ރައީސާ ގުޅުވައި އާޒިމްގެ ބޮޑެތި ތުހުމަތުތަކެއް މުއިއްޒަށް

"ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމަދިނީ. ޕީޕީއެމްގެ ސެނެޓް މުއިޒް ގަތީ އިބްރާހިމް [ރައީސް] ފައިސާ ދީގެން،" އާޒިމް ތުހުމަތު ކުރެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒު އަދި އަލީ އާޒިމް --

ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޓެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އާޒިމް މިއަދު ވަނީ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯކޮޅަކާއި އެކު އޭނާއަށް ރައީސް ސޯލިހާއި ގުޅުވާ ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އެ ވީޑިއޯގައި މުއިއްޒު ވިދާޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު ރައީސްއަށް ގުޅުއްވައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވަން ދެންނެވި ކަމަށެވެ.

އެ ވީޑިއޯކޮޅު ހިއްސާ ކުރައްވަމުން އާޒިމް ވިދާޅުވެފައި ވަނީ ކޯޓުތަކަށް ހުށަހަޅާފައި ހުރި މުއިއްޒުގެ މައްސަލަތައް ނަގައިދީގެން އޭނާގެ ކުށުގެ ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން ކަމަށެވެ. މުއިއްޒުގެ މައްޗަށް ނޫމަޑި މައްސަލައިގައި ހިންގި މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމީ "ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން" ކަމަށެވެ. 

"ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމަދިނީ. ޕީޕީއެމްގެ ސެނެޓް މުއިޒް ގަތީ އިބްރާހިމް [ރައީސް] ފައިސާ ދީގެން،" އާޒިމް ތުހުމަތު ކުރެއްވި އެވެ.

އާޒިމްގެ ތުހުމަތުތަކަށް ރައްދު ދެއްވީ އިދިކޮޅު ކޯލިޝަންގެ ލޯޑާޝިޕްގައި ހިމެނޭ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު އެވެ. އޭނާ އެޔަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޒިމް އެ ވާހަކަތައް އެ ދައްކަވަނީ މުއިއްޒުގެ އަގު ވައްޓާލަން ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް. އެކަން ކުރަން އަޅުގަނޑުމެން މާމޮޅުވާނެ. ނަމަވެސް އަޅުގަނޑުމެން މިކުރަނީ އިބޫ ނޫންގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް. ވީމާ އިބޫ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ހުރިހާ ޕާޓީތަކުން "ކައިރި ނުވެވޭވަރަށް ދުރުނުވުމަށް" ނަސޭހަތްތެރިވާ ކަމަށެވެ.

އެޔާއެކު ފިނި ޒުވާބެއް އުފެދި އާޒިމް އަނެއްކާ ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ. ސުޖާއުގެ ޓްވީޓަށް ރައްދު ދެއްވަމުން އާޒިމް ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފަ އެވެ.

"ތިޔަ ވިދާޅުވަނީ މުއިއްޒުގެ ޝަރީއަތް ދިޔައީ ސަރުކާރުގެ ނެތި އިންދުންނޭތޯ؟ ސެނެޓުގެ މެމްބަރުންކޮޅެއްގެ ވިސްނުން ރައީސް ޔާމީނާ ދިމާއިދިކޮޅަށް އަނބުރާލީ ފައިސާގެ ނުފޫޒު ނެތިއޭތޯ؟ އެހާވަރަށް ފޯނުން ގުޅައިގެން އެދައްކަވަނީ ޔާމީނު މިނިވަން ކުރުމުގެ ވާހަކަ އެކަނިތޯ؟" އާޒިމް އެއްސެވި އެވެ.

މުއިއްޒުއަށް ތުހުމަތުކުރައްވައި އާޒިމް ޓްވީޓްތަކެއް ކުރައްވާފައި މިވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް އޭނާގެ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ލީޑަރު ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މަގުމައްޗަށް ނިކުންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.