ސިމް ލިމިޓް: ދިވެއްސަކަށް 10 ސިމް، ބިދޭސީއަކަށް ތިން ސިމް

ގަވާއިދު ބުނާ ގޮތުން ކޮންމެ ސާވިސް ޕްރޮވައިޑަރަކުވެސް އަމިއްލަ ފަރުދުންނަށް މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުން ކުރާ ނަންބަރު ދޫކުރެވޭނީ ދެން ވަކި ލިމިޓަކާ ހަމައަށެވެ.

ސިމް ކޮޅެއް: ސިމް ނެގޭނެ ލިމިޓް ވަނީ ކަނޑައަޅާފައި

އެކަކަށް ސިމް ކާޑު ނެގޭނެ ލިމިޓް ކަނޑައެޅުމަށް ފަހު މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ އޮފް މޯލްޑިވްސް (ކޭމް) އިން އާންމު ކޮށްފި އެވެ.

ސްކޭމް ކޯލްތައް އިތުރުުވުމާއި ގުޅިގެން ސިމް ކާޑު ނެގޭނެ ލިމިޓް ކަނޑައަޅަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިއަދު އާންމުކުރި ގަވާއިދުގައި މޯބައިލްފޯނު ނަންބަރު ބޭނުން ކުރުމަށް ސިމްކާޑު ދޫކުރުމާއި ނަންބަރު ދޫކުރެވޭނެ އަދަދާއި ހިދުމަތަށް އެދޭ މީހާގެ މައުލޫމާތު ނެގުމާއި ނަންބަރު ރަޖިސްޓްރީ ކޮށްފައިވާ މީހާގެ މައުލޫމާތު ރައްކާކުރުމާއި ނަންބަރު ބޭނުން ކުުރުމުގައި ޒިންމާދާރުވުމާއި ސާވިސް ޕޮރޮވައިޑަރާއި ހިދުމަތް ހޯދާ މީހާއާ ދެމެދު ހެދޭ އެއްބަސްވުމާއި އިދާރީ ފިޔަވަޅު އެޅޭނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ގަވާއިދު ބުނާ ގޮތުން ކޮންމެ ސާވިސް ޕްރޮވައިޑަރަކުވެސް އަމިއްލަ ފަރުދުންނަށް މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުން ކުރާ ނަންބަރު ދޫކުރެވޭނީ ދެން ވަކި ލިމިޓަކާ ހަމައަށެވެ. އެ ގޮތުން ދިވެއްސަކަށް ނަމަ 10 ނަންބަރެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއް ނުވަތަ ޓޫރިސްޓެއް ނަމަ ތިން ނަންބަރެވެ.

ސިމް ނަގާއިރު ދޭން ޖެހޭ މައުލޫމާތު:

  •  ފުރިހަަމަ ނަން
  •  ޖިންސް
  •  އުފަންތާރިހު
  •  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  •  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވާ ތާރީހު
  •  ދާއިމީ އެޑްރެސް (ގޭގެ ނަމާއި އަތޮޅާއި ރަށް)
  •  މިހާރު އުޅޭ އެޑްރެސް (ގޭގެ ނަމާއި އަތޮޅާއި ރަށް)
  •  ހިދުމަތް ހޯދުމަށް އެދޭ ފަރާތުގެ ސޮއި
  •  ގުޅޭނެ ފޯނު ނަންބަރެއް
ރާއްޖޭގައި ހިދުމަތް ދޭ ދެ އޮޕަރޭޓުންނަކީ ދިރާގާއި އުރީދޫ

ބިދޭސީއެއް ނަމަ ޕާސްޕޯޓް ނަންބަރު ނުވަތަ ވާކްޕާމިޓް ނަންބަރާއި ޕާސްޕޯޓް ނުވަތަ ވާކްޕާމިޓްގެ މުއްދަތު ހަމަވާ ތާރީހު އަދި ސޮޕޮންސަރުގެ ނަމާއި ގުޅޭނެ ނަންބަރާއި ޒިންމާވާ ފަރާތުގެ ނަމާއި މަގާމު އަދި ގުޅޭނެ ނަންބަރު ހިމަނަން ޖެހެއެވެ.

ގަވާއިދު މިހާރު އޮތްގޮތުން މިގޮތަށް ނެގޭ މައުލޫމާތު ސާވިސް ޕޮރޮވައިޑަރު 10 އަހަރުގެ މުއްދަތަށް ރައްކާ ކުރަން ޖެހެއެވެ.

ގަވާއިދާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު އެކަމެއް ރަނގަޅު ކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ދެވަނަ ފަހަރު 10،000 ރުފިޔާ އިން އަދި ދެން ގަވާއިދާ ހިލާފުވެއްޖެ ނަމަ 20،00 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

ހަތަރުވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު ބައިލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ސްކޭމް ކޯލްތަކުގެ މައްސަލައާ ސިމް ކާޑު -- ފުލުހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ސްކޭމް ކޯލްތަކާއި ގުޅުންހުރި އެކި މައްސަލަތަކުގައި ބޭނުން ކޮށްފައިވާ 305 ނަންބަރަކީ މާފުށީ ޖަލުގައި ބަންދުގައި ތިބި ގައިދީން ބޭނުން ކޮށްފައިވާ ނަންބަރުތަކެކެވެ. ސްކޭމް ކޯލްތަކުގައި ބޭނުންކުރާ ނަންބަރުތަކަކީ ކޮން ބައެއްގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއްތޯ ބެލިއިރު، ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ނަންބަރު އަދި 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވާ ކަން ވަނީ ފާހަގަ ކުރެވިފަވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ނަންބަރުތައް ނަގާފައި ވަނީ ރައްޔިތުންގެ ގިނަ ޝަކުވާތައް އަމާޒުވާ ދިރާގުންނެވެ.

ކޮމެންޓް

1
450
އަލީ އަކުބަރު
1 year ago

10 ސިމް މާ ގިނަ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.