"މީ ތިބޭފުޅުން ބައްލަވާ މީގެ 10 އަހަރަށް، 15 އަހަރު ފަހަތަށް ގުނި ކަމުގަ ވިޔަސް ކުރެވިފަ ނުވާވަރުގެ ބޮޑެތި މަސައްކަތްތައް ކޮށް ނިމެމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.
ސްކޫލްތަކާއި މުޅި ތައުލީމީ ނިޒާމް ކުރިއަރުވަން މި ސަރުކާރުގެ ހަތަރު އަހަރު ތެރޭގައި ކުރަމުންދާ މަސައްކަތްތަކަކީ ވޭތުވެ ދިޔަ އެތައް ޒަމާނެއްގައި އެއްވެސް ސަރުކާރެއްގައި ކޮށްފައި ނެތް ވަރުގެ މަސައްކަތްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން ނަންބަރުން ވަނީ ތައުލީމީ ދާއިރާއަށް ކޮށްދެއްވި މަސައްކަތްތައް ވިދާޅުވެ ދެއްވާފަ އެވެ.
އެގޮތުން މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި އަޅާދެވިއްޖެ ކަމަށް ވިދާޅުވި އެވެ.
"މީ ތިބޭފުޅުން ބައްލަވާ މީގެ 10 އަހަރަށް، 15 އަހަރު ފަހަތަށް ގުނި ކަމުގަ ވިޔަސް ކުރެވިފަ ނުވާވަރުގެ ބޮޑެތި މަސައްކަތްތައް ކޮށް ނިމެމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯނާއި އަދި ސަރުކާރުން ދޭ ސްކޯލާޝިޕްތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދުތައް ވިދާޅުވެދެއްވާފަ އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ފެށިފައި އޮތް މަޝްރޫއުތައް މުޅިން ނިންމާ، އަޅުގަނޑުމެން މި ބިނާ ކުރާ ދަރިވަރުން ރާއްޖެއަށް ކިޔަވާ ނިމިގެން އެނބުރި އައިސް ވަޒީފާ އަދާކުރާނެ ރަގަޅު ވަޒީފާތަކެއް އެޔާއެކީގަ އުފެއްދުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އެކުދިން ކިޔަވާ ނިމިގެން ވަޒީފާއަށް ނުކުންނައިރު ރަގަޅު ފެންވަރުގައި މަޝްރޫއުތައް ނިމި އަދި ރަގަޅު ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޒުވާނުންގެ ޖީލެއް ބިނާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.