ކޮލަމް

އައްޑޫ ގަން އިންޑިއާއަށް ވިއްކާލުމުގެ ހީލަތްތެރި ރޭވުން!

އައްޑޫ ރައްޔިތުން، އަދި މުޅި ދިވެހި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުން ވެސް ހޭއަރަން ނުވޭތޯ އެވެ؟ އިބޫ ސޯލިހާއި އެމްޑީޕީ ގެ ހީލަތްތެރި ސިޔާސަތަށް ނޫނެކޭ ބުނަންޖެހޭ ވަގުތު ނާދޭތޯ އެވެ؟ އިބޫ ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް ބުނެ އެންމެ ބާރަށް ވަކާލާތު ކުރަނީ މި ސަރުކާރުން ބޮޑެތި މަޤާމާއި، ފައިސާ އާއި، ނުފޫޒު ލިބޭ ފަރާތަތްކަވެ.

އައްޑު އަތޮޅު ގަމުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓް -- ފްލައިޓްރޭޑާ

"އައްޑޫ 99 އަހަރަށް އަސްކަރީ ބޭހެއްގެ ގޮތުގައި އިންޑިއާއަށް ކުއްޔަށް ދޭން ޖާބިރު ގޮވާލައިފި!" މިއީ މިދިޔަ ބުރާސްފަތި ދުވަހު ނޫހެއްގައި އޮތް ސުރުޙީ އެކެވެ. އެ ހަބަރުގައި ވާ ގޮތުން އަބްދުﷲ ޖާބިރު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖުލީހުގެ ބުރާސްފަތި ދުވަހުހުގެ ޖަލްސާގަ އެވެ. އެދުވަހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ އައްޑު އަތޮޅު ގަމުގައި މީގެ ކުރިން ވެސް ބޭރުގެ (އިނގިރޭސީންގެ) އަސްކަރީ މަރުކަޒެއް އޮތް ކަމަށާއި އެހެން ކަމުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން އައްޑޫ ގަން ގާތްގަނޑަކަށް އެއް ގަރުނަށް އިންޑިއާ އަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. ކާށިދޫ ދާއިރާގެ މަޖުލިސް މެމްބަރު ދެއްކެވި ޣައިރު ޒިއްމާދާރު ވާހަކަ އެ ހިސާބުން ނިމުނީއެއް ނޫނެވެ. އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ބަޖެޓަށް މިވަގުތު ހަޔެއް ބައި ބިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އިންޑިއާއަށް އައްޑޫ ގަން ވިއްކައިގެން އެ ފައިސާ ހޯދިދާނެކަމަށެވެ.

ކާށިދޫ އާއި މާލެއާއި ދެމެދު ކޭބަލް ކާރުން ގުޅައި ދެއްވާނެ ކަމަށާއި ކާށިދޫ ފަޅުގައި ރިސޯޓް ހައްދަވާނެ ކަމަށް ވިދާޅުވަމުން މަޖުލީސް ގޮނޑި ހޯއްދެވި ޖާބިރަކީ އައްޑޫ ރައްޔިތުން އަޅުވެތި ކުރަން ގޮވާލައްވަން ފަހެ ކޮން ބޭފުޅެއްތޯ އެވެ؟

ފައިސާއަށް ޓަކައި ކޮންމެފަދަ އެއްޗެއް ވެސް ވިއްކަވާފާނެ އެވެ. މައްސަލައެއް ނެތެވެ. ނަމަވެސް ރާއްޖޭގެ ބަޖެޓަށް ފައިސާ ހޯދަން ވިއްކަންވީ އައްޑޫ އާއި އައްޑޫ ރައްޔިތުންގެ މިނިވަންކަން ތޯއެވެ؟ ޖާބިރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސުބްރަމާނިއަމް ސުވާމީ އެވެ!

ސުބްރަމާނިއަމް ސުވާމީއަކީ އިންޑިއާގެ ވެރިކަމުގައި އޮތް ހައްދުފަހަނައެޅި ސިޔާސީ ޕާޓީ: ބީޖޭޕީގެ އިސް ލީޑަރެކެވެ. ބޮޑު ވަޒީރު ނެރެންދުރަ މޯދީގެ ސަރުކާރަށް ދައްކަން ނުކެރޭ ވާހަކަ އާއްމުންގެ ހިޔާލަށް ހުޅުވާލުމަށް ޓަކައި އެފަދަ ވާހަކަ ދައްކުވަނީ ސުބްރަމާނިއަމް ސުވާމީ ލައްވައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައިގެން ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ވެސް ސުބްރަމާނިއަމް ސުވާމީ ގޮވާލެއްވި އެވެ. ހަމަ އެފަދައިން ސްރީލަންކާގެ ސިޔާސީ މަސްރަހު އެންމެ ހޫނުވި ދުވަސްވަރު، މިއަހަރު ކުރީކޮޅު، ޝްރީލަންކާ އަށް އިންޑިއާ ސިފައިން ފޮނުވުމަށް ވެސް ސުބްރަމާނިއަމް ގޮވާލެއްވި އެވެ. އޭނާ ދައްކަވަނީ ހައްދުފަހަނަ އެޅި ވާހަކަ ކަމުގައި ވިއަސް އެއީ މޯދީގެ ސަރުކާރުން ދައްކުވަން ބޭނުންވާ ވާހަކަ އެވެ. ޖާބިރު ލައްވާ އިބޫގެ ސަރުކާރުން ވެސް މިހާރު މި ކުރުވަނީ އެކަން ހެން ހީވެއެވެ.

އައްޑު އަތޮޅުގައި އިންޑިއާގެ އެހީގައި ހެދި ޕޮލިސް އެކަޑަމީ: މި ތަނާބެހޭ ގޮތުން ސުވާލުތައް އުފައްދާ

ލޯނު ނަގަމުން ނަގަމުން ގޮސް ރާއްޖެ މިވަނީ އިންޑިއާ އަށް ދަރުވައި، ދަރަނިބޯ ކުރުވާފަ އެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ މި ދަރަނިން ސަލާމަތް ވެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އައްޑޫ ވިއްކާލާފައި ރާއްޖޭގެ އެހެން އަތޮޅުތައް ތަރައްގީ ކުރުމެވެ. ރާއްޖޭގެ އަނެއް 18 އަތޮޅާއި މާލޭގެ ތަރައްގީއަށްޓަަކައި އައްޑޫ ގުރުބާން ކޮށް، އިންޑިއާއަށް އައްޑޫ ވިއްކާލުމެވެ. ޖާބިރުލައްވާ މިހާރު އެއަޅުވަނީ އެ ސުރުޙީއެވެ. އައްޑޫ ރައްޔިތުންގެ ތެރެއިން ޣާފިލްވެ، ނިދާފައި ތިބި މީހުނަށް އެބަ އަޑު އިވޭ ހެއްޔެވެ؟ ޖާބިރަކީ ސިޔާސީ ކޮސް ވިދާޅުވާ ބޭފުޅެކޭ ކިޔައިގެން ބިނދި ބިނދިފަ ހޭން ތިބެވޭ ކަށް ނެތެވެ. އައްޑޫ ގަމުގައި އިންޑިއާ ސިފައިންގެ މަރުކަޒެއް ހެދުމުން އަޅުވެތި ވާނީ އައްޑޫ އެކަންޏެއް ނޫނެވެ. އެހިސާބުން މުޅި ދިވެހި ރާއްޖެ ވެސް އިންޑިއާގެ ޕްރޮޓެކްޓޮރޭޓަކަށް ވީއެވެ. އިންޑިއާގެ ބަޔަކަށް ވުމުގެ ފެށުން ފެށުނީ އެވެ. ޖާބިރު މެންނަށް އޯކޭ ވާނެއެވެ. ޖާބިރުމެން އެހިސާބުން އަމިއްލަ ޖެޓުގައި ޔޫރަޕަށް ކަނޑާލާނީ އެވެ. އަޅުވެތިކަމުގެ ސުރުހީ އަޅާލުމުން އޭގެ ފުރިހަމަ އަގު މިލިއަނުން ލިބޭނެ އެވެ. އިބޫ ސޯލިހުގެ ޕްލޭން މިއޮއްގެން ފަޅާ އަރަނީ އެވެ!

އިންޑިއާގެ އެތައް ހާސް މަސައްކަތު މީހުން އައްޑޫއަށް އައިސް، އިންޑިއާގެ ލޯނު ހަރަދުގައި އައްޑޫގެ ބިން ހިއްކައި، އައްޑޫގެ މަސްވެރިކަން ފަނާ ކޮށް، ފަތުރުވެރިކަމަށް ބޭނުންވާ ކަނޑުގެ ގުދުރަތީ ރީތިކަން ނަގާލަނީ ރާވައިގެނެވެ. ބޭނުމަކީ މަސްވެރިކަމާއި ފަތުރުވެރިކަން އައްޑޫއިން ނައްތާލުމެވެ. އިންޑިއާ ބޭނުންވަނީ އައްޑޫގެ ބިމެވެ. ފަތުރުވެރިކަން ނެތަސް، އަދި މަސްވރިކަން ނެތަސް އިންޑިއާ އަށް އޯކޭއެވެ. އަތޮޅުގައި އިގްތިސޯދެއް ނެތުމުން އައްޑޫ މީހުންނަށް ހުޅުމާލެއިން ބިމާއި އެޕާޓްމެންޓް ދީގެން ހުޅުމާލެއަށް ބަދަލުކޮށް، މުޅި އައްޑޫ، އިގްތިސޯދީ ބޭސްއެކޭ ކިޔާފައި، އިންޑިއާއަށް ދިނުމުން ރާއްޖެ ތަރައްގީ ކުރާނެ ފައިސާ ލިބޭނެ ކަމަށް ޖާބިރާއި އިބޫ ސޯލިހު ގަބޫލް ކުރައްވަފާނެ އެވެ. ނަމަވެސް އައްޑޫ އަށް ލިބޭ އަޅުވެތިކަމަކީ މުޅި ދިވެހި ރާއްޖެ އަޅުވެތިވެ، އިންޑިއާގެ ބަޔަކަށް ވުމުގެ ފެށުމެވެ.

އިންޑިއާ އެމްބެސެޑަރު އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި އޮފިޝަލުންނާ ބައްދަލު ކުރައްވާ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން މަޝްވަރާ ކުރައްވަނީ

ޖާބިރު ބޭނުންކޮށްގެން އިބޫ ސޯލިހުގެ ސަރުކާރުން މި ހުޅުވާލި ޣައިރު ޒިއްމާދާރު ދޮރު ހުޅުވުނު ވަގުތާ ދިމާކޮށް އައްޑޫ ސިޓީގެ މޭޔަރު ވަނީ މާލެއަށް ވަޑައިގެން އިންޑިއާގެ އެމްބެސެޑަރާއި ބައްދަލު ކުރައްވައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިއީ އައްޑޫއަށް ނިސްބަތްވާ އެމްޑީޕީ ގެ މަޖުލިސް މެމްބަރުން ކިތައްމެ ތާއީދު ކުރެއްވިއަސް އައްޑޫގެ ގިނަ ރައްޔިތުން ވަރަށް ދެކޮޅު ކަމަކެވެ. މިއީ އައްޑުގައި އިންޑިއާގެ އަސްކަރީ ބޭސް އެއްހަދައި މުޅި ދިވެހި ރާއްޖެއަށް އިންޑިއާ އަތްގަދަ ކުރުމުގެ އިތުރު ފިޔަވަޅެކެވެ. އައްޑޫ ސިޓީގެ މޭޔަރާއި، އައްޑޫގެ މަޖުލިސް މެމްބަރުންނާއި، ގިނަ ކައުންސިލަރުންނަކީ އެމްޑީޕީ މީހުންނެވެ. އެމްޑީޕީ އާއި އިންޑިއާ ގުޅިގެން މިރާވާ ނުބައި ރޭވުން ފެއިލް ކޮށް، އައްޑޫ އާއި ދިވެހި ރާއްޖެ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ކުރަން ޖެހެއެވެ. އެކަން އަވަސް ވެސް ކުރަން ޖެހެއެވެ. ދުޝްމަނުން ތިބީ އަޅުވެތިކަމަށް ކެއްމަދުވެފަ އެވެ. ސިޔާސީ ކޮރަޕްޓް މީހުން ތިބީ އެމީހުންގެ ކަޓް ނަގައިގެން ފިލަން ތައްޔާރަށެވެ. ވެރީން ތިބީ ތާއަބަދަށް ވެރިކަމުގައި ތިބެވޭނެ މަގު ކޮށަން ފަށާފަ އެވެ. ރައްޔިތުން ޖެހެނީ މިއަޅުވެތިކަަމަށް ވަގުތުން ނިމުން ގެންނާށެވެ.

ޖާބިރުމެންކަހަލަ ސިޔާސީ ފަރާތްތަކުގެ ފަހަތުގައި ދިވެހީންގެ ބަޔަކު ތިބުމުން ވެސް ހައިރާން ވެއެވެ. މިކަހަލަ ހަރުދަނާ ކަމެއް ނެތް، އެކި ދުވަހު އެކި ވާހަކަ ދައްކަވާ ސިޔާސީ ފަރާތްތަކަކީ ޤައުމުގެ ހަލާކެވެ. ޤައުމު އަޅުވެތިވެ، ބިކަވަނީ ހުރިހާ ޒަމާނެއްގައި ވެސް މިކަހަލަ ސިޔާސީ ފަރާތްތަކުގެ އަމިއްލަ އެދުމުގެ ސަަބަބުންނެވެ. ޖާބިރު މިދެއްކެވި އައިރު ޒިއްމާދާރު ވާހަކަ އަކީ އިބޫ ސޯލިހުގެ ސިޔާސަތު ނޫންކަމަށް އިބޫ ވިދާޅުވެދާނެއެވެ. ނަމަވެސް ސިޔާސީ ގޮތުން ކިރިޔާ ވިސްނޭ މީހަކަށް ވެސް އެގޭނެ ހަޤީގަތަކީ އިންޑިއާ އިން މިހާރު އައްޑޫ ތަރައްޤީ ކުރަމުން އެދަނީ ދިވެހީންނަށް ޓަކައި ނޫންކަމެވެ. އެމީހުން އައްޑޫ "ތަރައްޤީ" ކުރަމުން އެދަނީ ކުރިމަގުގައި އައްޑޫ އަކީ އިންޑިއާގެ ތަނެއް ކަމަށް ބަލައިގެންނެވެ. އެމީހުން އެތަރައްޤީ ކުރަނީ އެމީހުންގެ އަމިއްލަ ބިމެވެ!

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އައްޑު އަތޮޅު ގަން އިންޑިއާއަށް 99 އަހަރަށް ކުއްޔަށް ދޭން ގޮވާލި

އައްޑޫ ރައްޔިތުން، އަދި މުޅި ދިވެހި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުން ވެސް ހޭއަރަން ނުވޭތޯ އެވެ؟ އިބޫ ސޯލިހާއި އެމްޑީޕީ ގެ ހީލަތްތެރި ސިޔާސަތަށް ނޫނެކޭ ބުނަންޖެހޭ ވަގުތު ނާދޭތޯ އެވެ؟ އިބޫ ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް ބުނެ އެންމެ ބާރަށް ވަކާލާތު ކުރަނީ މި ސަރުކާރުން ބޮޑެތި މަޤާމާއި، ފައިސާ އާއި، ނުފޫޒު ލިބޭ ފަރާތަތްކަވެ. އެފަދަ ފަރާތްތަކުގެ މަކަރުވެރި ވާހަކަ ތަކަށް ނުހެއްލި އައްޑޫ ސިޓީ އާއި މުޅި ދިވެހި ރާއްޖެ އިންޑިއާގެ ވަކި ތަކުން ސަލާމަތް ކުރުމަށް ދިވެހި ހުރިހާ ރައްޔިތުން އިބޫ ސޯލިހަށް ބޮޑު ނޫނަކުން ނޫނެކޭ ބުނެ 2023 ގައި ބަދަލެއް ގެންނަން މަޖުބޫރެވެ. ދިވެހި ރާއްޖެ ދިވެހީންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެދޭ ނަމައެވެ. އެހެން ނޫންނަމަ ޖާބިރު އެވިދާޅުވި ގޮތަށް 2023 އަށް ފަހު ދެން އިވޭނީ އައްޑޫ ގަމާއި، ހަނިމާދޫ އާއި އުތުރު ތިލަފަޅު އިންޑިއާގެ މިލިޓަރީ ބޭސް ހަދަން އިންޑިއާ އަށް އެއް ޤަރުނަށް ކުއްޔަށް ދިން ވާހަކައެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.