ގައްބަރޭ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފައެވެ.

އިބްރާހީމް އަބްދުﷲ (ގައްބަރޭ)

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތު އޮތް މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު މިނިވަންވި ގައްބަރޭގެ ބަންދުގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު މެންބަރު ޒަރީރު ހޮޓަލެއްގައި އިންނަވަނިކޮށް އިތުރު ބަޔަކާއެކު ގޮސް، މަރުތޭލަކުން އޭނާއަށް ހަމަލާދިން މައްސަލައިގައި ގައްބަރޭއަށް ކްރިމިނަލް ކޯޓުން ފުރަތަމަ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތަށް ފަހު ކޯޓުން ބަންދު އިތުރުކޮށް ނުދިނުމުން އޭނާ މިނިވަންވީއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ގައްބަރޭ ހޯދުމަށް މޭ މަހުގެ 15ވަނަ ދުވަހު އިއުލާނު ކުރިއެވެ. ނަމަވެސް، އޭނާ ނުފެނި ގިނަ ދުވަސްތަކެއް ވުމަށް ފަހު، އޭނާ ހައްޔަރުކުރެވުނީ އަމިއްލައަށް ފުލުހުންނާ ހަވާލު ވުމުންނެވެ. އޭނާގެ އިތުރުން އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

މެންބަރު ޒަރީރަށް ހަމަލާދިން ރޭ، އޭނާ އިންނެވި ހޮޓަލަށް ވަނުމަށް ފަހު، ގައްބަރޭ އެންމެ ފުރަތަމަ ހަމަލާ ދިނީ އަތުންނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފައެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އެ ދުވަސްވަރު ފުލުހުން ވަނީ އޭނާ ނުރައްކާތެރި ކުށްވެރިންގެ ލިސްޓަކަށް ވެސް ލައިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.