ނަދީމް މަރާލި ތުހުމަތު އޮތް މީހުން ބަންދުކޮށްދޭން އެދިއްޖެ

ނައުފަލް ވިދާޅުވީ އޭގެ ތެރެއިން އެއް މައްސަލައަކީ މާރާމާރީއެއް ހިންގަން އުޅެނިކޮށް ފުލުހުން ހުއްޓުވި މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ބަންދުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ކަމަށެވެ.

ނަދީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް މީހުން މީގެ ކުރިން ބަންދުގައި ތިބެ ޝަރީއަތެއްގައި ބައިވެރިވަނީ --

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް ހަތަރު މީހުން ބަންދުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެދިއްޖެ އެވެ.

ނަދީމް މަރާލިކަމުގެ ތުހުމަތު އޮތީ ގ. ޝާރާޒް މުހައްމަދު މަފާޒުގެ މައްޗަށެވެ. މި މައްސަލައިގައި ދެން ހިމެނެނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒެވެ. އެމީހުންގެ މައްޗަށް އޮތީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށެވެ.

މި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެމީހުން ވަނީ މިނިވަންވެފަ އެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، އޭގެ ފަހުން އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދުކޮށްދިނުމަށް ވަނީ އެދިފަ އެވެ. އެމީހުން ބަންދުކޮށްދޭން އެދުނީ ދަށު ކޯޓުން ސަލާމަތްވާ މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމުން އެމީހުން ބަންދު ކޮށްދިނުމަށް ދައުލަތަށް ހައިކޯޓުގައި އެދެވޭނެ ކަމަށް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ބޭއްވި އިޖުރާއީ އަޑުއެހުމަށް ހާޒިރުވެފައި ވަނީ މަފާޒް އަދި ޝާމިން އެކަންޏެވެ. އެހެންވެ ދައުލަތުން ވަނީ އެމީހުން ބަންދު ކޮށްދޭން އެދޭ ސަބަބު ބަޔާންކޮށްފަ އެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ މިނިވަންވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ދެމީހުން ކުށުގެ ރެކޯޑް އޮތުމުން ދެ މީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށެވެ. މަފާޒުގެ ހައްޔަރު ރެކޯޑު ގިނަވެފައި، އެ މުއްދަތުގެ ތެރޭގައި ދެ މައްސަލައެއްގެ ދައުވާ ވެސް އުފުލާފައިވާ ކަމަށް ނައުފަލް ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވީ އޭގެ ތެރެއިން އެއް މައްސަލައަކީ މާރާމާރީއެއް ހިންގަން އުޅެނިކޮށް ފުލުހުން ހުއްޓުވި މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ބަންދުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ކަމަށެވެ. އޭނާ ދޫކޮށްލުމުން އެ މައްސަލައާ ގުޅިގެން ވެސް މަފާޒް ބަންދުކޮށްދިނުމަށް ހައިކޯޓުގައި އެދިފައިވާނެ ކަމަށް ނައުފަލް ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމި ތާރީހުން ފެށިގެން މިއަދާ ހަމައަށް ޝާމިން އިތުރު އަމަލެއް ހިންގާފަ ނެތަސް، މުޖުތަމައުއަށް ނުރައްކަލެއް އޮންނާނެ ކަމުގެ ސަބަބު ދެމިއެބަ އޮތް ކަމަށެވެ. މި ދެ މީހުންގެ މައްޗަށް ފަސްޖެހުމެއް ނެތި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލާފައިވާ ކަމުގެ ތުހުމަތު އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީސް --

މިއަދުގެ އަޑުއެހުމަށް މަފާޒް އަދި ޝާމިން އައީ ވަކީލަކާ ނުލަ އެވެ. އެމީހުން އެދުނީ ދައުލަތުގެ ހުށަހެޅުމަށް ވަކީލަކާއެކު ޖަވާބުދާރީ ވުމަށެވެ. އެހެންކަމުން ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަނުކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެމީހުންނަށް މީގެ ކުރިން ވެސް ވަކީލުން އައްޔަނުކުރަން ފުރުސަތު ދީފައިވެ އެވެ. 

ހަތަރު މީހުން ސަލާމަތްވުން - ދައުލަތުގެ ދައުވާގައިވާ ގޮތުގައި ނަދީމް މަރާލަން މަފާޒު ދިން ހަމަލާގައި ޝާމިން، ނިފާޒް އަދި ކަރަމް ބައިވެރިވި ކަމަށް ބުނި ނަމަވެސް، ޔަގީންކަމާއެކު އެމީހުން ފެނުނު ކަމަށް ހެކިންނަށް ބުނެދީފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުމުގައި ފާހަގަކޮށްފައިވެ އެވެ. މައްސަލައިގައި ހަމަލާ ދިން މަންޒަރު ދުށް ކަމަށް ބުނި ދެ މީހަކު ހެކިބަސް އަނބުރާ ގެންނެސްފައިވެ އެވެ. އެހެންވެ، އެމީހުންގެ ހެކިބަހަށް ބުރަދަން ދީފައެއް ނުވެ އެވެ.

މީގެ ހަ އަހަރު ކުރިން ނަދީމް މަރާލާފައި ވަނީ ބޮލަށް ވަޅި ހަރައިގެންނެވެ. ބޮލަށް ދީފައި ހުރި އަނިޔާތަކަށް ބަލާއިރު އެއީ އިންސާނަކު ސަލާމަތް ކުރެވޭވަރުގެ ހަމަލާއެއް ނޫން ކަމަށް ނަދީމް ބެއްލެވި ޑޮކްޓަރު ހެކިބަސް ދީފައިވެ އެވެ. ނަދީމް މަރުވީ މީހަކު ހަމަލާ ދީގެން، އެ ޒަހަމްތަކުގެ ސަބަބުންކަން އެނގެން އޮތް ނަމަވެސް، އެކަން ކުރި މީހުން އެނގެން ނެތް ކަމަށް ހުކުމުގައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.