ނަޝީދު ވަނީ އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ރައީސް އަބްދުالله ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު / ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުން ގެ ބަންދަށް ބަދަލުކުރުމަށް އެހީތެރިވެ ދިނުމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބު ހިނގާ ގޮތް ބެލުމަށްޓަަކައި އީޔޫއިން ފޮނުވާ ކޯ-ޓީމުގެ ޗީފް އޮބްޒާވާގެ ގޮތުގައި ހަމަޖައްސަވާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ އާއެކު މިއަދު ބޭއްވެވި ބައްދަލްވުމެއްގައެވެ.
ނާޗޯ ސަންޗެޒް ވަނީ ރައީސް ނަޝީދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި ރައީސް ނަޝީދު ވަނީ އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ރައީސް އަބްދުالله ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ރަސްމީ އެކައުންޓުން ޓްވީޓެއްކޮށް އެކަން ހާމަކުރި ނަމަވެސް ބައްދަލްވުމުގަައި ދެން ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ނުދެއެވެ.
މީގެ ކުރިން ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައްވާ އެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީން މިނިވަން ކުރަން މުޒާހަރާއަށް ނުކުންނަވާނެ ކަމަށާއި ރާއްޖެ އިން ބޭރުން ގާނޫނީ ވަކީލުން ގެންނަވައިގެން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އިނގޭ ހަގީގަތުގައި މީހުން ޖަލުން ނެރެން. އެމްޑީޕީގައި އަޅުގަނޑުމެން އުޅުން އިރުގައި ފައްކާކޮށްފައި އޮތް ނިޒާމެއް އެއީ ޖަލުން ނެރުމުގެ ނިޒާމު. އަޅުގަނޑު އަޅުގަނޑުގެ ރަހްމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ދެން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހްތިޖާޖުގައި ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއެކުގައި މަގުމަތީގައިވެސް ތިބޭނަން. ބައިނަލްއަގްވާމީ ފަރާތްތަކާއެކުގައި ވާހަކަދައްކަންވެސް ދާނެ. އެކިއެކި ބައިނަލްއަގްވާމީ ވަކީލުން ދިވެހިރާއްޖެ ވަޑައިގެން ވަކާލާތުވެސް ކުރައްވާނެ. ރައީސް ޔާމީން އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ނަޝީދު ކުރީން ވިދާޅުވި އެވެ.