ރާއްޖެއަށް ގޮންޖެހުން ގިނަ، އެކަމަކު ވާދަވެރިންނަށް ދޫދިނުމެއް ނެތް

ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައު އެހެން ގައުމުތައް ހުޅުވައިގެން ބޮޑު ބަޖެޓާއެކު މަސައްކަތް ފަށާފައިވެ އެވެ. ރާއްޖެއަށް މިދިޔަ އަހަރަށްވުރެ އަވަހާ މި އަހަރު އެއް މިލިއަން ހަމަވުމަކީ މަސައްކަތުގެ ނަތީޖާ ފެންނަމުން ދިއުމެވެ.

އެެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު: ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތުގައި ކާމިޔާބީތައް ހޯއްދަވައި ދެއްވި -- މި

ރާއްޖެ އިސްތިހާރު ކުރުމުގައި ޓޫރިޒަމް އިންޑަސްޓްރީއާއެކު ބުރަކޮށް، ކޯޑިނޭޓިވް މަސައްކަތްތަކެއް ކުރަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ނުވަތަ އެމްއެމްޕީއާރުސީންނެވެ. އެ މަސައްކަތް ކުރުމުގައި އެ ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ހުއްޓަސް ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ގަބޫލު ކުރައްވަ އެވެ. 

މި އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އައުން ފާހަގަ ކުރަން އިއްޔެ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު އެއާޕޯޓުގައި ހުންނަވާ "މި" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކުރިން ގައުމީ ޓީވީގެ އިސް މަގާމުތައްވެސް ފުރުއްވެވި ކުޅަދާނަ ޕްރޮޑިއުސަރު ތޮއްޔިބު ފާހަގަ ކުރެއްވި އެއް ކަމަކީ މިދިޔަ އަހަރަށްވުރެ އަވަހަށް އެއް މިލިއަން މި އަހަރު ހަމަވުމުގެ ކާމިޔާބީ އެވެ. އަދި އެއިން އެނގެނީ ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަންމުން އަންނަ ތަނެވެ. އެހެން ނަމަވެސް ކުރިމަތީގައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް މަދު ނޫން ކަމަށް ތޮއްޔިބު ދެކެ ވަޑައިގަންނަވަ އެވެ. 

"މިދިޔަ އަހަރު އެއް މިލިއަން ހަމަވީ އޯގަސްޓުގައި. މި އަހަރު މި ހަމަވީ ޖުލައިގައި. މިކަމުން މި ފެންނަނީ އިންޑަސްޓްރީ އާއި ސަރުކާރާއެކު ގުޅިގެން ކުރާ މަސައްކަތް ތަކުން ނަތީޖާ ފެންމުންދާކަން،" ތޮއްޔިބު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެއް މިލިއަން ހަމަވެގެން ދިއުމުގައި ވަރަށް ގިނަ "ސަކްސަސް ސްޓޯރީ" ތަކެއް ވެ އެވެ. އަދި މި ކާމިޔާބީގެ ވާހަކަ މިހާރު ކިޔަން ލިބެނީ އެންމެން ގުޅިގެން ކުރި މަސައްކަތްތަކުންނެވެ. 

"އެމްއެމްޕީއާރުސީން ފުރަތަމަވެސް ކުރި ކަމަކީ މުޅި އިންޑަސްޓްރީ ގުޅިގެން ކުރެވިދާނެ ކަންކަމާދު މަޝްވަރާ ކުރުން. ހުރިހާ މީހުންގެ ވިސްނުންތައް އެއްކޮށްލައިގެން މަސައްކަތް ކުރެވޭނެ ރަނގަޅު އެއް ގޮތް ބަލައިގެން ކުރުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކާ އެ ބޭފުޅުން [އިންޑަސްޓްރީން] އިން ދޭ ހިޔާލުތަކާ ހުރިހާ އެއްޗެއް އެއްތަން ވެގެން މާކެޓިން ސްޓްރެޓެޖީތަކާއި ޕްލޭންތައް ވެސް މި ހަދަނީ،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ޓާގެޓެއް އޮވޭ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އަހަރު ފެށޭތަނުން ސަރުކާރުން ޓޫރިޒަމަށް ޓާގެޓެއް ދެއެވެ. އެ ޓާގެޓުގެ ނަމްބަރު ފެނުމާއެކު އެމްއެމްޕީއާރުސީން އެ ހާސިލް ކުރަން މަސައްކަތް ކުރެ އެވެ. ތޮއްޔިބު ވިދާޅުވި ގޮތުގައި ސަރުކާރުން ދޭ ޓާގެޓު ހާސިލް ކުރަން އެ ކުންފުނިން މަސައްކަތް ކުރަނީ އެ ކުންފުނިން ވެސް ހާއްސަ ޓާގެޓެއް ބާއްވައިގެނެވެ. 

"މިދިޔަ ހަތަރު އަހަރު ވެސް އަޅުގަނޑުމެން ރަސްމީ ޓާގެޓާއެކު އިންޓާނަލް ޓާގެޓެއް ގެންގުޅު ނިން. އޭރުން އޭގެ ފައިދާ ފެނޭ،" ތޮއްޔިބު ވިދާޅުވި އެވެ. 

ކޮވިޑަށްފަހު މުޅި ދުނިޔެއިން ވެސް ފުރަތަމަ ބޯޑަރު ހުޅުވީ ރާއްޖެ އެވެ. ރާއްޖެ ހުޅުވާލުންވީ ދުނިޔޭގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދި ކަމަށެވެ. އެހެންވެ އޭރު ރާއްޖެއަށް މާބޮޑު ޗެލެންޖެއް ނެތެވެ. ދަތުރު ކުރަން ތިބި މީހުންނަށް ހަމައެކަނި އޮތް ޗޮއިހަކީ ރާއްޖެ އެވެ. އެކަމަކު ވާދަވެރި އެހެން ގައުމުތައް ހުޅުވައި މިހާރު ލައްކަ ގިނަ މަސައްކަތް ކުރަން ފެށުމާއެކު ރާއްޖެ އަށް ގޮންޖެހުންތައް ގިނަވެފައިވާކަން ތޮއްޔިބު ވިދާޅުވި އެވެ. 

"އެހެން ދިމަ ދިމާލުން ހުޅުވައިފި. ކޮވިޑަށްފަހު ވާދަވެރި ތަންތަނުން ބަޖެޓުތައް ތިން ހަތަރު ގުނަ ބޮޑު ކޮށްގެން މަސައްކަތް އެބަ ކުރޭ. އަޅުގަނޑުމެން ކޮވިޑުގައި ކުރި މަސައްކަތް ބަލާފަ އެމީހުންނަށް ނެތް ތިބެވޭކަށް. އެގޮތުން ވަރަށް ބޮޑު ޗެލެންޖަކަށްވެ. އެހެން ނަމަވެސް ކުދިކުދި ބަދަލުތައް ގެނެސްގެން ކުރިއަށް މި ގެންދަނީ،" ތޮއްޔިބު ވިދާޅުވި އެވެ.  

ޗައިނާ މާކެޓުގެ ކުރިއެރުން: ކޮވިޑުތެރޭ ކުރި މަސައްކަތް

ރާއްޖޭގެ ރީތި ވާހަކަ ހޯދަން އެމްއެމްޕީއާރުސީ ކިޔައިދޭން އެމްއެމްޕީއާރުސީން ބާއްވާ ސްޓޯރޯީ ޓެލާސް ކޮންފަރެންސުގެ ބައިވެރިން

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ އެ ވަގުތަކަށް ކުރަން ހުރި މަސައްކަތް ކުރަމުން ދިއުމެވެ. 

"ގައުމަކަށް މީހުން ނުދާށޭ. ނުދެވޭނެއޭ ބުނެ ހުއްޓާނުލާހާ ހިނދަކުން އަޅުގަނޑުމެން ކުރާ މަސައްކަތްތައް ކުރަމުން ގެންދާނީ،" ތޮއްޔިބު ވިދާޅުވި އެވެ. 

މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ މާކެޓަކީ 2019 ވަނަ އަހަރާ ހަމައަށް އެންމެ ގިނައިން މީހުން އައި ޗައިނާ އެވެ. އެ އަހަރު 300،000 މީހުން އެ ގައުމުން އައިސްފައިވެ އެވެ. ނަމަވެސް ކޮވިޑަށް ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވުމާއެކު އަލުން އަންނަން ފެށި އެވެ. މިހާރު އެ ގައުމު އޮތީ ރާއްޖޭގެ ހަތަރު ވަނާގަ އެވެ. 

ތޮއްޔިބު ވިދާޅުވި ގޮތުގައި ޗައިނާ މާކެޓު ބޮޑުވުމުން ގޮންޖެހުންތައް ހުރެ އެވެ. އެކަމަކު އޮންލައިން ޕްލެޓްފޯމްތަކާއި އޮޕަރޭޓަރުންނާ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. 

"ވަރަށް ވިސްނައިގެން ސްޓްރެޓިޖިކްކޮށް ކުރިއަށް ގެންދިޔައީ. ހާއްސަ މާކެޓިން ޕްލޭނެއް ހަދައިގެން ކުރިއަށް މި ގެންދަނީ. މިހާރު މާކެޓުން އެ ފެންނަނީ ކޮވިޑުގެ ތެރޭގައި ގޭތެރޭ ތިބެން ޖެހުނުއިރު ގެނައި  ބަދަލުތަކުގެ ނަތީޖާ،" ތޮއްޔިބު ވިދާޅުވި އެވެ. 

ޓާގެޓް 1.9 މިލިއަން، އުންމީދު ބޮޑު

މި އަހަރު ސަރުކާރުން ކުރިން ބުނީ 1.8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވާހަކަފުޅު ދައްކަވަމުން ވަނީ މި އަހަރުގެ ޓޫރިޒަމް ފޯކާސްޓް 1.9 މިލިއަން މީހުންނަށް މަތި ކުރައްވާފަ އެވެ. ސުވާލަކީ މި އަދަދު ގެނެވިދާނެ ހެއްޔެވެ؟ 

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވިދާޅުވީ މި އަހަރުގެ ކުރިއަށް އޮތް ދުވަސްވަރުގެ ފޯކާސްޓް ދައްކަނީ ވަރަށް ރަނގަޅަށެވެ. އެހެންވެ ޓާގެޓަށް ވާސިލްވާނެ އެވެ. 

"ޓާގެޓަށް ވަރަށް ބާރާބަރަށް އިރާދުކުރެއްވިއްޔާ ދެވޭނެ. ކުރިއަށް އޮތީ ސީޒަން. މި ސީޒަންގައި ވަރަށް ބާރު ބޮޑުވާނެ ކަމަށް އުންމީދު ކުރެވޭ،" ތޮއްޔިބު ވިދާޅުވި އެވެ. 

މި ހުރިހާ ވާހަކަތަށްފަހު ތޮއްޔިބު ފާހަގަ ކުރެއްވި އެންމެ މުހިންމު ނުކުތާއަކީ ކޮވިޑަށްފަހު އަވަހަށް ރާއްޖެ ހުޅުވަން ސަރުކާރުން ނިންމި ހިތްވަރުގަދަ ނިންމުމެވެ. އެ ނިންމުން ވެގެންދަނީ މިއަދު އެއް މިލިއަން ހަމަވެގެން ދެ މިލިއަނުގެ ވިސްނުމަށް ފެންދަން ޖެހުނު ސަބަބުގެ ގޮތުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.