"އިންތިހާބާއި ގުޅުވާ މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް، މުދަލަށް ގެއްލުން ދީގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހާގައި ހުޅުޖެހުން ކުށްވެރިކުރަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިގް ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި ހުރި އެމްޑީޕީގެ ހަރުގޭގައި ބަޔަކު ހުޅުޖަހާ އަންދާލި މައްސަލަ އެ ޕާޓީގެ ކުރީގައި ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފި އެވެ.
ރައީސް މިއަދު ގދ. އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް އެރަށުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ތަނުގައި ރޯކޮށްލާފައި ވަނީ ރޭ ފަތިހު 5:34 ހާއިރު އެވެ.
އެ މައްސަލައާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބާ ދިމާކޮށް މީހުން ހައްޔަރު ކުރުމާއި މުދަލަށް ގެއްލުންދީ ތަންތަން ރޯކޮށްގެން ނުވާނެ ކަމަށެވެ.
"އިންތިހާބާއި ގުޅުވާ މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް، މުދަލަށް ގެއްލުން ދީގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހާގައި ހުޅުޖެހުން ކުށްވެރިކުރަން،" ނަޝީދު ވިދާޅުވި އެވެ.
މީހުން ހައްޔަރު ކުރާކަމަށް ނަޝީދު އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ޕާޓީ، ދަ ޑޮމޮކްރެޓްސްއަށް ނިސްބަތްވާ ދ. ކުޑަހުވަދޫ ކައުންސިލް މެމްބަރު އަހުމަދު މައުރޫފް ފުލުހުން ހައްޔަރު ކުރުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ގޭގައި ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.
"އެމްޕީއެސް [ފުލުހުން] މިހާރު ތިޔަ އަމަލުކުރައްވަނީ ގާނޫނީ އިމުގެ ބޭރުން. މައުރޫފް ދޫކޮށްލާ،" ނަޝީދު މިއަދު ޓްވީޓް ކުރެއްވި އެވެ.
ރައީސް ގދ. ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މަޑަވެއްޔަށެވެ. ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ބަޔަކު ރޯކޮށްލުމުން މިހާރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އެރަށު ޖެޓީ ކައިރީ އެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.