ކުރޮސް ސަބްސިޑީ އުސޫލުން ވ. އަތޮޅު ދިއްގަރު ފަޅުން ބައެއް ހިއްކާ ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ނިންމީ އަތޮޅު ކައުންސިލާއި ވާވުގެ ފަސް ރަށުގެ ރައްޔިތުންނާއިވެސް އެއްވެސް މަޝްވަރާއެއް ނުކޮށެވެ.
ކުރޮސް ސަބްސިޑީ އުސޫލުން ވ. އަތޮޅު ދިއްގަރު ފަޅުން ބައެއް ހިއްކާ ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ވާވު ރައްޔިތުން ދެކޮޅު ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ވާވު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސޮއިކޮށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދިއްގަރު ފަޅުން 400 ހެކްޓަރު ސަރަހައްދެއް ހިއްކާ ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ފެލިދެއަތޮޅު އަތޮޅު ކައުންސިލުން ދެކޭ ގޮތެއް ސާފުކުރުމަށް ބައްދަލުވުމެއް އިންތިޒާމު ކުރުމަށް އެދިފައިވާތީ އެކަމާމެދު ގޮތް ނިންމަން ކައުންސިލް ބައްދަލްވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލްވުމުގައި ނިންމާފައި ވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ކޮބައިކަން ސާފުކޮށް ދިނުމަށާއި އެ ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ވިސްނުން އަތޮޅު ކައުންސިލާއި ހިއްސާ ކޮށްދިނުމަށް އެދުމަށެވެ. އަދި ގުޅުންހުރި މުއައްސަސާތަކަށް އެކަމަށް އެދި ލިއުން ފޮނުވައި އެކަމާގުޅޭ ސާފު ޖަވާބެއް ލިބި ކައުންސިލުން ގޮތެއް ނިންމެންދެން އެ ބޭނުމަށް ބޭނުން ކުރުމަށް އަތޮޅު ކައުންސިލުން އިއުތިރާޒު ކުރާ ކަމަށް އެންގުމަށެވެ.
އަތޮޅު ކައުންސިލުން ބުނި ގޮތުގައި ދިއްގަރު ފަޅު ސަރަހައްދަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ތިމާވެށީގެ ސިޔާސަތުގެ ތެރެއިން ވ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހާއްސަ ނުވަ ސަރަހައްދު ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ބެލެހެއްޓުމަށް ފެލިދެ އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.
އެ ސަރަހައްދަށް ވ. އަތޮޅުގައި އާއްމުކޮށް ބޭނުންކުރާ ނަމަކީ "ހިނގާކުޅި ފިނޮޅު" އެވެ. "ހިނގާކުޅި ފިނޮޅު" ސަރައްދު ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވަނީ މި އަހަރުގެ ޖެނުއަރީ 10 ގައެވެ. އަދި އެ ނިންމުމާއެކު "ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމާބެހޭ މެނޭޖްމެންޓް ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ވެސް ކުރެވިފައިވާ ސަރަހައްދެއް ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެއެވެ.
ހިނގާކުޅި ފިނޮޅު އުފެދިފައި ވަނީ ރާއްޖޭގައި ހިމެނޭ ގުދުރަތީ ގޮތުން އެންމެ މުއްސަދި / ހާއްސަ ސިފަތަކެއް އެކުލެވިގެންވާ ފޮއްތެޔޮ ފަޅުތެރޭގައި ވުމާއި އެ ސަރަހައްދާއި ވަށާއިގެންވާ މާހައުލުގެ ދިރުންތަކުގެ މުހިންމު ކަމާއި ގުދުރަތީ ވަސީލަތްތައް މެނޭޖް ކުރުމުގެ ޒަމާންވީ ގޮތްތަކާއި ރައްކާތެރި ކުރުމަށް ކަނޑައެޅޭ ސަރަހައްދެއްގެ ގޮތުގައި ބެލެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ވާވު ކައުންސިލުން ބުންޏެވެ.
ކުރޮސް ސަބްސިޑީ އުސޫލުން ވ. އަތޮޅު ދިއްގަރު ފަޅުން ބައެއް ހިއްކާ ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ނިންމީ އަތޮޅު ކައުންސިލާއި ވާވުގެ ފަސް ރަށުގެ ރައްޔިތުންނާއިވެސް އެއްވެސް މަޝްވަރާއެއް ނުކޮށެވެ.
އެ މަސައްކަތް ހިނގާކަން ސަރުކާރުން ހާމަކުރީވެސް ރައީސް އިއްޔެ ވާވު އަތޮޅުގެ ކެމްޕެއިނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދެއްވައެވެ. ވިދާޅުވީ ރާއްޖޭގައި ދެން ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު ކުރިއަށް ގެންދަވާނީ ލޯކަލް ޓޫރިޒަމްގައި ކުރިއެރުންތަކެއް ހޯދާފައިވާ ވާވު އަތޮޅުގައި ކަމަށެވެ. އެ މަޝްރޫއު ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ވިދާޅުވީ އެ މަޝްރޫއުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
"ރާއްޖޭގައި ދެން ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ މި އަތޮޅުގައި ފެށިގެންދާނެ،"
ރައީސް ވިދާޅުވީ އެ މަޝްރޫއު ފެށޭއިރު ވައިގެ މަގުން ވާވު އަތޮޅާއި އެހެން އަތޮޅުތައް ގުޅުވާލާނެ ކަމަށެވެ. ވާވަކީ އެއާޕޯޓެއް ނެތް އަތޮޅެކެވެ. ރައީސް ވިދާޅުވީ ވާވުގެ ފަސް ރަށަށް ކުރައްވާ ދަތުރުފުޅަށް ފަހު މިރޭ މާލެ ވަޑައިގެން މާދަމާ އިކޮނޮމިކް ކައުންސިލްގައި ވާވުގެ އެ މަޝްރޫއުތަކާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުންތައް ނިންމާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުގައި މިހާރު އޮތީ އެއްބަސްވުމެއްގައި ސޮއިވެސް ކުރެވިފައި ކަމަށެވެ. އަދި ދެން އޮތީ އަަމަލީ މަަސައްކަތް ފެށުމަށް ކުރެހުންތައް ކުރެހުން ކަމަށް ވިދާޅުވި އެވެ. "ޓޫރިޒަމްގެ އެ ބޮޑު މަޝްރޫއު މިތާ ފެށިގެންދާއިރުގައި ވައިގެ މަގުން މި އަތޮޅާވެސް ގުޅިގެން ދާނެ،"
ދިއްގަރު ފަޅުން ބައެއް ހިއްކާ ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އެ އަތޮޅުގެ ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދާ އެ ރައްޔިތުންގެ ބަހެއް ނެތި އެފަދަ ކަމެއް ނުކުރުމަށް ގޮވާލަމުންނެވެ. އަދި ދިއްގަރު ފަޅަކީ ވާވުގެ ރައްޔިތުން އެތަން ކުރުމަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި މާކުރީން ކަނޑައަޅާފައިވާތީ އެކަން ރައްޔިތުންނަށް ނޭންގި ބަދަލު ކުރެވިގެން ނުވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.