އިހަވަންދިއްޕޮޅަށް ބަންކަރިން | ގަތަރުގެ ބޮޑު ކުންފުންޏާއެކު ސޮއި އަޅައިފި

މަޝްރޫއުގެ ދަށުން ގަތަރުގެ ޔޫސީސީ ގްރޫޕާއެކު އެސްޓީއޯއިން ވަނީ ސޮއެކޮށްފަ އެވެ. މިއީ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ މަޝްރޫއެކެވެ.

އިހަވަންދިއްޕޮޅު ބަންކަރިން މަސައްކަތް ފަށަން އެއްބަސްވުމުއި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތު -- އެސްޓީއޯ

ކުރިން ފަށަން އުޅުނު އައިހެވަން މަޝްރޫއާ އެއްގޮތް 

މިފަހަރު އިހަވަންދިއްޕޮޅުގައި މި މަސައްކަތް ފެށިދާނެ ހެއްޔެވެ؟ އެކަން ކުރަން ފުރުސަތު ލިބޭނެ ހެއްޔެވެ؟ މި ހުރިހާ ސުވާލެއް ކުރިމަތީގައި އޮއްވައި ދުނިޔޭގެ އެންމެ ގިނަ އާގު ބޯޓުތައް ހުރަސްކުރާ މަގު ކަމަށްވާ އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަން ގަތަރުގެ އެންމެ ބޮޑު އެއް ކުންފުންޏާއެކު އެސްޓީއޯ އިން މިވަނީ ސޮއި އަޅާފަ އެވެ. 

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަށް ތެޔޮ އެކްސްޕޯޓު ކުރާ އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެޑައިގަތް ރަސްމިއްޔާތުގައި ސޮއިކުރީ އެއްބަސްވުމެއްގައެއް ނޫނެވެ. ސޮއިކުރީ އެއްބަސްވުމަކަށް އައުމުގެ ކުރީގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގަ އެވެ. 

މި އެއްބަސްވުމުގައި ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ގެ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގްރޫޕް ސީއީއޯ މުހައްމަދު ސަބްރީ އެވެ. މި ރަސްމިއްޔާތުގައި އެ ގްރޫޕުގެ ސީއީއޯ ރަމީޒް އަލް ހަޔާތުވެސް ބައިވެރިވަޑައިގަތެވެ.
 
ޔޫސީސީ ގްރޫޕްއަކީ ރާއްޖޭގެ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް އާއި ގަތަރުގެ ބަނާނާ އައިލެންޑް އަދި މިނޫން ވެސް އެ ގައުމުގެ ބޮޑެތި ބިޔަ ގިނަ މަޝްރޫއު ތަކެއް ހިންގި ކުންފުނިތަކުގެ މައި ކުންފުންޏެވެ. 

މި އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހަދަން ލަސްވިނަމަވެސް މިހާރު ފެށިގެންދާ މަސައްކަތްތަކާއެކު ސްޓްރެޓިޖިކަލީ ލަނޑުދަނޑިތަކެއް ހާސިލް ކުރަން ފެށި މަސައްކަތުގެ ނަތީޖާ އެވެ.

"އަބަދު ވެސް ރާއްޖެ އޮތް ސަރަހައްދުގެ ފައިދާ ނެގުމުގެ ވާހަކަ ދެކެވޭ. ކުޑައިރުވެސް ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ވާހަކަ އިވޭ. އެހެންނަމަވެސް ސަކްސަސިވް [ކާމިޔާބު] ސަރުކާރު ތަކުން އެއްވެސް އަމަލީ ސިފައެއް މިހާތަނަށް ނުފެނޭ. އަޅުގަނޑުމެން ޓޫރިޒަމަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ބެލިބެލުމުގައި އެކިއެކި ސްޓަޑީތަކުން ދައްކާފަ އޮތީ މާ ފީޒިބަލްކަމެއް ނޫން ކަމަށް މި އިންވެސްޓްމަންޓް ކުރުމަކީ. ފީޒިބަލް ނޫން ކަމަށް،" އިކޮނޮމިކް ކައުންސިލްގެ ކޯޗެއާގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މިކަން މިގޮތަށް ދެއްކިނަމަވެސް މި މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ ގިނަ ކުންފުނިތައް ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- އެސްޓީއޯ

"އަމާޒަކީ ފުރަތަމަ އެސްޓީއޯއާއެކު ހެދި އެމްއޯޔޫގެ ދަށުން ބަންކަރިންގެ ތެރޭން މަސައްކަތްތައް ފެށުން. މި އޮންނަ ސްޓެޓީޖިކް ލޮކޭޝަންއިން 250 ބޯޓު މި ސަރަހައްދު [އަށް ޑިގްރީ ޗެނަލް] އިން ދަތުރު ކުރޭ. އެތައް ޓްރިލިއަން ޑޮލަރެއްގެ މުދާ ކޮންމެ އަހަރަކު ދޭ. އަޅުގަނޑުމެންނަށް ލަސްވެއްޖެ މީގެ ފައިދާ ނަގަން. މިހާރު ބޮޑެތި ކޮމްޕެޓިޝަން ތަކެއް މިވަނީ އައިސްފަ. ކޮލަމްބޯގައި ދެ ޕޯޓެއް ހެދިގެން ގޮސްފި އިންޑިއާގަ ޕޯޓެއް އެބަ ހެދޭ. އެހެންނަމަވެސް ދިވެހިއްޖޭން ފަށައިފިނަމަ ބައިވަރު މަންފާ ތަކެއް އެބަހުރި އެހެންވެ ލަސްނުކޮށް މިކަން ފަށައިފި ގަންނަން،" ފައްޔާޒު ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް ލަސްވެއްޖެ މީގެ ފައިދާ ނަގަން. މިހާރު ބޮޑެތި ކޮމްޕެޓިޝަން ތަކެއް މިވަނީ އައިސްފަ. ކޮލަމްބޯގައި ދެ ޕޯޓެއް ހެދިގެން ގޮސްފި އިންޑިއާގަ ޕޯޓެއް އެބަ ހެދޭ. އެހެންނަމަވެސް ދިވެހިއްޖޭން ފަށައިފިނަމަ ބައިވަރު މަންފާ ތަކެއް އެބަހުރި އެހެންވެ ލަސްނުކޮށް މިކަން ފަށައިފި ގަންނަން

ފައްޔާޒު އިސްމާއިލް | އިކޮނޮމިކް މިނިސްޓަރު

ޔޫސީސީ ރާއްޖެއަށް ބޮޑު ޝައުގުވެރިކަމެއް

ޔޫސީސީގެ ގްރޫޕް ސީއީއޯ ރަމީޒް އަލް ހަޔާތު ވާހަކަ ދައްކަވަނީ -- އެސްޓިއޯ

މި ރަސްމިއްޔާތުގައި މެދުއިރުމައްޗާއި ދުނިޔޭގައި ވެސް އެންމެ މަތީ ގްރޭޑް އެކެއްގެ ލައިސަންސް ލިބިފައިވާ އެއް ކުންފުނި ކަމަށްވާ ޔޫސީސީގެ ގްރޫޕް ސީއީއޯ ރަމީޒް އަލް ހަޔާތު ވިދާޅުވި ގޮތުގައި މިއީ ގަތަރާއި ދިވެހި ސަރުކާރާ ދެމެދު އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެކެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެންނަން ކުރައްވާ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. 

"ބަންކަރިން އަދި ތެޔޮ ސަޕްލައި ކުރުމުގެ މި މަޝްރޫއާއެކު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަކެއް އުފެދިގެންދާނެ. މި ގުޅުމާއެކު ރާއްޖޭގެ އިތުރު އިންވެސްޓްމަންޓް ތަކަށް ވެސް މަގު ފަހި ވެގެންދާނެ. ޔޫސީސީ އިން ރާއްޖޭގެ ކުރިއަރަމުންދާ އިގްތިސޯދަށް ޝައުގުވެރިކަން އެބަހުރި،" ގްރޫޕް ސީއީއޯ ރަމީޒް އަލް ހަޔާތު ވިދާޅުވި އެވެ. 

މިނިސްޓަރުގެ ވާހަކަފުޅު ؛ ކުރިއާ މިހާރު

  •  ކުރިން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ފީޒިބަލް ނޫން ކަމަށް
  •  ކުރީ ސަރުކާރުން މިކަން ކުރަން އުޅުނީ ރަނގަޅަށް ނޫން ކަމަށް
  •  މިހާރު ވިދާޅުވީ ފީޒިބަލް ނޫން ނަމަވެސް ފަށާނެ ކަމަށް
  •  އަދި ވިދާޅުވީ މިއީ އިގްތިސޯދަށް އެހެން ވިޔަފާރިއެއްގެ ތެރެއަށް ގެންދިއުން ކަމަށް

ޔޫސީސީ ގްރޫޕަކީ ކޮން ބައެއް ؟  ގަތަރުގެ ޔޫސީސީ ގްރޫޕުން އެ ގައުމުގެ ފަސް ސިނާއަތެއްގައި ވިޔަފާރި ކުރެ އެވެ. ގަތަރުގެ ޝާހީ އާއިލާގެ މި ކުންފުނީގެ ވިޔަފާރި ފެށިގެން ގޮސްފައިވަނީ 1983 ވަނަ އަހަރު އެވެ. މިހާރު މި ކުންފުންޏާ ހަވާލު ވެގެން ތިބި އިސް ބޭފުޅުންނަކީ ގަތަރު ޝާހީ އާއިލާގެ ދެވަނަ ޖެނެރޭޝަންގެ ވެރިންނެވެ. މި ކުންފުނީގެ ތެރޭގައި ހިމެނޭ އެސްތިމާރު ހޯލްޑިން ދާދިފަހުން ވަނީ ރާއްޖޭގައި ފޮރިން ބޮޑު އިންވެސްޓްމަންޓެއް ކުރާނެކަން އިއުލާނުކޮށްފަ އެވެ. އަދި ރާއްޖޭގެ ވޮލްޑޯފް އެސްޓޯރިއާ ރިސޯޓް ހިންގަނީވެސް މި ގްރޫޕުގެ ކުންފުންޏަކުންނެވެ. މިއީ އެނާޖީ އާއި ހެލްތް ކެއާގެ ވިޔަފާރި އަދި ތެލާއި ގޭހުގައިވެސް ފުޅާކޮށް މެދުއިރުމައްޗާއި ދުނިޔޭގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުގައި 75 ކުންފުންޏެއް އޮވެ އެވެ. މި ކުންފުނީގެ 65،000 ގިނަ މުވައްޒަފުން ހިމެނެ އެވެ. މި ކުންފުނިން 1،100 ގިނަ މަޝްރޫއު ހިންގާފައިވެ އެވެ. ގަތަރުގެ މާކެޓުގެ 17 ޕަސެންޓަށްވުރެ ބޮޑު ބައެއް ހިއްސާ ކުރެ އެވެ. މި ގްރޫޕުން އެކި އުފެއްދުންތައް ދުނިޔޭގެ 12 ގައުމަކަށް އެކްސްޕޯޓް ކުރެ އެވެ. ޓޫރިޒަމް ދާއިރާގެ ހަތް ހޮޓަލާއި 19 ރެސްޓޯރެންޓެއް ހިންގަ އެވެ. އެމެރިކާ އާއި ކޮރެއާގައިވެސް ހޮސްޕިޓަލް ހިންގަ އެވެ.

ސަރުކާރުގެ އެސްޓީއޯ ބޮޑު އުންމީދެއްގައި

އެސްޓީއޯ އެމްޑީ އަބްދުﷲ ސައީދު -- އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ހަމައެކަނި ތެލާއި ބަންކަރިންގެ މަޝްރޫއެއް ނޫނެވެ. މި މަސައްކަތާއެކު މި މަޝްރޫއާ ގުޅިގެން މި ސަރަހައްދުގައި އިގްތިސޯދީ ބޮޑު ސިޓީއެއް އުފެދިގެންދާނެ އެވެ. 

"މިތަނުގައި އިންޑަސްޓްރިއަލް، ކޮމާޝަލް އަދި ޓޫރިޒަމް ޒޯންތައް އުފެދޭނެ. މިއީ ބޮޑު ފުރުސަތެއް،" ސައީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި މަޝްރޫއުގައި އެ ކުންފުނީގެ ދައުރަކީ ޕޯޓްސިޓީގައި ބަންކަރިން އަދި ތެޔޮ ސަޕްލައި ކުރުން ކަމަށާ މި އެއްބަސްވުމުގެ މަގުސަދަކީ މިއީ ކަމަށެވެ. 

"މި ސަރަހައްދުގައި ބަންކަރިން ވިޔަފާރި ފަށައި. ގައުމީ ތެލުގެ ރިޒާވެއް ގާއިމް ކުރެވިގެންދާނެ. މިއީ ރާއްޖެއަށް ބޭނުންވާ ހަކަތަ މުސްތަގުބަލަށް ރައްކާ ކުރަން އެޅިގެންދާނެ މުހިންމު ފިޔަވަޅެއް،" ސައީދު ވިދާޅުވި އެވެ. 

މި ސަރުކާރު މަސައްކަތުގެ ޓައިމްލައިނެއް

  •  19، ޖޫން 2019 - އުތުރުދެކުނު ވިޔަފާރި ބަނދަރު ހަދާނެ ބަޔަކު ހޯދަން އިއުލާނެއް
  •  18، ޖޫން 2019 - ވިޔަފާރި ބަނދަރަށް ކޮންސެލްޓެންޓެއް ހޯދަން އިއުލާނެއް
  •  16 ޖުލައި 2019 - ކޮންސެލްޓެންޓެއް ހޯދަން އިތުރު ވަގުތު ދިނުން
  •  22، ޑިސެމްބަރު 2019 - ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހަދަން ކޮންސަލްޓެންޓެއް ހޯދަން އަނެއްކާވެސް އިއުލާނެއް
  •  19، ޑިސެމްބަރު 2019 - ކޮންސެލްޓެންސީ ދޭން އެމްޓީބީއެސް އަދި ޑެންމާކުގެ ނީރަސްއަށް، އަގު 860،626 އެމެރިކާ ޑޮލަރަށް
  •  30، ސެޕްޓެމްބަރު 2020 - އުތުރަށް އިންވެސްޓަރުން ހޯދަން އިޝްތިހާރެއް
  •  16، މާޗް 2021 - ސައިޒު ކުޑަކޮށް އިހަވަންދިއްޕޮޅުގައި 466 މިލިޔަން ޑޮލަރުގެ ބަނދަރެއް
  •  15، ފެބްރުއަރީ 2022 - އިހަވަންދިއްޕޮޅު ބަނދަރު ބަނދަރު ހަދަން މަޖިލީހުން ގަރާރެއް
  •  28، ފެބްރުއަރީ 2022 - ވިޔަފާރި ބަނދަރު ދެކޮޅެއް ނުޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވުން
  •  2، މެއި 2022 - އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށާކަން އެސްޓީއޯ ކުރީގެ އެމްޑީ އަމްރު އިއުލާނު ކުރެއްވުން
  •  12، އޮކްޓޫބަރު 2022 - މި އަހަރު ބަނދަރުގެ ބިން ހިއްކަން ފެށޭނެ ކަމަށް މިނިސްޓްރީން ބުނުން
  •  10، އޮގަސްޓް 2023 - ބަންކަރިން ފަށަން ދުބާއީ ކުންފުންޏަކާއެކު އެމްއޯޔޫއެއް
ރައީސް ޔާމީންގެ އައިހެވަން- ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ބޮޑު މަސައްކަތް ކުރަން މަސައްކަތް ކުރެވި އެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި ގާނޫނެއް ފާސް ކުރައްވައި މަސައްކަތް ފެއްޓެވި އެވެ. އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއެކު ފަށަން އުޅުނު މި މަޝްރޫއުގައި ގިނަ ބައިތަކެއް ހިމެނެ އެވެ. މީގެތެރޭގައި ޑިއުޓީ ފްރީ ޒޯންތަކާއި އެންޓަޕްރައިޒް ޒޯން އަދި ހައިޓެކް ޕާކާއި އޮފްޝޯ ފައިނޭންސިން ފެސިލީޓީތައް އަދި ޕްރީ ޓްރޭޑް ޒޯނާއި އިންޑަސްޓްރިއަލް އެސްޓޭޓް ވިޔަފާރިތައް ހިމެނުނެވެ. މި މަޝްރޫއުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރަ އެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން ކޮންސެލްޓެންސީ ދޭން ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ހަވާލުކުރިއެވެ. އަދި ދުބާއީ ވޯލްޑް ކުންފުންޏާ ވެސް އޭރުގެ ސަރުކާރުން މަޝްވަރާތައް ވެސް ކުރި އެވެ. މީގެ އިތުރުން މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހޯދަން ސައުދީއިން ތައްޔާރަށް އޮތްކަމަށްވެސް އޭރު ބުންޏެވެ. ނަމަވެސް މި މަޝްރޫއު ހަގީގަތަކަށްނުވި އެވެ. މަޝްރޫއު ހަގީގަތަކަށް ނުވި ސަބަބެއް ކަމަށް އޭރު ސަރުކާރުގެ ވެރިން ވިދާޅުވީ މި ސަރަހައްދުގެ ބަނދަރުތައް ހަދަމުން ދިޔަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެކަމަށް އިންތިހާއަށް ފިއްތުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.