ފައްޔާޒްގެ އިންޒާރެއް؛ ރައީސްގެ ކެމްޕޭނަށް ހުރަސް އަޅަންޏާ އެއްވެސް ރަށަކު ކެމްޕޭނެއް ނުކުރެވޭނެ

"މި އަޑުމެއް ނުގުޑާނެ. މި އޮޑިއެއް ނުފެތޭނެ. އަދި އަޅުގަނޑުމެން ރޫޅައެއް ވެސް ނުލެވޭނެ! ރޫޅައެއް ނުލެވޭނެ! އެބޭފުޅުން [ދަ ޑިމޮކްރެޓްސް] ވެސް ކުރައްވަންވީ ކަމަކީ ބާތިލު ވޯޓަށް ވުރެ ގިނައިން [ވޯޓު] ލިބޭނެތޯ މަސައްކަތް ކުރައްވަންވީ!"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހުރަސް އަޅައި ދަތިކުރާނަމަ އިދިކޮޅު ޕީޕީއެމްއަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ކެމްޕޭނު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރެއް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްވައިފި އެވެ.

ރައީސް ސޯލިހު އިއްޔެ ކެމްޕޭނު ދަތުރުފުޅުގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ދިޔައީ މުޒާހަރާ ކުރަމުންނެވެ. ޕިކަޕެއްގައި ސްޕީކަރު ހަރުކޮށްގެން ރައީސް ސޯލިހަށް ނިސްބަތްކޮށް ހަދާފައިވާ ލަވަ ޖަހަމުން އަޑުގަދަ ކުރަމުން ދިޔަ އެވެ. އެކަން ފުލުހުން ވަނީ ހުއްޓުވާފަ އެވެ.

މިރޭ ކެމްޕޭނު ޖަލްސާ ބޭއްވި ވަގުތު ވެސް އިދިކޮޅު ސަޕޯޓަރުން ދިޔައީ ވަރަށް ބާރަށް އަޑުގަދަ ކުރަމުންނެވެ. އެމީހުންނަށް ނުވަދެވޭނެހެން ތަން ބަންދުކޮށްފައިވީ ނަމަވެސް އެމީހުން އަޑުގަދަކުރަމުން ދިޔައީ ޖަލްސާގައި ތިބި މީހުންނަށް އިވޭވަރަށެވެ.

މިރޭގެ ޖަލްސާގައި ފައްޔާޒް ވާހަކަދައްކަވަން އެޖެންޑާކޮށްފައި ނެތް ނަމަވެސް އެންމެ ފަހު ވަގުތު ޕޯޑިއަމަށް އަރުއްވައި އިދިކޮޅު ފަރާތްތަކަށް ދެއްވީ އިންޒާރެކެވެ.

"އަޅުގަނޑުމެން 2018ގަ އެބޭފުޅުންގެ ވެރިކަމުގަ ކެމްޕޭނު ކުރަން ޖެހުނީ ނުހަނު ބިރުވެރިކަމާއެކީ. ވާނެ ގޮތެއް ނޭންގި ކޮންމެ ދުވަހަކު މަގު މައްޗަށް ނުކުންނަން ޖެހެނީ. މިއަދު އެބޭފުޅުން އެ ނިކުންނަވަނީ އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތި. އެހެންވީމަ ކެމްޕޭނު ކުރައްވާ އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސް ނާޅުއްވާ. ރައީސަކީ ވަރަށް ހިތް ތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތް ތިރި ބައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭނަށް ތާއަބަދު އެގޮތަށް ހުރަސް އަޅާކަމަށްވަންޏާ ދިވެހިރާއްޖޭގެ އެންމެ ރަށަކަށް ވެސް އެބޭފުޅުންނަށް ކެމްޕޭނެއް ނުކުރެވޭނެ!" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރައީސްގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ބަދަލުގައި ޕީޕީއެމް އިން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ދެއްކުން ކަމަށެވެ. ކެނޑިޑޭޓަކު ދެއްކުމަށްފަހު އެ ޕާޓީން ވެސް އިންތިހާބަށް ކެމްޕޭނު ކުރުމަށް ގޮވައިލެއްވި އެވެ. ކެމްޕޭނު ކުރަން މިއަދު އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް --

ފައްޔާޒް ވަނީ ނުސީދާ ގޮތެއްގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމަނިކުފާނުގެ އާ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ވެސް ބަހުގެ ހަމަލާއެއް ދެއްވާފަ އެވެ. ނަޝީދު މީގެ ކުރިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން "އެމްޑީޕީ ރޫޅާލާނެ" ކަމަށް ވިދާޅުވި ވިދާޅުވުމަށް ނުސީދާ ރައްދެއް ދެއްވި އެވެ.

"މި އަޑުމެއް ނުގުޑާނެ. މި އޮޑިއެއް ނުފެތޭނެ. އަދި އަޅުގަނޑުމެން ރޫޅައެއް ވެސް ނުލެވޭނެ! ރޫޅައެއް ނުލެވޭނެ! އެބޭފުޅުން [ދަ ޑިމޮކްރެޓްސް] ވެސް ކުރައްވަންވީ ކަމަކީ ބާތިލު ވޯޓަށް ވުރެ ގިނައިން [ވޯޓު] ލިބޭނެތޯ މަސައްކަތް ކުރައްވަންވީ!" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވަނީ ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކުން ރައީސްގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސް އަޅަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާފަ އެވެ.

ޕީޕީއެމް އިން ކެނޑިޑޭޓެއް ދައްކަން ފައްޔާޒް ގޮވައިލެއްވިއިރު، އެ ޕާޓީން ވަނީ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާނީ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިއުލާނުކޮށްފަ އެވެ. އަދި ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް ކަމަށް ވެސް އިއުލާނުކޮށްފަ އެވެ. އެ ނޫން އިތުރު ކެނޑިޑޭޓެއް ނެތް ކަމަށް އެޕާޓިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.