އާމިރު ހާން އޭނާ ދެން ފެންނާނީ ސްޕޯޓްސް ފިލްމެއްގައި ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ. ރަސްމީކޮށް އަދި އިއުލާން ކޮށްފައި ނުވާ އެ ފިލްމް ޑައިރެކްޓް ކުރާނީ އާރް އެސް ޕްރަސައްނާ އެވެ.
ބޮލީވުޑުގެ ސުޕަ ސްޓާރު އާމިރު ހާން، އޭނާގެ ފަހުގެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ހެދި ފިލްމް "ލާލް ސިންގް ޗައްދާ" ރިލީޒް ކުރުމާއެކު އެކި ގޮތްގޮތަށް ވަނީ މީޑިއާ ސުރުހީތައް އަތުލާފަ އެވެ. ހާއްސަ ގޮތެއްގައި ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި އުފެއްދި އެ ފިލްމަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން ވެސް މީޑިއާގެ ސަމާލުކަން ފިލްމާއި އާމިރު ހާނަށް ލިބިފައި ވެއެވެ.
ކަރީނާ ކަޕޫރް ހާން އާއި މޯނާ ސިންގް ފަދަ ތަރިން ފެނިގެން ދިޔަ 1.8 ބިލިޔަން ރުޕީސްގެ ފިލްމް ސިނަމާތަކަށް އައީ މި އޯގަސްޓް 11 ވަނަ ދުވަހު އެވެ. ވަރަށް ބޮޑަށް ޕްރޮމޯޓް ކުރި ނަމަވެސް އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީ އެއް ނުހޯދުނެވެ.
"ލާލް ސިންގް ޗައްދާ" އަކީ ހޮލީވުޑު ފިލްމް "ފޮރެސްޓް ގަމްޕް" ގެ ހިންދީ އެޑެޕްޓޭޝަނެކެވެ. ބޮކްސް އޮފީހުގައި ފިލްމުގެ ޕާފޯމަންސް ދަށް ކަމުން އާމިރު ހާން ވެެސް ވަނީ އެކަމާ ހައިރާން ވެފަ އެވެ.
"ލާލް ސިންގް ޗައްދާ" އަށް ފަހު އާމިރު ހާން މިހާރު ނިންމާފައި ވަނީ އަނެއްކާ ވެސް އޭނާގެ އާދައިގެ މަތީން ދުވަސް ކޮޅަކަށް ބްރޭކެއް ނަގައި ގެއްލޭށެވެ. އެގޮތުން ވަރަށް އަވަހަށް އޭނާގެ ބްރޭކްގައި އެމެރިކާއަށް ފުރާނެ އެވެ. އަދި އެ ބްރޭކްގައި ދެ މަސް ދުވަހު އެމެރިކާގައި ވަގުތު ހޭދަ ކުރާނީ އެކަނި ކަމަށް ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗުއްޓީ އަށް ފަހު އާމިރު ހާން އެނބުރި މުމްބާއީއަށް އަންނާނީ އޭނާ ދެން އުފައްދާ ފިލްމުގެ ޕްރޮޑަކްޝަނަށެވެ. އާމިރު ހާން ދެން އޮތް ޕްރޮޖެކްޓަށް ބަލާއިރު، އޭނާ ފެނިގެންދާނީ ސްޕޯޓްސް ފިލްމެއްގައި ކަމަށް ވެސް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ. ރަސްމީކޮށް އަދި އިއުލާން ކޮށްފައި ނުވާ އެ ފިލްމް ޑައިރެކްޓް ކުރާނީ އާރް އެސް ޕްރަސައްނާ އެވެ.