ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އެކަމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ މަތީގައި ސާބިތުވެ ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެ ޕާޓީގެ ކައުންސިލަށް ޔަގީންކަން ދެއްވައިފި އެވެ.
ގާސިމްގެ އެދިވަޑައިގަތުމަކަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލްވުމެއް މިއަދު ވަނީ ބާއްވާފައެވެ. ކައުންސިލް ބައްދަލްވުމުގައި ގާސިމް ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިނާއި ގުޅޭ މުހިންމު ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އަދި ޔަގީންކަން ދެއްވީ ރިޔާސީ ރޭހުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ގާސިމް އިއްޔެ ވަނީ ކުށުގެ ރެކޯޑް ސާފު ކުރެއްވުމަށް ވެސް ހުށައަޅުއްވާފައެވެ. އަދި މާދަމާ ކެންޑިޑެސީ ހުށައެެޅުއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް އެނގިފައިވެއެވެ.
ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އެކަމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ. ނަމަވެސް މިއަދުގެ ކައުންސިލްގައި ދެކެވެނު ވާހަކަތަކާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
ރިޔާސީ ރޭހުގައި ފަހަތަށް ޖެހިވަޑައިގަތުމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއިރު ރިޔާސީ އިންތިހާބަށް ދެން އޮތީ މަހެއްހާ ކުރު މުއްދަތެކެވެ. ނަމަވެސް އަދިވެސް އެމަނިކުފާނު ސީދާ ކެންޕެއިނަށް ނުނިކުންނަވައެވެ.
އެ ޕާޓީގެ ލީޑާޝިޕުން ކެމްޕެއިން ހަރަކާތްތައް ހިންގަވައެވެ. ނަމަވެސް އެއީ ގާސިމް މީގެ ކުރީން ވާދަކުރެއްވި ދެ އިންތިހާބުގައި އަމަލު ކުރެއްވި ގޮތެއް ނޫނެވެ. އެންމެ ފަހުން ވާދަކުރެއްވީ 2013 ގެ ރިޔާސީ އިންތިހާބުގައެވެ. އެ ފަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ގާސިމް ވަނީ ވަރުގަދަ ކެމްޕެއިނެއް ހިންގަވާފައެވެ. 2008 ވަނަ އަަހަރު ވެސް ފުޅާކޮށް ކެމްޕެއިން ހިންގެވި އެވެ.
އެ ދެ ފަހަރާއި މި ފަހަރު ތަފާތުވުމުން ރިޔާސީ އިންތިހާބަށް ގާސިމް ނިކުންނާނެ ކަމާމެދު އަދިވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ރިޔާސީ ރޭހުގައި ފަހަތަށް ޖެހިވަޑައިގަތުމެއް ނެތް ކަމަށް ގާސިމް ވިދާޅުވީ އެފަދަ ވާހަކަތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ރިޔާސީ އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ގާސިމްގެ ތާއީދެވެ. ނަމަވެސް ގާސިމް މި ފަހަރު ވިދާޅުވަނީ އޭނާ ޓެސްޓް ކޮށްލަން މި ފަހަރު ފުރުސަތު ދެއްވުމަށެވެ.