"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވީ ފުރަތަމަ ކަމަކަށް. އިހްމާލުވީ،" ކުރީ ސަރުކާރަށް ތަރައްގީ ނުގެނެވުނު ސަބަބުތައް ހާމަކުރައްވާ ރައީސް ވިދާޅުުވި އެވެ.
ކުރީ ސަރުކާރަށް ރަށްރަށް ތަރައްގީ ނުކުރެވުނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރަމުން ގެންދިއުމުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ކަމަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ކުރީ ސަރުކާރުން ރަށްރަށް ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ރައީސް ވަނީ ހުރިހާ ބާރަކާއެކު ސަރުކާރެއް ލިބުނުއިރު ރަށްރަށުގެ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
ރައީސް ވަނީ މި ސަރުކާރުން އެކަންކަން ކޮށްދީ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދޭން ފެށުން އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރާ ކަމެއް ކަމަށް ބުނެ ހަގީގަތް އޮޅުވާލަން ވާދަވެރީން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އެކަމަށް ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ހިންގަން ޖެހެނީ ޓެކްސް ފައިސާ އިން ކަމަށެވެ.
ކުރީ ސަރުކާރަށް އެކަންކަން ނުކުރެވުނީ ރައްޔިތުންގެ ޓެކްސް ފައިސާއާ ދައުލަތަށް އެ ނޫން ގޮތްގޮތުން ވަންނަ ފައިސާ އަށް ހިޔާނާތްތެރިވުމުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ފަޅުތަކާއި ފަޅު ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ ޖަމާކުރީ އަމިއްލަފުޅު އެކައުންޓަށް ކަމަށެވެ.
"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވީ ފުރަތަމަ ކަމަކަށް. އިހްމާލުވީ،" ކުރީ ސަރުކާރަށް ތަރައްގީ ނުގެނެވުނު ސަބަބުތައް ހާމަކުރައްވާ ރައީސް ވިދާޅުުވި އެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް މަސައްކަތް ކުރެއްވީ ގަދަބާރުން ވެރިކަން ކުރައްވަން ކަމަށެވެ. ދައުލަތުގެ ފައިސާ ހަރަދުކުރީ މުގުރަށާއި ޕެޕާސްޕްރޭއަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވީ ސިޔާސީ ހަލަބޮލި ކަމަށް ނުގޮސް ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ކަމަށެވެ.
ހުރިހާ ވަގުތެއް ހޭދަކުރީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ވިދާޅުވި އެެވެ. ރައީސް މިއަދު ވެސް ވިދާޅުވީ ސަރުކާރު ބަދަލުވެއްޖެނަމަ ރަށްރަށުގައި ކަރަންޓާއި ބަނދަރާއި ނަރުދަމާ އެޅުމުގެ މަސައްކަތް ހުއްޓޭނެ ކަމަށެވެ. އެހެން ކަމުން ކިތަންމެ ބޮޑަށް ސިޔާސީ ހިޔާލު ތަފާތުވުން ހުއްޓަސް ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ބަލާ އިންތިހާބުގައި ގޮތް ނިންމަން ޖެހޭ ކަމަށެވެ. އެ ގޮތަކީ އެމަނިކުފާނަށް ވޯޓް ދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.