ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫން އަސާސީ އިން ލިބިދޭ އަސާސީ ހައްގެކެވެ. އަދި އެއީ އިންސާނީ ހައްްގެއް ވެސް މެއެވެ،"
އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައި ވަނީ ވ. އާރަށު މައްސަލައިގައި 11 އަހަރަށް އެމަނިކުފާނު ޖަލަށްލާން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި ރިޔާސީ ރޭހުން އެމަނިކުފާނަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އުފެދިފައިވަނިކޮށެވެ.
ރައީސް ޔާމީންގެ މައްސަލަ މި މަސްތެރޭ ނިންމޭނެ ކަމަށް ކުރީން އޮތީ ބެލެވިފައެވެ. ނަމަވެސް ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން މި މަހު ދެން އަޑުއެހުމެއް ބޭއްވޭނެ ކަމަށް ނުބެލެވެއެވެ. އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް މައްސަލަ ނުނިމިއްޖެނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.
ޔާމީންގެ މައްސަލަ ހައިކޯޓާއި ދަށު ކޯޓްގައި ހިންގާ ގޮތުން ވަރަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެ މައްސަލަތަކަަށް ފޯރުވާ ކަމަަށެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގްސަދަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.
ގާސިމް ވަނީ ޔާމީނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް އޮތް ހައްގެއް ކަމަަށެވެ. އެއީ އިންސާނީ ހައްގެއް ކަމަަށް ވެސް ވިދާޅުވި އެވެ.
"އެހެން ކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިސްވެ މިދެންނެވި ހައްގުތަައް ފުރިހަމައަށް ލިބެން ޖެހެއެވެ. އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫން އަސާސީ އިން ލިބިދޭ އަސާސީ ހައްގެކެވެ. އަދި އެއީ އިންސާނީ ހައްްގެއް ވެސް މެއެވެ،"
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް ވަނީ ލަސްވުމެއް ފަސްވުމެއް ނެތި އަދުލުވެރިކަމާ ހަމަހަމަ ކަމާއެކު އިންސާފު ގައުމުގައި ގާއިމް ކުރެވެން ވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭތޯ ވަނީ ސުވާލު ކުރައްވާފައެވެ.
"މިއަދު އުފެދޭ ސުވާލަކީ މިއަދުގެ ސަރުކާރުގެ މިސްރާބު މި ހުރީ އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވައުދުވި ގޮތަށްތޯއެވެ،" މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ގާސިމް ސުވާލު ކުރެއްވި އެވެ.
ގާސިމް މިފަދަ ޓްވީޓެއް ކުރެއްވިއިރު ޔާމީންގެ އެދިވަޑައިގަތުމަކަަށް ޕީޕީއެމް / ޕީއެންސީ ގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ގާސިމްއާ ބައްދަލު ކުރައްވާފައެވެ.
ގާސިމްއާ އިދިކޮޅު ބޭފުޅުން ބައްދަލު ކުރެއްވިއިރު ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ.
ދެ ޕާޓީން ވެސް ވަނީ ކުރީން މަޝްވަރާ ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ޖުމްހޫރީ ޕާޓީން އެދުނީ ޕީޕީއެމްގެ ތާއީދަށެވެ. ޕީޕީއެމުން އެދުނީ ގާސިމާއި ޖުމްހޫރީ ޕާޓީގެ ތާއީދަށެވެ. ނަމަވެސް ދެ ފަރާތުން ވެސް ނިންމީ އެއްވެސް ބަޔަކަށް ތާއީދު ނުދިނުމަށެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީއާ ޕީޕީއެމް / ޕީއެންސީ އަކީ ވެސް ސަރުކާރާމެދު ހިތްހަމަނުޖެހޭ ސަރުކާރު ބަދަލު ކުރަން ބޭނުންވާ ޕާޓީތަކެވެ. އެކަމަށް އެ ތިން ޕާޓީން ވެސް އެއްބަސް ވުމެވެ.