ފުޅަދޫ ރައްޔިތުން ވަނީ ކުރިއަށް އޮތް ދައުރު ބޮޑު ތަފާތަކުން އެ ރަށުން ރައީސް ހޮވާނެ ކަމަށް ބުނެފައެވެ. އެކަން ރައީސަށް މަރުހަބާ ކިޔަން ބަނދަަރަށް ޖަމާވި މީހުންގެ ނަންބަރުން ޔަގީން ކުރެވެއެވެ.
އާލާސްކަންފުޅާ އުޅުއްވާތީ ހަތަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަލުން ކެމްޕެއިން ފެއްޓެވީ ބ އަތޮޅު ފުޅަދޫ އިންނެވެ. ސީޕްލޭންގައި ކުޑަކުޑަ ފުޅަދޫއަށް ރައީސް ވަޑައިގެންނެވިއިރު ރަށުގެ ހުރިހާ ރައްޔިތުންހެން ބަނދަރު މައްޗަށް ވަނީ ޖަމާވެފައެވެ.
ދުވަހަކުވެސް މި ރަށަށް މިވަރުގެ ސިޔާސީ އީދެއް އަދި ނާދެއެވެ. ބަނދަރު ސަރަހައްދު އެކަށްހެން ޒީނަތްތެރިކޮށްފައިވަނީ އެމްޑީޕީއާ އެމްޑީއޭގެ އަދި އަދާލަތު ޕާޓީ ރަމްޒުކޮށްދޭ ދިދަތަކުންނެވެ. ކޮންމެވެސް ވަރަކަށް ޕީޕީއެމާއި ޑިމޮކްރެޓްސްގެ ރަމްޒުކޮށްދޭ ދިދަތައް ވެސް ހުއްޓެވެ.
ފުޅަދޫގެ އާބާދީ އަކީ 393 އާބާދީ އެވެ. ރަށުގައި ދިރިއުޅެނީ 240 މީހުންނެވެ. އެންމެހެން ތިބީ ރައީސް ސޯލިހާ އެކީ އެވެ. އެއީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުންނެވެ.
މިއިން ޒަމާނަކު ފުޅަދޫއަށް ނާންނަ ތަރައްގީ މި ސަރުކާރުން ވަނީ ގެނެސްދީފައެވެ. ނިމިދިޔަ ކޮންމެ ސަރުކާރެއްގައި ރައްޔިތުން އެންމެ ބޮޑަށް އެދުނީ ބަނދަރެއް ހަދައިދިނުމަށެވެ. އެކަމަކު އެކަން ނުވެ އެތައް ސަރުކާރެއް ބަދަލުވެގެން ދިޔައީ އެވެ.
އެކަމަކު މި ސަރުކާރުން ވަނީ ފުޅަދޫގައި ރީތި ބަނދަރެއް ހަދަައިދީފައެވެ. ތަފާތު ކޮންސެޕްޓަކަށް ބަނދަރު ހަދައިދީފައި ވަނީ ރައްޔިތުން އެދުނު ގޮތަށެވެ.
ބަނދަރާއެކު ލޯކަލް ޓޫރިޒަމަށަ ވަރަށް ފަހި މި ރަށަށް ވަނީ ދިރުން ލިބިފައެވެ. މިހާރު ވެސް ފަސް ގެސްޓް ހައުސް މި ރަށުގައި އެބަ ހިންގައެވެ.
ބަނދަރުގެ އިތުރުން އެހެނިހެން ވަރަށް ގިނަ މަސަައްކަތްތައް ވަނީ ނިމިފައެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުއާ އައު ކްލާސް ރޫމެއް އެޅުމުގެ މަސައްކަތް އެބަ ހިނގައެވެ.
ރައީސް ސޯލިހް މިއަދު ވެސް އިތުރު ވަައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ވޮލީ ކޯޓާއި ފްލޯޓިން ޖެޓީއެއް ހައްދަވާނެ ކަމަށް ވަައުދުވެވަޑަައިގަތެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއެކު ފުޅަދޫ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު އައިސްފައިވާ ބަދަލާއެކު ރަށުގެ އިގްތިސާދު ވެސް ދެގުނަ ވާނެ ކަމަށް ވިދާޅުވި އެވެ.
ފުޅަދޫ ރައްޔިތުން ވަނީ ކުރިއަށް އޮތް ދައުރު ބޮޑު ތަފާތަކުން އެ ރަށުން ރައީސް ހޮވާނެ ކަމަށް ބުނެފައެވެ. އެކަން ރައީސަށް މަރުހަބާ ކިޔަން ބަނދަަރަށް ޖަމާވި މީހުންގެ ނަންބަރުން ޔަގީން ކުރެވެއެވެ. އެންމެންހެން ތިބީ ރައީސަށް ޝުކުރުވެރިކަމާއެކު މަރުހަބާ ކިޔަން ނިކުމެ އެވެ.
ފުޅަދޫ ތަރައްގީ ކޮށްދިން ބާނީ އަކީ ރައީސް ސޯލިހް ކަމަަށް ބުނަމުންނެވެ.