެކަމިކުފާނުގެ ދިވެހިރާއްޖޭގެ ހުރި ބޭންކް އެކައުންޓްތަކުގަ ހުރި ވާހަކަ. އަދި ހަމައެހެންމެ ބޭރުގެ އެކައުންޓްތަކުގަ ހުރި ވާހަކަ ވެސް އަޑުއަހަން،"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ޑރ. މުހައްމަދު މުއިއްޒު ނުފޫޒުގެ ބޭނުންކޮށްގެން މިލިއަނުން ފައިސާ ނަގާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. މަގޫދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް މިއަދު ވަނީ ޔާމީނަށާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން ދައްކަމުން ދިޔައީ ތެދު ވާހަކަތަކެއް ކަމަށެވެ. ޔާމީން އަމިއްލަފުޅަށް ޓީވީ ޗެނެލެއްގައި ވާހަކަދައްކަވަމުން، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ފޮށިގަނޑުތަކުގައި އެމަނިކުފާނުގެ ގެކޮޅަށް ގެންދަނީ ހަލާލު ފައިސާ ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމު ލިބިވަޑައިގަތުމުގެ ކުރިން މުއިއްޒަކީ އެއްވެސް އެއްޗެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އެކަމަކު އަމިއްލަ ގެކޮޅު 15 ބުރިއަށް ހެދީ ކޮން ގޮތަކަށް ކިހިނެއް ހޯދި ފައިސާއިންތޯ ސުވާލު އުފެދޭ ކަމަށެވެ.

"ޕީއެންސީން ނެރެފަ ހުރި ކެންޑިޑޭޓު, އެއީ ކުރީގެ ސަރުކާރުގެ ކޮން މަގާމެއްގައި ހުރި ކާކުތޯ؟ އޭރު ސަރުކާރަށް ވަޑައިގެންނެވި އިރު އަތްޕުޅުގައި އޮތީ ކޯއްޗެއްތޯ؟ ކިހާވަރެއްތޯ؟ ދެން އަޅުގަނޑުމެންނަށް މިހާރު ފެންނަނީ 15 ބުރިއަށް ގެ އަޅުއްވައިގެން މާލެ އުޅުއްވާ މަންޒަރު. ހިންގެވި ޕްރޮޖެކްޓެއްގެ ސައިޑުން ކޮޅުދާއްޔަށް ނެގި އެތިކޮޅަކުންނޭ އެކަންކަން ނިމިފައި ވަނީ," ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޔާމީން ވެރިކަމަށް އައުމުގެ ކުރިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަހަޅުއްވާ ކަމަށެވެ. އޭރުގެ މާލީ ބަޔާންތަކާއި، ވެރިކަމުގައި ހުންނެވިއިރު ހުށަހެޅުއްވި ބަޔާންތަކާ އަޅާ ކިޔާލުމުން ތަފާތު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

"ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެބޭފުޅާގެ މާލީ ބަޔާން އަބަދުވެސް ހުށަހަޅަމުން ގެންދޭ ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހަށް. ބައްލަވާލައްވާ އޭރު އަމިއްލަ މާލީ ބަޔާނުގަ ކިހާވަރެއް ޑިކްލިއާ ކޮށްފަ އޮތްތޯ އެމަނިކުފާނުގެ އަމިއްލަ ޕާސަނަލް އެކައުންޓްތަކުގަ. މިއަދު އަޑުއަހަން 400، 500 އަށްވުރެ ގިނަ މިލިއަން ރުފިޔާ އެކަމިކުފާނުގެ ދިވެހިރާއްޖޭގެ ހުރި ބޭންކް އެކައުންޓްތަކުގަ ހުރި ވާހަކަ. އަދި ހަމައެހެންމެ ބޭރުގެ އެކައުންޓްތަކުގަ ހުރި ވާހަކަ ވެސް އަޑުއަހަން،" ގާސިމް ވިދާޅުވި އެވެ.

ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ޔާމީނާއި މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައި --

ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި އެމަނިކުފާނުގެ އެކައުންޓަށް މިލިއަނުން ފައިސާ ވަދެފައިވާ ޗެކުތައް ވަދެފައިވާކަން އެނގޭ ކަމަށް ގާސިމް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން ގއ. ވޮޑުމުލާ މައްސަލައިގައި ޗެކް ނަންބަރެއް ދިމާވެގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ކުށް ސާބިނުވާ ކަމަށް ކަނޑައެޅުމަކީ "ޖޯކެއް" ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން މިހާރު އެހުރީ ހައްގު ނޫން ކަމަކަށްވެ، ހަރާން ދައުވާއަކަށްވީ. ވީ ކިހިނެއްތޯ، ކޮން ގޮތަކަށް އައި ލާރިއެއްތޯ މީ؟ މީގެ ކުރީގަ ނޫނީ މިހާރު އެގޮތަށް މިލިއަނުން މިލިއަނުން ޑޮލަރު ޖަމާވޭތޯ؟ ނޫނީ މިލިއަނުން މިލިއަނުން، 100 މިލިއަނުން، 200 މިލިއަނުން އެއް މިލިއަނުން ނޫނީ ދެ މިލިއަނުން ރުފިޔާ ޖަމާވޭތޯ އެބޭފުޅާގެ އެކައުންޓަށް؟" ގާސިމް ސުވާލު އުފެއްދެވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ ބޮޑު ތުހުމަތެއް

ގާސިމް މިއަދު ވާހަކަދައްކަވަމުން ވަނީ ޔާމީންގެ ސަރުކާރުގައި ނުހައްގު ގޮތުގައި ފައިދާ ހޯދައިފައިވާކަމުގެ މިސާލެއް ވެސް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން، 25 ބުރިއަށް ދަރުމަވަންތަ ހޮސްޕިޓަލް އެޅީ 100 މިލިއަން ޑޮލަރު ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ.

ކަން ހިނގާ ދިޔަ ގޮތް ވިދާޅުވެދެއްވަމުން ގާސިމް ވިދާޅުވީ ހޮސްޕިޓަލް އަޅަން ބަޔަކަށް ކޮންޓްރެކްޓް ކުރީ ރައްޔިތުންގެ މަޖިލީހަށް ނުވެސް އަންގާ ކަމަށެވެ. އެ ކުންފުންޏަށް ދިނުމަށްފަހު ފަހުން މަޖިލީހަށް ލިޔުންތައް ހުށަހެޅިއިރު، ޕްރޮޖެކްޓް ހަވާލުކުރި 50 މިލިއަން ޑޮލަރަށް އެތައް އަޅައިދޭން ބަޔަކު ކޯޓޭޝަން ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެތަން ހެދި ކުންފުނިން ހުށަހަޅާފައި އޮތީ 151 މިލިއަން ޑޮލަރު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ނާންގާ ޕްރޮޖެކްޓް 151 މިލިއަން ޑޮލަރަށް ކުންފުންޏަކާ ހަވާލުކޮށް ނިންމުމަށްފަހު، މާފަހުން، ދެ ހަފްތާއެއް ފަހުން ރައްޔިތުންގެ މަޖިލީހަށް ޕޭޕަރުތައް ފޮނުވިއިރު، ޕޭޕަރުތައް ބަލާލިއިރު އެބަ އުޅޭ އެހެން ކުންފުންޏެއްގެ ކޯޓޭޝަނެއް ވެސް 50 މިލިއަން ޑޮލަރަށް. މިހާރު ހޮސްޕިޓަލް އިމާރާތް ކުރި ކުންފުންޏަށްވުރެ މާ ޓްރެކް ރެކޯޑް ރަގަޅު، މާ ތެދުވެރި، މާ ޑައިނަމިކްކޮށް މަސައްކަތް ކުރި ކުންފުންޏެއް އޮތް ހުށަހަޅާފަ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ޔާމީންގެ ސަރުކާރުން އެޅީ ލޯނެއް ނަގައިގެން ކަމަށެވެ. އެ 100 މިލިއަން ޑޮލަރަށް ވީ ކިހިނެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. ޔާމީން ވެރިކަން ކުރެއްވީ ރައްޔިތުންގެ ފައިސާ ނުހައްގު ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ،

ދަރުމަވަންތަ ހޮސްޕިޓަލް ޔާމީންގެ ސަރުކާރުން އެޅީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން 140 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އެއީ ހަމައެކަނި އިމާރާތް ކުރުމަށް ދިޔަ ހަރަދެވެ. އެތަނަށް ބޭނުންވާ ގިނަ ސާމާނު އަދިވެސް ހޯދާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.