ފުއާދުގެ ގަދަ ހިތްވަރަށް އެންމެންގެ ތައުރީފު

އިއްޔެ ފުއާދުގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ހިތްވަރެވެ. ގިނަ ރައްޔިތުންގެ ދެއްކީ ގައުމީ މަސައްކަތަށް އޭނާގެ އޮތް އިހްލާސްތެރި ކަމުގެ ވާހަކަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގައި އިލެކްޝަންސް ކޮމިޝަންގެ ޓީމުގެ ލީޑަރެއްގެ ގޮތުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަރަށް އަވަދިނެތި އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓްލާ އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާއިރު ނިމިގެންދިޔަ 24 ގަޑިއިރަކީ ވަރަށް ހާއްސަ ވަގުތުކޮޅެކެވެ. އެއީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް އޮތް ފުރުސަތު އިއްޔެ މެންދުރުގެ ނިޔަލަށް ހަމަވާތީ އެވެ.

އާދިއްތަ ދުވަހު ހެނދުނު އޮފީހަށް ވަޑައިގެންނެވި ގޮތަށް މަސައްކަތުގައި އުޅުއްވާފައި ފުއާދު ގެއަށް ވަޑައިގެންނެވިއިރު ރޭގަނޑު ވެއްޖެ އެވެ. އޮފީހުގައި އުޅުއްވަން ޖެހިވަޑައިގަންނަވަނީ ކިތަންމެ ބުރަކޮށް އެހާމެ ޕްރެޝަރުގައި ނަމަވެސް ދޭތެރެ ދޭތެެރެއިން ކުޑަ ބްރޭކެއް ނަންގަވައެވެ. އެއީ އަނބިކަނބަލުން ޒީދާ ހުސައިންގެ މިވަގުތުގެ ހާލަތު ހުރި ގޮތުން ފޯނުން ގުޅުއްވާލެއްވުމަށެވެ. ބައެއް ފަހަރު އިންޑިއާއަށް ގުޅުއްވާ އެކޮޅުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ދަރިކަލުން އަހްމަދު ފުއާދުގެ ހާލަތު އޮޅުން ފިލުއްވުމަށެވެ. އަނބިކަނބަލުންނަށް ހާއްސަ އިސްކަމެއް ދެއްވަން ޖެހިވަޑައިގެންފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ޖުލައި 22 ވަނަ ދުވަހުގެ ފަތިހު ޒީދާގެ ބައްޕަ ނިޔާވުމުން ލިބިފައިވާ ހިތާމައިގެ ސަބަބުންނެވެ. ދަރިކަލުން އަހްމަދު ފުއާދު ގެންދެވީ ދެ ކިޑްނީ ފެއިލްވެ ހާލަތު ގޯސްވެގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުންނެވެ. އެހެން ކަމުން ކިރިއާ ހުސް ވަގުތުކޮޅެއް ލިބިވަޑައިގަތަސް އެންމެ އިސްކަން ދެއްވަނީ ދަރިކަލުންގެ ހާލެެއް ބެއްލެވުމަށެވެ. އަނބިކަނބަލުންނަށް ހިތްވަރު ދެއްވުމަށެވެ.

މި ހުރިހާ ކަމަކާއެކު ކިތަންމެ ފުން ހިތާމައެއް ލިބިވަޑައިގެންފައިވީ ނަމަވެސް އަލުން ރަސްމީ މަސައްކަތަށް ވަޑައިގަންނަވަނީ އާ ހިތްވަރާއެކު އެވެ. 

ބޭނުންފުޅު ވަނީ ރައްޔިތުން އިތުބާރު ކުރާ ފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށެވެ. ގައުމީ ހިދުމަތުގައި ދެމި ހުންނަވާށެވެ. ހަވާލު ކުރައްވަވާފައިވާ މަސްއޫލިއްޔަތުން ކުޑަ މިންވަރެއްވެސް އުނިނުކުރައްވާ ތަންދިން އެންމެ މަތީ ދަަރަޖައެއްގައި މަސްއޫލިއްޔަތު އަދާކުރެއްވުމަށެވެ.

އާދިއްތަ ދުވަހުގެ ރޭ ގެއަށް ވަޑައިގެންނެވިއިރު ހޯމަ ދުވަހަކީ މަސައްކަތް ބުރަ ދުވަހެއްކަން ފުއާދަށް އެނގިވަޑައިގަންނަވައެވެ. ފަސް ބޭފުޅަކު ކެންޑިޑެސީ ހުށައެޅުވުމަށް އެކި ވަގުތުތަކުގައި ފަސް ބައްދަލްވުމެއް އޮތީ އެޖެންޑާ ކުރައްވާފައެވެ. އެހެން ކަމުން މި ފަހުން އާދަވެ ކޮންމެ ރެއަކު އެންމެ ފަހުން ކުރައްވާ ކަމެއްގެ ގޮތުން ދަރިކަލުންގެ ހާލަތު އޮޅުއްފިލުއްވުމަށް ކުރައްވާ ކޯލަށް ފަހު ނިދިކުރެއްވި އެވެ. ނަމަވެސް ދެތީން ގަޑިއިރު ފަހުން ލިބިވަޑައިގަތީ ފުއާދުގެ ދަރިކަލުން ނިޔާވި ހަބަރެވެ.

ހެނދުނު ހެނދުނާ އޮފީހަށް ވަޑައިގެންނެވީ އެ ފުން ހިތާމާގައި ހުންނަވައެވެ. ހެނދުނު 9:00 ގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ހުށައެޅުއްވުން އޮތުމުން ވަރަށް އަވަހަށް އޮފީހަށް ވަޑައިގެންނެވި އެވެ. ކިތަންމެ ފޮރުއްވަން އުޅުއްވިޔަސް ހިތާމައިގެ އަސަރު ފުއާދުގެ މޫނުން ފާޅުވާން ހުއްޓެވެ. ނަމަވެސް މަސްއޫލިއްުޔަތު އަދާކުރައްވަން މުހިންމު އެ ވަގުތު ފަސްޖެހިވަޑައިނުގެން ސާބިތުވެ ހުންނެވީ އެވެ. ގާސިމަށް ފަހު ޑރ. މުއިއްޒު އަދި އެ ފަހުން ފާރިސް މައުމޫނާއި އުމަރު ނަސީރު އަދި ޒަމީލް ވެސް ފޯމް ހުށައެޅުއްވުމަށް ބޭއްވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެން ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވި އެވެ. 

ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ގެންދެވީ އިންޑިއާއަށް ވަޑަައިގަތުމަށް ދަތުރު ތައްޔާރު ކުރައްވަމުންނެވެ. ދަރިކަލުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ވަގުތެއް ކަނޑައަޅުއްވަމުންނެވެ. ގެއަށް ވަޑައިގެންނެވީ ރަސްމީ މަސައްކަތް ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. އަދި ގެއަށް ވަޑައިގެން ތައްޔާރުވެވަޑައިގަތުމަށް ފަހު ވަގުތުން އިންޑިއާއަށް ފުރާވަޑައިގަތެވެ. އުމުރުން 47 އަހަރުގެ ދަރިކަލުންގެ ޖަނާޒާގައި ބައިވެރިވެ ދަރިކަލުންނަށް އެންމެ ފަހުގެ ވަދާއު ވިދާޅުވުމަށެވެ. އަދި އަނެއްކާ ވެސް ގައުމީ ހިދުމަތަށް އެނބުރި ވަޑައިގަތުމުގެ ވަރުގަަދަ އުންމީދުގައެވެ.

ފުއާދުގެ އާދަޔާ ހިލާފު ގަދަ ހިތްވަރާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެއްކެވި ސާބިތު ކަމަށް އެންމެންގެ ފަރާތުން އޮތީ ހުސްވުމެއް ނެތް ތައުރީފެވެ. ފުއާދަކީ އަބަދުވެސް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތް ބޭފުޅެކެވެ. ވަރަށް ގިނަ ބަޔަކު ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެކެވެ. އިއްޔެ ފެނިގެން ދިޔައީ ފުއާދުގެ ފަރާތްޕުޅުން އާދަޔާ ހިލާފު ގަދަ ހިތްވަރެކެވެ. 

ދަރިކަލުންގެ ސިއްހީ ހާލަތު ބޮޑުވެ ފުއާދުގެ ދެކަނބަލުން ވަރަށް ގިނަ އިންޑިއާގައި ތިއްބެވި އެވެ. ފަހުން ރާއްޖެ ވަޑައިގެން ކިޑްނީ ހަދިޔާ ކުރާނެ މީހަކު ވޭތޯ ފުއާދު ވަރަށް މަސައްކަތް ކުރެއްވި އެވެ. ކޮންމެ ރެއަކު ގުޅުއްވާ ދަރިކަލުންގެ ހާލު އޮޅުއްފިލުއްވައެވެ. މީގެ ދެތީން ރޭ ކުރީން ފުއާދުގެ ގެކޮޅުން އަޅުގަނޑާ ބައްދަލުވި އެވެ. އަނބިކަނބަލުންގެ ބައްޕަ ނިޔާވުމާއި ގުޅިގެން ލިބިފައިވާ ހިތާމަ ފެނުނެވެ. އަނބިކަނބަލުންނަށް އަބަދުމެ ހިތްވަރު ދެއްވަމުންް ގެންދެވި އެވެ. އިރުއިރުކޮޅުން ދަރިކަލުންގެ ހާލަތާއި ގުޅޭ ވާހަކަ ހިއްސާ ކުރައްވައެވެ. ކިތަންމެ ހިތްވަރު ގަދަ ކުރެއްވިޔަސް ފުއާދަށް ލިބިވަޑައިގެންފައިވާ ފުން ހިތާމަ އިހުސާސް ކުރެއްވުނެވެ. ގޭގައި ހޭދަކުރެވުނު ފަސް ގަޑިއިރުތެރޭ އެތައް ފަހަރަކު ދަރިކަލުންނަށް ހެޔޮ ދުއާ ކުރެއްވި އެވެ. އިންޑިއާގައި ތިބި އާއިލާ ބޭފުޅުންނަށް ގުޅުއްވާ ދަރިކަލުންގެ ހާލު އޮޅުއްފިލުއްވި އެވެ. ވަރަށް އަވަހަށް ޝިފާއެއް ދެއްވާނެ ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ހިތްވަރު ދެއްވި އެވެ.

ދަރިކަލުން ނިޔާވީ އިންޑިއާއަށް ވަޑައިގަތުމަށް ފުއާދުގެ ދެކަނބަލުން ދަތުރެއް ތައްޔާރު ކުރަމުން ވަޑައިގަންނަވަނިކޮށެވެ. ދަތުރު ފަސް ކުރެއްވީ ކޮންމެހެން ކުރައްވަން ޖެހޭ މަސައްކަތް ނިންމަވާލެއްވުމަށް ފަހު ވަޑައިގެންނެވުމަށެވެ. މަސްއޫލިއްޔަތު އަދާކުރެއްވުުމުގައި ކުޑަވެސް އުނިކަމެއް ގެނައުމަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.

އިއްޔެގެ ކުރީން ވެސް ފުއާދުގެ ކިބައިން އެކަން އޮތީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައެވެ. އަނބިކަނބަލުންގެ ބައްޕަ ނިޔާވީ ދުވަހު ވެސް އޮފީހަށް ވަޑައިގެން ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންފައިވާ މަސައްކަތް ނިންމަވާލެއްވި އެވެ. މެންދުރު ހުޅުމާލެ ސަހަރާއަށް ވަޑައިގެން ބަފައިބެގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތެވެ. އެ ރޭ ޓީވީ ޕްރަގްރާމަކަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މާކުރީން ދެއްވިފައި އޮތީތީ އިންތިހާބާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ދެއްވުމަށް އެ ރޭ އެ ޕްރަގްރާމަށް ވަޑައިގަތެވެ.

ހިތާމައާ އުފާ މެދުވެރިވުމަކީ ދުނިޔޭގެ އާދަ ކަމުގައި ފުއާދު ގަބޫލު ކުރައްވައެވެ. އެކަންކަމަށް ކެތްތެރިވެވަޑައިގެން މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމި ހުންނެވުމަކީ ފުއާދުގެ އަޒުމެވެ. މީގެ ދެތީން ރޭ ކުރީން ބައްދަލްވެ ދެކެވުނު ވާހަކަތަކުގައި ފުއާދު ވިދާޅުވީ އެ ވާހަކަތަކެވެ. ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކައެއް ވަރަށް ބޮޑަށް ހަނދާނުގައި އެބަހުއްޓެވެ. ވިދާޅުވި އެވެ.

"ރައްޔިތުންނަށްޓަކައި އަދާކުރަން މިވަގުތު ޖެހިފައި އޮތީ ވަރަށް ބޮޑު އެހާމެ މުހިންމު މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑައެއް ނުކުރާނަމެވެ. ފަހަތަށް ނުޖެހޭނަމެވެ. ސިއްހަތާއި ހާލަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރާނަމެވެ. އިރާދަކުރެއްވިއްޔާ ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަމެވެ."

އެކަން ޔަގީނެވެ. އިއްޔެ ފުއާދުގެ ފަރާތުން ފެނުނީ އެ މަންޒަރެވެ. ފުއާދުގެ ހިތްވަރާއި އިހްލާސްތެރި މަަސައްކަތަށް ރައްޔިތުންގެ ފަރާތުން އޮތީ އިތުބާރާއެކު ތައުރީފެވެ. 

ކޮމެންޓް

1
450
ފަޒީލާ އަދުނާން
1 year ago

ވަރަށް ފުރިހަމަ ލިޔުމެއް. ފުއާދު އަށް ތައުރީފް ހައްގު. ހިތާމަިގެ ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވާށި.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.