މިއަދު ހެނދުނު 11:45 ގައި ވީއައިއޭގައި ޖެއްސި ފްލައިޓަކުން ރާއްޖެ ވަޑައިގަތުމުން "މި" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ހަތް އަހަރަށް ފަހު ރާއްޖެ އާދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އިސްލާހީ މަސައްކަތާއި ގައުމަށް ހިދުމަތް ކުރުމަށް ވަކި ތާކު ހުރުން ލާޒިމް ނޫން ކަމަށާ ނަމަވެސް ރާއްޖޭގައި ހުރެ ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުމަކީ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
އަމިލަފުޅަށް އަރުވާލެއްވިގެން ހަތް އަހަރު ދުވަހު އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް، މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އަމީން ރާއްޖެ ދޫކުރައްވާ ވަޑައިގަތީ މެއި 1، 2015 ގައި ބޭއްވި މޭޑޭގެ ބޮޑު އެއްވުމަށް ފަހު އެ ރޭ ހައްޔަރުކޮށް ޖަލުގައި ބަންދު ކޮށްގެން މަސް ދުވަހު ގެންގުޅުމަށް ފަހު ދޫކޮށްލުމުންނެވެ.
އަރުވާލެއްވިގެން އަމީން އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އޭނާގެ ބައްޕަ، ތުޅާދޫ އިބްރާހިމްފުޅާއި އޭނާ އަނބިކަނބަލުންގެ ބައްޕަ އިބްރާހިމް އަޒީޒް ހޯލި އަޒީ ވަނީ ވެސް ވަނީ އަވަހާރަވެ އެވެ. އަމީން މިއަދު ވަޑައިގެންނެވި އިރު އޭނާގެ އަނބިކަނބަލުންނާއި ދެބޭފުޅުން ވެސް ރާއްޖެ ވަޑައިގަތެވެ.
މިއަދު ހެނދުނު 11:45 ގައި ވީއައިއޭގައި ޖެއްސި ފްލައިޓަކުން ރާއްޖެ ވަޑައިގަތުމުން "މި" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ހަތް އަހަރަށް ފަހު ރާއްޖެ އާދެވުމަކީ ލިބި ވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސިޔާސީ އިސްލާހީ މަސައްކަތާއި ގައުމަށް ހިދުމަތް ކުރުމަށް ވަކި ތާކު ހުރުން ލާޒިމް ނޫން ކަމަށާ ނަމަވެސް ރާއްޖޭގައި ހުރެ ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުމަކީ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާމެދު އަމީން ދެކެވަޑައިގަންނަވާ ކިހިނެތްތޯ ސުވާލު ކުރުމުން ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމަށާ އެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރަން ޖެހޭ ކަމަށެވެ. ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަންގައި ކަމަށް ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ސަރުކާރުގައި އޮތް ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވާނެ ކަމަށާ އެތެރެއާއި ބޭރުން ވެސް ކުރަން ޖެހޭ މަަސައްކަތް ކުރައްވާނެ ކަމަށެވެ.
"ޖުމްހޫރީ ޕާޓީ އޮންނާނީ މި ދައުރު ނިމެންދެން ސަރުކާރާ އެކީގައި. އެކަމަށް ބަދަލެއް ނާންނާނެ. އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ އަބަދުވެސް ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުން. ރައްޔިތުންނަށް އުފަލެއް ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެން އުފާވޭ. އެ މީހުން ކަންބޮޑުވާ ކަމަށް ވަންޏާ އަޅުގަނޑުމެންވެސް ކަންބޮޑުވޭ. އަދި އެކަންބޮޑުވުންތައް ޓްވީޓްތަކުގެ ސިފައި ތިޔަ ފެނިވަޑައިގަންނަވަނީވެސް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކޮންސާން / ކަންބޮޑުވުން އަބަދަކުއެއް ހުށައަޅަނީ އާންމު ޕްލެޓްފޯމްތަކުގައެއް ނޫން،" އަމީން ވިދާޅުވިއެވެ.
އަމީން ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ އެއާޕޯޓަށް ވަޑައިގަތެވެ. ވީއައިއޭގައި ހުންނަވާ "މި" ނޫހާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަމީން ރާއްޖެ ވަޑައިގަތުމަށް މަރުހަބާ ވިދާޅުވާ ކަމަށާ އަމީން ވަޑައިގަތުމަކީ ޖޭޕީގެ މަސައްކަތްތަކަށް ލިބޭނެ ބާރެއް ކަމަށެވެ.
"އަމީން ވަޑައިގަތުމަކީ އަޅުގަނޑުމެންގެ މުޅި ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. އަދި އެއީ ޖޭޕީގެ މަސައްކަތަށް ވެސް ލިބޭނެ ކާމިޔާބެއް،" ގާސިމް ވިދާޅުވިއެވެ.
މެއި 1، 2015 ގެ މުޒާހަރާއަކީ ރައީސް އަބްދު ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވުނު އެންމެ ބޮޑު އެއްވުމެވެ. އަދި އެއީ މި ފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ގިނަ ބަޔަކު ބައިވެރިވި އެއްވުން ވެސް މެއެވެ. އެއްވުން ލީޑު ކުރެއްވީ އަމީންގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދު އެވެ. އަލީ ވަހީދު އާއި އަމީން ރާއްޖެއިން ބޭރަށް ވަޑައިގަތް ހިމާޔަތް ހޯއްދެވި އެވެ. އިމްރާނަށް ވަޑައިގެންނެވޭ ގޮތް ނުވެ ރާއްޖޭގައި ތާށިވިއެވެ. ފަހުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.