މި ކޭބަލް ރާއްޖެއަށް ގުޅާލަން ސަރުކާރުން 200 މިލިއަން ރުފިޔާ ވަރު ހަަރަދުކޮށްފައިވެ އެވެ. މިއީ ދިވެހި ސަރުކާރަކުން އެޅި ފުރަތަމަ ސަބްމެރިން ކޭބަލް އެވެ.
ދިވެހި ސަރުކާރުން ހަރަދުކޮށްގެން ދުނިޔޭގެ ނެޓްވޯކާއި ރާއްޖެއާ ފުރަތަމަ ގުޅާލި ސަމްބެރިން ކޭބަލްގެ ކޮޅު ހުޅުމާލެ އަށް ވައްދައިފި އެވެ.
ހުޅުމާލެ ހިޔާއަވަހަށް، ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ރިލަޔަންސް ޖިއޯ އިން ދުނިޔޭގައި އަޅަމުން ގެންދާ ސަބްމެރިން ކޭބަލްގެ ކޮޅު ރާއްޖެއަށް ކަނެކްޓް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މިހާރު ވެސް ރާއްޖޭގައި އޮންނަ އިންޑިއާ- އޭޝިއާ އެކްސްޕްރެސް ( މޯލްޑިވްސް-އައިއޭއެކްސް) ކޭބަލްއާ ގުޅުވާލާ އިތުރު ސަބްމެރިން ކޭބަލް އަޅަން ދިވެހި ސަރުކާރާއި ރިލަޔަންސް ކުންފުންޏާ ދެމެދު ސޮއިކުރަނީ 21، ފެބްރުއަރީ 2022 ގަ އެވެ. މި މަސައްކަތް ކުރަން ސަރުކާރުން ވަނީ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) ގެ ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. މިކަމަށް ބަޖެޓުން 200 މިލިއަން ރުފިޔާވަރު ހަރަދުކުރެ އެވެ.
ޖިއޯ އިން އަޅާ ކޭބަލްގެ ހާއްސަ ކަމަކީ ކޮބާ ؟ މި ކޭބަލްއަކީ ހަމައެކަނި ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅިގެންދާ ކޭބަލެއް ނޫނެވެ. ރާއްޖެއަށް މި ކޭބަލް އަންނަނީ ސިންގަޕޫރާއި މެލޭޝިއާ އަދި ތައިލެންޑާ ވެސް ގުޅާލައިގެންނެވެ. މި ކޭބަލްގެ އެޅުމުގެ ކުރީގައި ޖިއޯއިން ވަނީ އިންޑިއާ ޔޫރަޕް އެކްސްޕްރެސް (އައިއީއެކްސް) ކޭބަލްވެސް ގުޅާލާފަ އެވެ. މި ކޭބަލް އަޅާފައިވަނީ އިޓަލީ އާއި އެފްރިކާ އަދި މެދުއިރުމައްޗަށެވެ.
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއީ ސަމްރިން ކޭބަލެއް އެޅުން ނޫން ކަމަށާ މިއީ ބޭރުގެ ސަބްމެރިން ކޭބަލްއާ ސީދާ ގުޅާލި ފުރަތަމަ ގުޅުން ކަމަށެވެ. އަދި މިއީ ސަރުކާރުން މިނިވަންކަމާއެކު އަމިއްލަ ބާރުގައި ސަމްބެރިން ކޭބަލްއިން އިންޓަނެޓު ދޭން ފެށި ފުރަތަމަ ފަހަރު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިހާތަނަށް ބޭނުން މިކުރަނީ ލަންކާ އާއި އިންޑިއާގެ ނެޓްވޯކުގެ ތެރޭން. ރައީސް ސޯލިހުގެ ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮ ކުރަން ވައުދުވިން. އެ ވައުދުގެ ބޮޑުބައެއް ފުއްދުނު. ދިރާސާ ކުރިއިރު ފާހަގަވީ މި އިންފްރާސްޓްރަކްޗާ [ސަބްމެރިން ކޭބަލްގެ މިނިވަންކަން] އޮންނަން ޖެހޭނެ ކަމަށް. ކުރިއަށް އޮތް މުސްތަގުބަލުގައި ޑިޖިޓަލްކޮށް ގުޅާލުމަކީ ސެކިއުރިޓީއާ ގުޅިފައިވާ ކަމެއް. އެހެންވެ އެނގުނީ ސަރުކާރަށް އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ކޭބަލް އެޅުމުގެ ބޭނުމަކީ ސަރުކާރުން އިންޓަނެޓު ހިދުމަތް ދިނުން ނޫން ކަމަށާ މިއީ ދިރާގާއި އުރީދޫއަށް އަގުހެޔޮކޮށް އިންޓަނެޓު ދޭނެ ކޭބަލެއް ދިނުން ކަމަށެވެ.
"މި ބަލަނީ އުރީދޫއާއި ދިރާގުން މިހާރު ސަމްބެރިން ކޭބަލުން ދޭ ވަރަށްވުރެ 50 ގުނަ ހެޔޮކޮށް އިންޓަންޓު ފޯރުކޮށްދޭން ފުރުސަތު ފަހިވާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ރާއްޖެއަކަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އެގޮތުން "އީ-ފާސް" އާއި "ވަން ގަވް" ފަދަ ގިނަ ހިދުމަތްތަކެއް ގެނެވިފައިވާ ކަމަށެވެ.
"މި [ސަބްމެރިން ކޭބަލް ގުޅާލުމަކީ] ކުރެވުނު ކަމަކީ މި ހުރިހާކަމެއް ކާމިޔާބު ކުރަން ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރެވުނީ. އޯސީއެމް [އޯޝަން ކަނެކްޓް ކުންފުނި] ގެ ކުރިއަށް އޮތް މަސައްކަތުގެ ތެރޭގައި އޮތް ހުރިހާ ރަށަކާއި އަތޮޅުތައް ގުޅާލުން. އޭރުން ހުރިހާ ރަށްތަކަށް ގުޅާލުން. އަޅުގަނޑު ގޮވާލަން މިހާރުވެސް ހިދުމަތްދޭ [ދިރާގާއި އުރީދޫ] އަދި އެހެން ޕްރައިވެޓް ސެކްޓާއިންވެސް ބައިވެރިވެގެން އޯސީއެމްއާއެކު މަސައްކަތް ކުރިއަށް ގެންދިއުން،" ފައްޔާޒު ވިދާޅުވި އެވެ.