ޕީޕީއެމުން ބުނީ "ދިވެހީންގެ ސުލްހަވެރި ހިނގާލުން" ނަމުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި ކަމަަަަށެވެ.
އިދިކޮޅު ދެ ޕާޓީ -- ޕީޕީއެމް / ޕީއެންސީން މިއަދު ހަވީރު ބޭއްވުމަށް ނިންމި ހިނގާލުން ފަސްކޮށްފި އެވެ.
ހިނގާލުން ފަސްކޮށްފައިވަނީ މާލެ ސަރަހައްދުގެ މޫސުން ވަރަަށް ބޮޑަށް ގޯސްވުމާއި ގުޅިގެންނެވެ. ޕީޕީއެމުން ބުނީ "ދިވެހީންގެ ސުލްހަވެރި ހިނގާލުން" ނަމުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައިވާ ކަމަށެވެ.
ހިނގާލުން ދެން އޮންނާނެ ވަކި ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އިދިކޮޅުގެ ހަރަކާތްތައް މި ފަހުން އިތުރުކޮށްފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
އިދިކޮޅު މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް / ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައެވެ. އެމަނިކުފާނަކީ ޕާޓީއަކުން ރިޔާސީ ޓިކެޓް އެރުވި ފުރަތަމަ ކެންޑިޑޭޓެވެ. ކެމްޕެއިން ވެސް ފުރަތަމަ ރަސްމީ ކުރެއްވީ އެމަނިކުފާނެވެ. ނަމަވެސް ރިޔާސީ ޓިކެޓް އަރުވާފައި ވަނިކޮށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް އޮތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ އިންތިހާބުގެ ކުރީން ރައީސް ޔާމީން މިނިވަންވާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ހައިކޯޓް މަރުހަލާއިން ޔާމީން މިނިވަންވާނެ ކަމަށް ބުނި ނަމަވެސް ހައިކޯޓްގައި އޮތް އިސްތިއުނާފު އޮތީ ހުއްޓިފައެވެ. އެއީ ކުއްލި ގޮތަކަށް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.
އަނެއްކޮޅުން ދަށު ކޯޓްގައި އޮތް ޔާމީންގެ މައްސަލަ ވަރަށް ބާރަށް ގެންދަން ވަނީ ހިފާފައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ކޯޓްގައި މައްސަލަތައް ހިންގަނީ ސަރުކާރުގެ ނުފޫޒުގައެވެ. ޔާމީން މިނިވަން ވިޔަ ނުދޭން ސަރުކާރުން ދަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ.