"ދިވެހި ގައުމުގެ މިނިވަންކަން ބާއްވަން ޖެހޭ. އެއް ގޮތަކަށް ވެސް މިހާރު ހުރި ރައީސަށް ވޯޓު ލައިފިއްޔާ، އޭނާ ހޮވައިފިއްޔާ، މިނިވަންކަމެއް ނޯންނާނެ. އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ،" ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ކޮންމެވެސް ބައެއްގެ އަތްދަށުވެފައި ކަމަށާއި، ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވީ އެކަމުން އެމަނިކުފާނު ސަލާމަތް ކުރެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ކެމްޕޭނު ކުރެއްވުމަށް މިއަދު ށ. ކަނޑިތީމަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ އޭނާ ފުރަތަމަ ހުންނެވީ މި އިންތިހާބުގައި ވާދަކުރައްވާ ގޮތަށް ނޫން ކަމަށެވެ. އެކަމަކު އޭނާ ނުކުމެވަޑައިގެންނެވީ ރައީސްގެ އަތްދަށުގައި ހުރި ކަންކަން ބޮއްސުންލައިގެން ގޮސް، ގުޑިލާނެ ވަރަށް ވުރެ ބޮޑަށް ފިތިބާރުވުމުން ކަމަށެވެ.
ގާސިމް ނުސީދާކޮށް އިޝާރާތް ކުރެއްވީ ރައީސަށް އިންޑިއާގެ ނުފޫޒު އޮތް ކަމަށެވެ. އޭނާ ވެރިކަމަށް ކުރިމަތި ލެއްވީ އެ ނުފޫޒުން ރައީސް ސަލާމަތް ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ފަދަ އެއްޗެއް ގޮވިޔަސް އަޑުއިވި ވަޑައިގަންނަވާ ކަމަށް ނުހައްދަވާ. ތައަށް ކިޔަނީ މަރިޔަނބޭ ވެސް ހީނުކޮށް، އެ ހުންނަވަނީ އެ މަނިކުފާނަށް ކާންބޯން ލިބިވަޑައިނުގަންނަވައިގެންތޯ؟ އެހެންނެއް ނޫން. އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތްދަށުގައި ދަށުވެ، ފިތި ބާރުވެފައި އެ ހުންނެވީ. އެއްވެސް ފަރާތަކަށް ގުޑިލެވޭނެ އެއްވެސް ފުރުސަތެއް ނެތީ. އަޅުގަނޑު މި ނުކުތީ އެކަމުން އެ މަނިކުފާނު ސަލާމަތްކޮށްދޭން،" ގާސިމް ވިދާޅުވި އެވެ.
ކަނޑިތީމަށްފަހު އެއަތޮޅު ގޮއިދޫއަށް ވަޑައިގެން ވެސް ގާސިމް ތަކުރާރުކުރެއްވީ އެވާހަކަ އެވެ. އެރަށުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިންޑިއާ އިން ކޮންމެހެން ވެސް ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
އިންޑިއާގެ އެތައް ސަތޭކަ މީހުންނަށް ބޯނެ ފެންކޮޅެއް ނުލިބިގެން އުޅޭއިރު، ރާއްޖެއިން ބުނެފިއްޔާ ކުޑަކުއްޖެއްގެ ބުއްފުޅި ގަންނަން ވެސް ލޯނު ދޫކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ލޯނު ދޫކުރަނީ ރާއްޖޭގެ އަމާން ކަމާއި މިނިވަންކަމުގެ ތެރެއަށް އަތްބާނަން ކަމަށް ވިދާޅުވި އެވެ.
"ވަކި ގައުމަކުން [އިންޑިއާ] އިން ކޮންމެހެން ވެސް އެބަ ބޭނުންވޭ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން. ހަމަ ކޮންމެ ގޮތެއް ހަދައިގެން ވެސް. އެހެންވީމާ ކުންފުނިތައް ބެންކްކަރަޕްޓްވެފަ އޮތަސް، ފޫގޮއްސަ އޮތަސް އެބަޖެހޭ ކޮންމެވެސް ތާކުން، ބޭރުން ލާރި ގެނެސްގެން ނަމަވެސް ގިނަ މީހުންގެ ސިކުނޑި ހަރާބުކޮށްލާ ހަލާކުކޮށްލާ އެންމެ ރަގަޅު ވެރިއަކަށް މީނަގެ ވާހަކަ ދައްކައިގެން ވިޔަސް އަޅުގަނޑުމެންގެ އަމާންކަމާ މިނިވަންކަމުގެ ތެރެއަށް އަތްބާނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖެ މިއޮތީ ދިވެހިންގެ ކަނޑުގައި ކަމަށާއި އެމީހަކު ހުންނަން ޖެހޭނީ އެމީހެއްގެ ސައިޒުގައި ކަމަށެވެ. މިއަދު އިންޑިއާގެ ރުހުންނެތި އެއްވެސް ކަމެއް ރާއްޖެއަށް ކުރެވެން ނެތް ކަމަށް ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ހދ. ހަނިމާދޫއަށް ވަޑައިގެންނެވިއިރު ވަށައިގެން އެނބުރުނީ އިންޑިއާ ސިފައިން ކަމަށެވެ. އެމީހުން އެނބުރުނީ ގާސިމް ވެރިކަމަށް ކުރިމަތިލައިގެން އުޅޭނީ ކުރަނީ ކޮން ކަމެއްތޯ ބަލަން ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވެފައި ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ދިވެހި ގައުމުގެ މިނިވަންކަން ބާއްވަން ޖެހޭ. އެއް ގޮތަކަށް ވެސް މިހާރު ހުރި ރައީސަށް ވޯޓު ލައިފިއްޔާ، އޭނާ ހޮވައިފިއްޔާ، މިނިވަންކަމެއް ނޯންނާނެ. އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އިންޑިއާ ދެކޮޅަށް ކެމްޕޭނެއް ފެށީ އިދިކޮޅު ޕީޕީއެމް އިންނެވެ. ރާއްޖެއަށް އިންޑިއާގެ ނުފޫޒު އޮތް ކަމަށް ބުނެ އެންމެ ފުރަތަމަ އަޑުއުފުލީ ވެސް ޕީޕީއެމް އިންނެވެ.