ތުހުމަތުތައް ބޮޑުވުމުން މުއިއްޒު ނިކުންނަވައިފި، ޔާމީނަށް އޮތީ މަޖުބޫރެއް ނެތް ސަޕޯޓަކާއި ލޯތްބެއް

ރައީސް ޔާމީނަކީ އަޅުގަނޑު ލޯބިވާ ޝަހުސިއްޔަތެއް. އެމަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް އަޅުގަނޑުގެ ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަނެއް ނޯންނާނެ. އަންޑިވައިޑެޑް ސަޕޯޓެއް އަޅުގަނޑުގެ އޮންނާނީ

ރައީސް ޔާމީން އަރިހުގައި ޑރ. މުހައްމަދު މުއިއްޒު: މުއިއްޒު ވިދާޅުވީ އަބަދުވެސް ހުންނަވާނީ ޔާމީނާ އެކު ކަމަށް --

އިިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާއި ދެކޮޅަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށާ ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި އިދިކޮޅު ކެންޑިޑޭޓަކަށް ވުމަށް މުއިއްޒު މަސަައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް ފަތުރަމުންދާ ވާހަކަތަކަށް މުއިއްޒު ވަރުގަދައަށް ރައްދު ދެއްވައި އެ ތުހުމަތުތައް ދޮގު ކުރައްވައިފި އެވެ.

މުއިއްޒު މިރޭ ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭނާއާ ގުޅޭގޮތުން އެއްވެސް އަސާސެއް ނެތް ވާހަކަތައް ބަޔަކު ފަތުރަމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާ ނަމަވެސް އެ ހުރިހާ ވާހަކަތަކަށް ޖަވާބުދިނުމަށް އޭރު އެއްވެސް ޝައުގެއް ނެތް ކަމަށެވެ.

ނަމަވެސް އެ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަ ނުދައްކާ އަބަދު ހުރެެގެން ވާނެ ކަމަށް ގަބޫލުނުކުރެއްވޭތީވެ ފަތުރަމުންދާ ހުރިހާ ވާހަކަތަކަށް ޖަވާބުދޭން ބޭނުންވީ ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް އޭނާގެ ތާއީދު އޮތީ އިއްޔެއަކު / މިއަދަކު ނޫން ކަމަށާ އެމަނިކުފާނަކީ ވަރަށް ކުރިއްސުރެ އޭނާގެ އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށެވެ. އަދި މިހާރުވެސް އެކަން އެެ ގޮތުގައި ދެމި އެބަައޮތް ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަންޑިވައިޑެޑް [ދެގޮތެއް ނުވާ] ސަޕޯޓް، ލޯޔަލިޓީ އަބަދުވެސް ރައީސް ޔާމީނަށް އޮންނާނެ،"

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައި ވަނީ އިންސާފުން ނޫން ކަމަށާ އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. އަދި  އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކުރެއްވެން ހުރި ކޮންމެ މަސައްކަތެއް މިހާތަނަށް ވެސް ކުރައްވާފައިވާނެ ކަމަށެވެ. އަދިވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މިވަގުތު ވެސް އެމަނިކުފާނު [ރައީސް ޔާމީން] މިނިވަންވުމަކީ އަޅުގަނޑު އެދޭ އެދުން. ކުރާ ދުއާ. އިރާދަކުރެއްވިއްޔާ އެކަން ވެގެން ދާނެ. މިއަދުވެސް މި ގައުމަށް އެންމެ ބޭނުންވަނީ އެމަނިކުފާނުގެ ލީޑާޝިޕް،"

ޕީއެންސީގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު: ތުހުމަތުތަކަށް ސާފު ޖަވާބު ދެއްވެވި

މުއިއްޒު ވިދާޅުވީ ރައީސް ޔާމީނާއި އޭނާއާ ގުޅުވާ ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތައް ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން ރައީސް ޔާމީނަށް އޮތް ލޯތްބާއި އިހްތިރާމް ގެއްލިގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ ޔާމީނަކީ ގައުމުހުރި އެންމެ ވަރުގަދަ ޝަހުސިއްޔަތު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަން ހުރި ހަމައެކަނި ގައުމީ ލީޑަރު ކަމަށެވެ. އޭނާ ހުންނެވީ ސާބިތުކަމާއެކު ޔާމީނާއެކު ކަމަށް ވިދާޅުވި އެެވެ.

ރައީސް ޔާމީނަށް އަޅުގަނޑުގެ ތާއީދު އަޅުގަނޑުގެ ސަޕޯޓަކީ މިއަދަކު އިއްޔެއަކު އޮތް އެއްޗެއް ނޫން. އެއީ މީގެ އެތައް އަހަރެއް ކުރީން ފެށިގެން އަޅުގަނޑު ގަބޫލުކުރާ އަޅުގަނޑު ލޯބިވާ ޝަހުސިއްޔަތެއް. އެމަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް އަޅުގަނޑުގެ ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަނެއް ނޯންނާނެ. އަންޑިވައިޑެޑް ސަޕޯޓެއް އަޅުގަނޑުގެ އޮންނާނީ

ޑރ. މުހައްމަދު މުއިއްޒު | ޕީއެންސީގެ ނާއިބު ރައީސް

މުއިއްޒު ވަނީ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ޕީޕީއެމާއި ޕީއެންސީގައި އެއްވެސް ބައިބައިވުމެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޕީޕީއެމް / ޕީއެންސީގެ މެންބަރުންގެ އެންމެ ބޮޑު ޒިންމާއަކީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނާއި ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެވޭނެ މަގު ފަހިކޮށް ދިނުން ކަމަށެވެ. މިރޭގެ މެސެޖުގައި މުއިއްޒު ވަނީ ޔާމީންގެ މައްޗަށް އިންސާފު ގާއިމުކޮށް ދެއްވުމަށް ޝަރުއީ ނިޒާމަށް އާދޭސް ދަންނަވާފައެވެ.

މުއިއްޒު ވަނީ މީގެ ކުރީން ވެސް ޔާމީނަށްޓަކައި އޭނާ ކޮށްދެއްވެވި ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. އެ ގޮތުން 2018 ގައި ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިވެވަޑައިގެންނެވި ދުވަހު އޭނާ އޭރު ނިސްބަތްވި އަދާލަތުން ވަކިވެ ޕީޕީއެެމާއި ގުޅިވަޑައިގަތުމާއި ޕީޕީއެމްގެ ނާއިބު ރައީސް ކަމަށް ކެމްޕެއިން ކުރެއްވުމަށް ފަހު ފަހު ވަގުތު ރައީސް ޔާމީންގެ ހައްގުގައި ނަން އަނބުރާ ގެންނެވުމާއި ޕީޕީއެމް ގެއްލުމުގެ ބިރު އުފެދުނު ވަގުތު ޕީއެންސީ އުފެއްދެވުމަށް ނިންމެވުމުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުން ފާހަގަ ކުރެއްވި އެވެ. އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ރައީސް ޔާމީން އެންގެވުމުން އެއްވެސް ޝަރުތެއް ނެތި އެކަމަށް އެއްބަސްވެވަޑައިގެންނެވިކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭރު އޭނާ ހުންނެވީ އެ ކެމްޕެއިނަށް ބޮޑު ހަރަދެއް ހިނގާނެތީ އެކަމަށް ކުރިމަތިލެއްވުމަށް ފަސްޖެހިފައެވެ. 

ނަމަވެސް ރައީސް ޔާމީން ވިދާޅުވީތީ އިތުރު ވިސްނުމަކަށް ނުގޮސް ކުރިމަތިލެއްވީ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެއިން ކޮންމެ ކަމެއް ކުރެއްވީ ޔާމީނަށް އޮތް އިހްތިރާމާއި ލޯތްބެއްގެ ސަބަބުންނެވެ.

ބައެއް ފަރާތްތަކުން ވަނީ މުއިއްޒު ޕީޕީއެމް / ޕީއެންސީ ސެނެޓްގެ ފުލް ކޮންޓްރޯލް ހޯދާ އެންމެ ފަހު ވަގުތު ރިޔާސީ ރޭހަށް އޭނާ ނެރެން ދެ ޕާޓީގެ ލީޑާޝިޕާއި ޔާމީނަށް މަޖުބޫރުވާނެ ރޭވުންތަކެއް ރާއްވާފައިވާ ކަަމަށް ބުނެ ވާހަކަތަކެއް ފަތުރާފައެވެ. އެ މީހުން ބުނާ ގޮތުން އިދިކޮޅު ސެނެޓްގެ އައްޑިހައެއްހާ މެންބަރުންގެ ތާއީދު މުއިއްޒަށް އޮވެއެވެ.

ކޮމެންޓް

1
450
ނުރަބޯ
1 year ago

ބަރާބަރު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.