ރިސޯޓް ހަދަން ރަށް ދޫކުރުމުގައި ޔާމީން ވަނީ އެތައް ޖަރީމާއެއް ހިންގާފައި: ރައީސް

"ބައެއް ރަށްރަށް އެބަހުރި ދެ މީހުންނަށް ދީފައި. އަނެއްކާ ދިން ރަށް ނޫން ރަށްރަށުގައި ރިސޯޓް ހަދާފައިވެސް އެބަހުރި. އޮޅިގެން. ނަން އޮޅިގެން ކަމަށް ބުނެ. މިހެން ގޮސް އެތައް އެތައް ޖަރީމާއެއް އެބަހުރި ހިންގާފައި،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮޅުފުއްޓަށް ވަޑައިގަތުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިސޯޓް ހަދަން ރަށްރަށް ދޫކުރުމުގައި އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގައި މުލަކުއަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ރަށާއި ކައިރީން ވަޒީފާގެ ފުރުސަތު ތަނަވަސް ވުމަކީ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް އެދޭ އެދުމެއް ކަމަށެވެ. ކޮޅުފުށީގެ ރައްޔިތުން ވެސް އެކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮޅުފުށީ ކައިރީ ރިސޯޓް ހަދަން ރައީސް ޔާމީންގެ ސަރުކާރުގައި ރަށް ދޫކޮށްފައިވާ ކަމަށެވެ. އެ ދުވަސްވަރު ރަށްރަށް ދޫކުރި ގޮތް ތަފްސީލުކޮށްދެއްވާ ރައީސް ވިދާޅުވީ ކޮޅުފުށީ ކައިރީން ތިން ރަށް ދޫކުުރީ އެއް ރަށުގެ ގޮތުގައި ކަމަށެވެ. އަދި ބައެއް ރަށްރަށް ދެ ޕާޓީއަށް ވިއްކާފައިވާ ކަމަށެވެ. ރިސޯޓް ހަދަން ދޫކުރި ރަށް ނޫން އެހެން ރަށެއްގައި ވެސް ރިސޯޓް ތަރައްގީ ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި އެއީ ޔާމީން ހިންގަވާފައިވާ ވަރަށް ބޮޑެތި ޖަރީމާތަކެކެވެ.

"ބައެއް ރަށްރަށް އެބަހުރި ދެ މީހުންނަށް ދީފައި. އަނެއްކާ ދިން ރަށް ނޫން ރަށްރަށުގައި ރިސޯޓް ހަދާފައިވެސް އެބަހުރި. އޮޅިގެން. ނަން އޮޅިގެން ކަމަށް ބުނެ. މިހެން ގޮސް އަޅުގަނޑު ދަންނަވާނީ އެތައް އެތައް ޖަރީމާއެއް އެބަހުރި ހިންގާފައި،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮޅުފުއްޓަށް ވަޑައިގަތުން

ރައީސް ވަނީ އެއް ރަށުގެ ގޮތުގައި ތިން ރަށް ދިން ނަމަވެސް އަދިވެސް އެ ރަށްތައް ތަރައްގީ ކުރެވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް އަލި މަގެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މި ރަށާއި ކައިރީން ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ރައީސް އެހެން ވިދާޅުވުމުން ރައްޔިތުން ވަނީ ކޮޅަށް ތެދުވެ ވަރަށް ހޫނު އަތްތިލަ ބަޑިއެއް ޖަހާފައެވެ.

ނަމަވެސް ރައީސް ވިދާޅުވި އެ މަޝްރޫއުގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮޅުފުއްޓަށް ވަޑައިގަތުން

ރައީސް ވިދާޅުވީ ކޮޅުފުއްޓަކީ މަަސްވެރި ރަށެއް ކަމަށާ ނަމަވެސް ސުނާމީއާއެކު އެ މަސައްކަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން ކޮޅުފުއްޓާއި ކައިރީން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިސޯޓް ހަދަން ރަށްރަށް ދޫކުރުމުގައި އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއިރު ކުރީ ސަރުކާރުގައި ވަނީ އެމްއެމްޕީއާރުސީ ތެރޭ ތިން ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައެވެ.

ހިޔާނާތް ބަލާ ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ހިޔާނާތް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަކުރާރުކޮށް ވައުދުވި އެވެ. އެ ވައުދު ފުއްދުމަށް ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ހިޔާނާތްތައް ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

ނަމަވެސް އެ ކޮމިޝަނަށް 15 މިލިއަން ހަރަދު ކުރުން ފިޔަވާ އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ. ދައުލަތުން ގެއްލުނު އެންމެ ފައިސާ ފޮއްޗެއްވެސް ނުހޯދި އެންމެ ފަހުން ކޮމިޝަން އުވާލީ އެވެ. ހިޔާނާތުގެ ބޮޑު ތުހުމަތު އޮތް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއެކު ސަރުކާރުން އެއްބަސްވުމެއް ހެދި އެވެ. އިއުތިރާފުގެ އެ އެއްބަސްވުމުގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް އަދީބު ހުންނެވީ ގޭގައެވެ. މިހާރު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ސިންގަޕޫރަށް ފުރުވާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.