ނަޝާތުގެ ދައުރު އިތުރުކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީ މެމްބަރުން އެދުނު ނަމަވެސް، އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު އަންނަ ދެ މަހަށްވުރެ ކުޑަތަން ވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތުގެ މެމްބަރު ކަމުގެ މުއްދަތު މިއަދު ހަމަވެއްޖެ އެވެ.
ނަޝާތު އީސީގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. ކޮންމެ މެމްބަރަކަށް ވެސް ލިބެނީ ފަސް އަހަރުގެ މުއްދަތެކެވެ.
ނަޝާތުގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އީސީން ކުރިން މެމްބަރު ކަމަށް ހުޅުވައިލި އެވެ. ކުރިމަތިލި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނަޝާތުގެ ނަމެވެ. އެކަމަކު މަޖިލީސް ޗުއްޓީއަށް ގޮސްފައި ވަނީ ނަޝާތުގެ ދައުރު އިތުރު ނުކޮށްދީ އެވެ.
ނަޝާތުގެ ދައުރު އިތުރުކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީ މެމްބަރުން އެދުނު ނަމަވެސް، އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދާއިމީ ކޮމިޓީތައް އެކުލަވާލައިފައިވެ އެވެ.
އިންތިހާބު ބޯމަތިވެފައި ވަނިކޮށް ނަޝާތުގެ ދައުރު ހަމަވެފައި މިވަނީ އީސީގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށެވެ. ދާދިފަހުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ވަނީ ނަގާފަ އެވެ. ފުއާދާ ދެކޮޅަށް ވޯޓު ދިން މެމްބަރުންގެ ތެރޭގައި ނަޝާތު ހިމެނެ އެވެ.