ތިލަދުން އެންބޯމަޑި އެއާޕޯޓް | އަމާޒު ދުނިޔޭގެ ހަބަކަށް

އުތުރުގެ ހދ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕްރޮޖެކްޓް އަންނަ އަހަރު އެއްކޮށް ނިމޭނެ އެވެ. އަދި ހަނިމާދު އެއާޕޯޓްގެ އާ ރަންވޭ މި އަހަރު ބޭނުން ކުރަން ފަށާނެ އެވެ. މިއީ ބިޔަ ބޮޑު ޕްރޮޖެކްޓެކެވެ.

ހަނިމާދޫގައި ތަރައްގީ ކުރަމުން ގެންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު -- މި

ހދ. ހަނިމާދޫން: މުހައްމަދު އަފްރާހް

އެއާޕޯޓުގެ މަަސައްކަތް އާރުއޭސީއެލް މެނޭޖުކޮށްލަނީ މޮޅަށް

ބޮޑު ފަތިހާއެކު ވެލާނާ އެއާޕޯޓުން ފުރި ގައުމީ އެއާލައިންގެ ބޯޓު ތިރި ކުރަން ހޯރަ އަޅަމުން ދިޔައީ އިހަވަންދިއްޕޮޅުގެ އެންމެ މުހިންމު ރަށް ކަމަށްވާ ހދ. ހަނިމާދޫ އަށެވެ. ރާއްޖޭގައި މިހާރު "ނަމެއް" ގައި އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު ޖަހައިގެން ހިންގާ އެއް ސަރަހައްދީ އެއާޕޯޓަށެވެ. ރަންވޭއަށް ޖައްސަން ބޯޓު ތިރިކޮށްލުމަށް އަރިކޮށްލުމާއެކު ކައިރީ "ވިންޑޯ ޝީޓުގައި" އިން އެހެން ނޫހެއްގެ އެކުވެރިއަކު ކައިރީ އެއާޕޯޓު ފެނޭހެއްޔޭ އެހީމެވެ. އޭނާ ބާލާފައި ދިން ޖަވާބަކީ މާކަބޮޑު ކަމެއް އެ ތަނަކުން ފެންނާކަށް ނެތޭ އެވެ. އެކަމަކު ބޯޓުގެ ފޮރޮޅު ރަންވޭގެ މަތީގައި ޖައްސައި ގާނާލާފައި ދުއްވާލުމާއެކު ފެންނަމުން ދިޔަ މަންޒަރަކީ ކުރިން ދުވަހަކު ވެސް މި ތަނުން ނުފެންނަ މަންޒަރެކެވެ. ދޫންޏެއްހެން މަޑުކުރަން ރަންވޭމަތީގައި ދުއްވަމުން ދިޔަ ބޯޓު ޕާކުރާ ސަރަހައްދަށް ދިއުމާ ހަމައަށް ބޯޓުގެ ކުޑަ ދޮރުގެ އެއް އަރިމަތިން ފެންނަމުން ދިޔައީ މުޅިން އާ އެއާޕޯޓެއްގެ މަސައްކަތް ކުރަމުން ދިޔަ ތަނެވެ. މާލޭން ބޭރުގައި ހިންގާ އެންމެ ބޮޑު މަސައްކަތުގެ ބިޔަ މަސައްކަތެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވަމުން މިދަނީ ކިހިނެއް ހެއްޔެވެ؟ މި އެއާޕޯޓުގެ މަސައްކަތުގެ ދުވެލި ހުރީ ކޮން މިސްރާބަކަށް ހެއްޔެވެ؟ މި މަސައްކަތް އާރުއޭސީއެލް ބުނާ ޓައިމްލައިނަށް ނިމޭނެ ހެއްޔެވެ؟ މި މަސައްކަތުގެ ފެންވަރު ކިހިނެއް ހެއްޔެވެ؟ އެއާޕޯޓާއެކު ދެން ފެނިގެންދާނީ ކޮން ކަމެއް ހެއްޔެވެ؟ 

"ހިނގާ ލައުންޖަށް ވަދެ ކޮފީއެއް ބޯލައިގެން މަސައްކަތައިގެން އުޅެ ގަންނަނަމާ" ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ދައްކާލަން ނޫސްވެރިންނާއެކު އެތަނަށް ވަޑައިގަތް އާރުއޭސީއެލް ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމްގެ ފުރަތަމަ އިންސްޓްރަކްޝަނަކީ މިއެވެ. ކޮފީއަކަށް ފަހު ނުކުމެ މަސައްކަތުގެ ކޮންޓެރެކްޓަރު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްސްޓްގެ އިސްވެރިންނާއެކު އެއާޕޯޓުގެ ތަރައްގީ މަޝްރޫއު ބަލައިލަން ވެހިކަލްތަކުގައި ދުއްވާލި އެވެ.

އާރުއޭސީއެލް ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމް

ހަނިމާދޫ އެއާޕޯޓްގެ ބައިތަކާއި ޓައިމްލައިން

  •  މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  •  މަސައްކަތް ފެށީ 22، އޮގަސްޓް 2022
  •  އެއާޕޯޓް ނިންމާ ތާރީހު 21، އޮގަސްޓް 2024
  •  އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  •  އެންބޯ މަޑިއެއްހެން މަތިން ފެންނަ ފުރިހަމަ ހިބޮޑު ޕެސެންޖަރު ޓާމިނަލްއެއް
  •  އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ
  •   އޭ 320 އަދި ބޯއިން 737 ބޯޓު ޖެއްސޭނެ
  •  ޕެސެންޖަރުން އަރައިފައިބަން ބޯޑިން ބްރިޖެއް
  •  މުޅިންއާ ކޯޑު ސީ ސްޑޭންޑަޑުގެ ރަންވޭއެއް
  •  ރަންވޭގެ ދިގުމިން 2،465 މީޓަރު / ފުޅާމިން ، 45 މީޓަރު
  •  ބޯޓު ޕާކު ކުރާނެ ދެ އޭޕްރަން - ބޮޑު ދެ ބޯޓު / ކުޑަ ތިން ބޯޑު ޕާކު ކުރެވޭނެ
  •  ބޯޓު މަރާމާތު ކުރަން ހެނގަރެއް
  •  އަލިފާން ނިއްވުމުގެ ޒަމާނީ ހިދުމަތް
  •  މުޅި އެއާޕޯޓުގަ ހޮޅި އަޅާފަ 1.6 މެޓްރިކް ޓަނުގެ ފިއުލް ފާމެއް / ތެތޮ ރައްކާކުރާ
  •  އެއާޕޯޓުގެ ހުރހާ މަގެއް ފެންވަރު ރަނގަޅުކޮށް ހަދާނެ
  •  ސީޕްލޭން ހިދުމަތް ފަށަން ސަރަހައްދެއް

ޖޭއެމްސީން އިސްކަން ދެނީ ކޮލިޓީއަށް

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަމުން ގެންދަނީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫ ނާރާ ގޮތަށް އިންތިޒާމެއް ކޮށްގެންނެވެ. އާއްމު ދަތުރުފަތުރު ވަކި ގަޑިއެއްގައި ނިމުމުން އެއާޕޯޓުގައި ޖޭއެމްސީއިން ފުލް މަސައްކަތް ފަށައިގަނެ އެވެ. 

މި ޕްރޮޖެކްޓުގެ މައުލޫމާތު ދެއްވަމުން ހުޅުމާލޭގައި ފްލެޓްވެސް އަޅަމުން ގެންދާ އިންޑިއާގެ ޖޭއެމްސީ ކުންފުނިން ހަނިމާދޫ އެއާޕޯޓު މަޝްރޫއުގައި އެންމެ އިސްކޮށް ހުންނަވާ އިންދިރާ ސިންގް ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބުރަ އަދި ގޮންޖެހުންތައްވެސް ގިނަ މަސައްކަތެކެވެ.

"ވަރަށް ގަސް ބޯ ސަރަހައްދެއް މިއީ. އަޅުގަނޑުމެން މިވަގުތު މިތިބީ ކުރިން ހަމަ ބޯ ޖަންގަލި އޮތް ތަނެއްގައި. އެކަމަކު އެ ގަސްތައް ނަގައި ބިންގަނޑު ކޮނެ ސާފު ކޮށްގެން ޓައިމްލައިނަށް މަސައްކަތް ނިންމަން މި މަސައްކަތް ކުރަނީ،" އިންދިރާ ވިދާޅުވި އެވެ. 

މިހާރު ވެސް ކޮންމެވެސް ދުވާހަކު 250 މީހުން ބޭނުން ކުރާ މި އެއާޕޯޓުގެ ރަންވޭ ޖޭއެމްސީ ކުންފުނިން ހަދަނީ މިހާރު އޮތް ރަންވޭ މެދަށް ލައި ރަންވޭގެ ދެކޮޅުގައި އާ ރަންވޭގެ ބައިތައް ވަކިން ހަދަމުން އަންނަ ގޮތަށެވެ. އާ ރަންވޭގެ ޖުމްލަ ދިގު މިނުގައި ރަންވޭގެ އަރިމަތީ ސޭފްޓީއަށް ހަދާފައި ހުންނަ ސޭފްޓީ އޭރިއާ (ރޭސާ އޭރިއާ) އާއެކު ޖުމްލަ ޖުމްލަ ދިގުމިނަކީ 2،765 މީޓަރެވެ. މިބައި ނުލައި ބަލާނަމަ ދިގު މިނަކީ 2،465 މީޓަރެވެ. 

އާރުއޭސީއެލްގެ ހިންގުންތެރިކަން، ރޭވުންތެރިކަން

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ

އާރުއޭސީއެލް އިން ޖޭއެމްސީ ލައްވާ ކުރުވާ މި މަސައްކަތް އިންތިޒާމު ކޮށްފައި ވަނީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫ ނާރައި އެކަމަކު މަސައްކަތް ޓައިމްލައިނަށް ހިނގާނެ ގޮތަށެވެ. އެކަން ކަށަވަރު ކުރަން މި އެއާޕޯޓްގައި އާރުއޭސީއެލްގެ މުވައްޒަފުން ތިބެ އެވެ. 

މިހާރު މި އެއާޕޯޓުގައި އޮތް 1.2 މީޓަރުގެ ބާ ރަންވޭގެ ދެކޮޅުގައި އާ ރަންވޭގެ މަސައްކަތް ކުރަމުން ގެންދަނީ އެހެންވެ އެވެ. މި މަސައްކަތް އިންތިޒާމު ކޮށްފައި ވަނީ ބޯޓު ޖެއްސޭވަރުގެ ސަރަހައްދެއް އާ ރަންވޭ އިން ހެދުމަށް ފަހު އެބައިގެ ބޭނުން ކުރަން ފެށުމަށެވެ. އެކަން އަންނަ މަހު ކުރާނެ އެވެ. އަދި މުޅި ރަންވޭ އެއްކޮށް ފުރިހަމަކޮށް ބޯޓު ޖައްސަން ފަށައި ބާރަންވޭ ނަގައި މުޅިންއާ ރަންވޭ އެއްކޮށް ހުޅުވާނީ ނޮވެމްބަރުގަ އެވެ. މި މަސައްކަތާ ހަމައަށް އަންނައިރު ރަންވޭއަށް ރޭގަނޑު ފްލައިޓް ވެސް ޖެއްސޭނެ އެވެ. 

މި މަސައްކަތުގެ ޖޭއެމްސީ އިން އެންމެ އިސްކަން ދެނީ މި މަސައްކަތުގެ ކޮލިޓީއަށެވެ. އެކަން ކަށަވަރު ކުރަން ސެޓިފައިޑް އިންޖިނޭރުން މަސައްކަތް ކުރެ އެވެ. މިހާރު އިންޑިއާގެ ޕްރޮޖެކްޓްތަކާމެދު ދިވެހިންގެ މެދުގައި އޮންނަ ޝައްކާއި ވަހުމް ފިލުވާލުމަކީ ޖޭއެމްސީގެ މަގުސަދެވެ. މި ރަންވޭއަކީ ބޮޑެތި ބޮއިން ބޯޓު ފަހަރު ވެސް ޖެއްސޭ ފެންވަރަކަށް ހަދަމުން ގެންދާ ތަނަކަށް ވުމުން މި ރަންވޭގައި ވެސް އަށް ލޭޔަރު އޮންނާނެ އެވެ. 

އެއާޕޯޓް އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނީ -- މި

މި މަސައްކަތުގެ އިސް އިންޖިނޭރު އިންދިރާ ސިންގް ވިދާޅުވި ގޮތުގައި ފުރަތަމަ އިސްކަން ދެނީ ކޮލިޓީއަށެވެ. ކޮލެޓީއަށް އިސްކަން ދީގެން މި މަސައްކަތް ބަރާބަރު ޓައިމްލައިނަށްކޮށް މަސައްކަތް ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. 

"ކޮލެޓީއަކީ އަޅުގަނޑުމެން ކޮމްޕްރޮމައިޒްއެއް ނުކުރާނަން. އެކަމަށް އެއްވެސް ޗާންސެއް ނެތް. އެއާއެކު އަޅުގަނޑުމެން ބަރާބަރަށް ޓައިމްލައިނަށް މަސައްކަތް ނިންމައި އާރުއޭސީއެލް އަށް އެއާޕޯޓު ހަވާލު ކުރާނަން،" އިންދިރާ ވިދާޅުވި އެވެ. 

ޓާމިނަލްގެ ބިމުއަޑީ ބެގޭޖު ޓަނަލެއް

މި މަޝްރޫއުގެ އެންމެ ހާއްސަ ބަޔަކީ މިތަނުގައި ހަދާ ފުރިހަމަ ޕެސެޖެންޖަރު ޓާމިނަލެވެ. މި ޓާމިނަލްގެ މަސައްކަތް ފަށަން ވެސް މިހާރު ވަނީ ތައްޔާރު ވެފަ އެވެ. ޓާމިނަލްއަކީ ބޭރުން ގެނެސް ރާވާލާ ތަނެވެ. އެކަން ފަށަން ޓާމިނަލްގެ ބުޑު އެޅުމުގެ މަސަައްކަތް ވަނީ ފަށާފަ އެވެ. ރާއްޖޭގެ ކަނޑުތަކުން ފެންނަ އެންބޯ މަޑިއެއްގެ ސިފާގައި ބިއްލޫރި އާއި ސްޓީލް ފަަދަ މައުދަން ބޭނުން ކޮށްގެން ހަދާ މި ޓާމިނަލްގެ ބައިތައް ތައްޔާރު ކުރަނީ ދުބާއީގަ އެވެ. އަދި އެ ތަކެތި ރާއްޖެ ގެނެސް މި އަހަރުގެ ފަހުކޮޅު އެތަން ރޭވުމުގެ މަސައްކަތް ފަށާނެ އެވެ. 

ޓާމިނަލް ތައްޔާރު ކުރަމުން ގެންދަނީ އެއް ފަހަރާ 1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ތަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އޮޕަރޭޝަން ފަސޭހަ ކުރުމަށްޓަކައި ބެޖޭޖު ހޭންޑްލް ކުރަން ބިމުގެ އަޑީގައި އޮޓަމެޓިކް ބީއެޗްއެސް އަންޑަ ގްރައުންޑް ސިސްޓަމެއް ގާއިމްކޮށްފައި ހުންނާނެ އެވެ. ޕެސެންޖަރު ޓާމިނަލްގެ މަގުތައް ހުންނާނީ ލޯންޗުގައި އެހެން ރަށަށަަށް ދާ މީހުންނާއި ހަނިމާދޫއަށް ފައިބާ ފަސިންޖަރުންނަށް ވެސް ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތަކަށެވެ.

އާރުއޭސީއެލްގެ ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ޕްރޮޖެކްޓުގެ ދަށުން ހަދާ ހުރިހާ އިމާރާތްތަކެއް ވެސް ހުންނާނީ ޑިމާންޑް މަތިވެއްޖެ ހާލެއްގައި އެކްސްޓެންޝަން ގެނެސްދެން ފުޅާކޮށްލެއްވޭ ގޮތަށެވެ. 

ޖޭއެމްސީ އޮފިޝަލެއް ޓާމިނަލްގެ މައުލޫމާތު ދެއްވަނީ -- މި

އެންބޯމަޑި ޓާމިނަލްގެ ހާއްސަ ސިފަތައް

  •  1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ
  •  ހަތަރު ބެޖޭޖު ބެލްޓް
  •  ޗެކިންއަށް ހާއްސަ ހޯލެއް
  •  ނުވަ އިމިގްރޭޝަން ކައުންޓަރު
  •  އިންޓަނޭޝަލް / ޑޮމެސްޓިން ފަސިންޖަރުންނަށް ވަކިން އެކްސެސް
  •  ޓްރާންސިޓް ފަސިންޖަރުންނަށް ވަނިން ހިދުމަތް
  •  ވީވީއައިޕީސް އަށް ހާއްސަ ޓާމިނަލެއް
  •  ޑޮމެސްޓިކް / އިންޓަނޭޝަން ބަގޭޖު ވަކިން ހޭންޑްލް ކުރުން

އާރުއޭސީއެލް ހިފަނީ ދުނިޔޭގެ ހަބަކަށް ހަދަން

އާރުއޭސީއެލްގެ މައިގަނޑު ފޯކަސް ހުރީ ހަނިމާދޫ އެއާޕޯޓަކީ މި ސަރަހައްދުގެ އިގްތިސޯދީ ހަބަކަށް ހެދުމަކީ އެ ކުންފުނީގެ މައިގަނޑު ފޯކަހެވެ. އެ ލަނޑުދަނޑި ހާސިލް ކުރަން ފިއުލް އާއި ޓްރާންސިޓް ކާގޯއަށް ހިދުމަތްދޭން ހާއްސަ އިސްކަމެއް ދީފައިވެ އެވެ. މި އެއާޕޯޓުގައި 1.6 މެޓްރިކް ޓަނުގެ ޓެޖް ފިއުލް ރައްކާކުރެވޭނެ ވަސީލަތް ދަނީ ގާއިމް ކުރަމުންނެވެ. އެކަން ކުރަން ގާތްގަނޑަކަށް ކިލޯމީޓަރެއްގެ ފާލަމެއް ހަދައި ފިއުލް ޖެޓީއެއް ވެސް ހަދާނެ އެވެ. 

އާރުއޭސީއެލްގެ ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ހަނިމާދޫ މަތިން ކޮންމެ ދުވަހަކު ވެސް އެތައް އެއާލައިނެއް ހުރަސްކުރާއިރު ތެލުގެ ވިޔަފާރިއަކީ މި މަޝްރޫއުގެ އެންމެ ބޮޑު އެއް ސަކްސަސް ޕޮއިންޓެވެ. 

"ފިއުލް ފާމް ހަދާފައި އެވަނީ ވެސް ތެލުގެ ފައިދާ ރާއްޖޭން ނަގަން. މި އެއާޕޯޓް އެހެން އެއާޕޯޓްތަކަށްވުރެ އެކަމަށް އޮތް ޑިމާންޑް މަތި ކަމަށް ފެނޭ. އަނެއްކާ ޓްރާންސިޓް ކާގޯގެ ހިދުމަތަކީ ވެސް އަޅުގަނޑުމެންގެ ވިޔަފާރީގެ ބައެއް،" އިބްރާހިމް ވިދާޅުވި އެވެ. 

ގޮންޖެހުމަކީ ޓޫރިސްޓު އެނދު ނެތުން

ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓަށްވުރެ ބޮޑުބައި ވަނީ ނިމިފަ އެވެ. މި އެއާޕޯޓުގައި މުޅިން ވެސް ތިބޭނީ ދިވެހިންނެވެ. އެ މުވައްޒަފުން ނަގާނީ ވެސް ބޮޑު ތިލަދުންމަތިންނެވެ. އެކަމަށްޓަކައި އާރުސީއެލް އިން ހަރުދާސް ތައްޔާރުކޮށް ވަނީ މަސައްކަތް ފަށާފަ އެވެ. މިކަން ކުރަން އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިސްޓު އެނދު ތަކެއް ނެތުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ބޮޑުތިލަފުންމައްޗާއި އެންމެ ކައިރީގައި އޮންނަ  ހއ. އަދި ހދ. އަދި ށ. ގައި ޖުމްލަ ހުރި ޓޫރިސްޓު އެނދުގެ އަދަދަކީ 1,651 އެވެ. 

ޒޯން އެކެއްގައި ޓޫރިސްޓު އެނދު ހުރިގޮތް

  •  ހއ. އަތޮޅު ދެ ރިސޯޓް - 446 އެނދު / ގެސްޓްހައުސް - 253 އެނދު
  •  ހދ. އަތޮޅު އެއް ރިސޯޓް - 118 އެނދު / ގެސްޓްހައުސް - 200 އެނދު
  •  ށ. އަތޮޅު ދެ ރިސޯޓް - 444 އެނދު / 62 އެނދު

އާރުއޭސީއެލްގެ ސީއޯއޯ އިބްރާހިމް ވިދާޅުވި ގޮތުގައި އެ ކުންފުނިން މިވަގުތު އެދޭހާވެސް ކަމަކީ އަވަހަށް ޓޫރިސްޓު އެނދުތަކެއް މި ސަރަހައްދަށް ނެރެދިނުމެވެ. މި އެއާޕޯޓް ފީޒިބަލް ކުރަން ބޭނުންނަމަ ދުވާލަކު އެންމެ މަދުވެގެން 900 މީހުން މިތަނަށް ގެނެވެން ޖެހެ އެވެ. މިހާރު އަންނަނީ 200 އެއްހާ މީހުންނެވެ. 

"އަޅުގަނޑުމެން މި އެދެނީ އެނދު އިތުރު ކޮށްދޭން. މިހާރުވެސް ރިސޯޓުތަކެއް ހަދަން ނެރެ ދީފަ އެބަހުރި. އެ އަދަދުވެސް މަދު ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ. އެހެންވެ ޓެކްނިކަލް މީހެއްގެ ގޮތުގައި އެދެން އޮތީ ގިނަ ގެސްޓްހައުސް / ރިސޯޓުތަކެއް އެބަ ބޭނުންވެއޭ އެއާޕޯޓް ނިމެންވާއިރަށް،" އިބްރާހިމް ވިދާޅުވި އެވެ. 

ތިލަދުންމަތީގައި މިހާރު ހަދަމުން ގެންދާ މި އެއާޕޯޓަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ފާސްޓް މަސައްކަތެވެ. މިކަން ފާސްޓްވަނީ ހަމަ ހުރެފައެއް ނޫނެވެ. މިކަން ދިވެހިން ބޭނުންވާ ސްޕީޑުގައި ދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އާރުސީއެލް / އިކޮނޮމިކް މިނިސްޓްރީ އެވެ. މިދެ ފަރާތުން ކުރަމުންދާ ކޮމްބައިން މަސައްކަތްތަކާއެކު މި ޕްރޮޖެކްޓުގައި ކުނި ނުޖެހި އެދަނީ ތިލަދުން އެމްބޯމަޑި އެއާޕޯޓް ނިމެނުންނެވެ. 

ކޮމެންޓް

2
450
ލުބުނާ ލުތުފީ
1 year ago

ޝުކުރިއްޔާ އިބޫ. ރާއްޖެތެރެ ރައީސް.

ޒުއްބަ
1 year ago

މީހަކު ދާނެތަ ތިތަނަށް؟ ބޭކާރު ހަރަދު ތަކެއް. ތިލަދުންމަތި އާބާދު ނުކޮށް ބޮޑެތި އިންވެސްޓް ކުރިޔަސް މީހުން ހަމަ އެއްވާނީ މާލެ އަށް. ހުރިހާ ސަރުކާރެއްގައިވެސް މާލެ ތަރައްގީ ކުރަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.