ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި އިމްރާން އާންމުންގެ ތާއީދާއެކު ހުންނަވަނިކޮށް ކުއްލި ގޮތަކަށް މިދިއަ އަހަރު މަގާމުން ދުރުކުރީ އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.
ޕާކިސްތާނުގައި އާންމުންގެ ތާއީދު އެންމެ ބޮޑު، ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ސިޔާސީ ގޮތުން އިތުރު ފިއްތުންތައް ކުރިމަތި ކުރުވައި ފަސް އަހަރު ދުވަހަށް ސަރުކާރު މަގާމެއް އަދާ ކުރުމާއި ސިޔާސީ މަގާމަކަށް ވަޑައިގަތުން މުޅީން މަނާ ކޮށްފި އެވެ.
ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މި ގޮތް ނިންމީ ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ތަކެއްޗަށް އިމްރާން ހާން ހިޔާނާތްވެ ވަޑައިގެންނެވި ކަމަށް ކުށް ސާބިތުކޮށް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމެއް ކޮށް ހައްޔަރު ކުރުމަށް ފަހު އެވެ.
މި ނިންމުމާއެކު އިމްރާން ހާނަށް ފަސް އަހަރަށް އެއް ވެސް އިންތިހާބެއްގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެކަމަކު ސަރުކާރުން ބުނަމުން ގެންދަނީ އެއީ އެއީ އިތުރު ފިޔަވަޅެއް ނޫން ކަމަށާއި އެއީ ކުރި ހުކުމާ އެއްގޮތަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން ކުށް ސާބިތުވެފައިވާ މީހަކާމެދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މުއްދަތަކަށް އާންމު މަގާމަށް ކުރިމަތި ނުލެވެ އެވެ.
އިމްރާން ހާންގެ ފަރާތްޕުޅުން ވަނީ އޭނާ އަށް ކުރި ހުކުމް އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު އިސްލާމްއާބާދު ހައި ކޯޓުގައި އޮންނާނެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި އިމްރާން އާންމުންގެ ތާއީދާއެކު ހުންނަވަނިކޮށް ކުއްލި ގޮތަކަށް މިދިއަ އަހަރު މަގާމުން ދުރު ކުރީ އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެ ކަމުގެ އަޑީގައި އެމެރިކާ އޮވެގެނެވެ.