"ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ. އެދުވަހު ރިސޯޓުތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ހެދިނަމަ ދެން ކިހިނެތްތޯ ވާނީ. މިއީ ފިތުނައާއި ފަސާދައާއި ދެކޮޅުވެރިކަން ދައްކަންވެގެން އައި ވާހަކަތައް،"
އެ ވަގުތު އޮތް ހާލަތު ނުފެނި ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.
ކެމްޕޭން ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮވިޑް-19 އިގެ ދަތި ދުވަސްވަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭރު ރައީސް މުހައްމަދު ނަޝީދު ދެއްކި ވާހަކަތައް ހަނދާން އާކުރައްވައި ފާޑުވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ދުވަސްވަރު ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކަށް ފާޑުކިޔައި ސިޔާސީ ލީޑަރުން ޖެއްސުމާއި އުނދަގޫތައް ކުރަމުން ދިޔައީ ސަރުކާރާމެދު ނަފުރަތު އުފައްދަން ކަމަށެވެ. އެ ހާލަތުގައި ރިސޯޓުތަކުގައި މަސް ކައްކަން ފެންނަ ކަމަށް ބުނެ ދައްކަމުން ދިޔަ ސިޔާސީ ވާހަކަތަކީ ރައްޔިތުން މާޔޫސް ކުރުވަން ދެއްކި ވާހަކަތަކެއް ކަމަށެވެ.
"ކޮވިޑްގެ ތެރޭގަ ހާދަ އުނދަގުލެއް އަޅުގަނޑުމެންނަށް ކުރިމަތި ވިޔޭ. އަދި އެހެން ގޮތަށް ބުނާނަމަ ހާދަ ޖެއްސުމެއް ކުރިޔޭ. އުންމީދެއް ނެތް ކަމަށް ދެކި، އަޅުގަނޑުމެން ނެތި ދަނީ ކަމަށް ދެކިގެން ވާހަކަތައް ދައްކަމުން ދިޔައީ. ބައެއް ސިޔާސީ ލީޑަރުން ނިކުމެވަޑައިގެން ވިދާޅުވީ ރެސޯޓުތަކުގެ ބަދިގެތަކުގައި ދެންވީ މަސް ކައްކާށޭ. ރެސޯޓްތަކުގަވީ ދަނޑުވެރިކަމޭ ކުރަން. މިރާއްޖޭގެ ޓޫރިޒަމް ހަލާކުވެ ދިޔައްޔޭމި. ދެނެއް ރާއްޖެއަށް އަންނާނެ ޓޫރިސްޓަކު ނުވާނެޔޭ. މީ ފަތުރަމުން ދިޔަ ވާހަކަތައް. މީހުން މާޔޫސްކުރުމަށް،" ނުސީދާކޮށް ނަޝީދަށް އަމާޒު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެވާހަކަތައް އެގޮތަށް ދެއްކި ނަމަވެސް އެދުވަހު އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވެ މިލިއަނުން ޓޫރިސްޓުން އައި ކަމަށެވެ. އަދި 2028 އާ ހަމައަށް އަމާޒު ޖަހާފައި ވަނީ ރާއްޖެއަށް އަހަރަކު ތިން މިލިއަން ޓޫރިސްޓުން ދައްޗެއް ނެތި އައުމަށް ކަމަށެވެ.
"ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ. އެދުވަހު ރިސޯޓުތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ހެދިނަމަ ދެން ކިހިނެތްތޯ ވާނީ. މިއީ ފިތުނައާއި ފަސާދައާއި ދެކޮޅުވެރިކަން ދައްކަންވެގެން އައި ވާހަކަތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް ނުސީދާކޮށް ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވިއިރު ރޭ ނަޝީދު ވެސް ވަނީ ރައީސަށް އަމާޒުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމޭނީ އަދި އެއް ދައުރު ލިބިގެން ކަމަށް ރައީސް ވިދާޅުވަމުންދާ ވާހަކަފުޅަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.