"މި ޖުލައި މަހުގެ ފަހު 10 ގައި މި ޑްރެޖަރު އޮންނާނެ މިތަނުގައި. އިރާދަކުރެއްވިއްޔާ މި މަސް ނިމިގެންދާނީ އަޅުގަނޑުމެން އެ ވައުދުވީ ގޮތަށް، މި ދެ ކޮމަންޑޫ ދޭތެރޭގައި ހައްކަން ޖެހޭ ބިން ހިއްކާފަ،" ރައީސް ވިދާޅުވި އެވެ.
ށ. އަތޮޅުގެ ރައްޔިތުން އެދޭ ގޮތަށް އެއަތޮޅުގައި އޮންނަ ކުޑަފަރުގައި ނުވަތަ ކުޑަފަރު ފިނޮޅުގައި އެއާޕޯޓެއް އަޅަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފި އެވެ. މިއީ މި އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓެވެ.
ރައީސް އެކަން އިއުލާނުކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ހޯއްދެވުމަށް މިއަދު ށ. ކޮމަންޑޫ އަށް ވަޑައިގެން އެމަނިކުފާނުގެ ކެމްޕޭނު ރަސްމީކޮށް ފައްޓެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު، 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭނެ ރާއްޖޭގެ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރު ފިނޮޅުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމަށް މި މަސް ނިމޭއިރު އަލަށް ގެނައި ޑްރެޖަރު ތައްޔާރަށް އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ޖުލައި މަހުގެ ފަހު 10 ގައި މި ޑްރެޖަރު އޮންނާނެ މިތަނުގައި. އިރާދަކުރެއްވިއްޔާ މި މަސް ނިމިގެންދާނީ އަޅުގަނޑުމެން އެ ވައުދުވީ ގޮތަށް، މި ދެ ކޮމަންޑޫ ދޭތެރޭގައި ހައްކަން ޖެހޭ ބިން ހިއްކާފަ،" ރައީސް ވިދާޅުވި އެވެ.
ދެ ކޮމަންޑޫ ގުޅާލުމަށްފަހު މަތި ކޮމަންޑޫގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް އެރަށުގައި ކުރިއަށް އޮތް ފަސް އަހަރު 300 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި މި ފަސް އަހަރު ހޯދުނު ކާމިޔާބީތައް ވެސް ފާހަގަކުރައްވާފައިވެ އެވެ. ރައީސް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިހިނގާ 10 އަހަރު ރާއްޖޭގެ އިގްތިސޯދު ދެ ގުނަ އިތުރުވެގެން ދާނެ ކަމަށެވެ. ކޮވިޑް-19ގެ ދުވަސްވަރު ރާއްޖެ ބަނގުރޫޓުނުވެ ހިފަހައްޓާލެވުނީ ސަރުކާރުން ކުރި ބުރަ މަސައްކަތުން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން، ބޭރުގެ އެހީ ހޯދައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވެދިނުމާއި ކަރަންޓާއި ފެން ބިލު ފަސްކޮށްދީ އަދި ވަޒީފާ ގެއްލުނު މީހުންނަށް ދިން އެލަވަންސް ރައީސް ފާހަގަކުރެއްވި އެވެ.
"2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައީ ވައުދުތަކެއް ވެގެން. ބޮޑެތި ވައުދުތަކެއް ވީން. ކޮމަންޑޫއަށް ވެސް ވީން ވައިދެއް. މި އަތޮޅަށް ވެސް ވީން ވައުދެއް. މިއަދު މިތާހުރެ އަޅުގަނޑު މިވާހަކަ ދައްކާއިރުގަ އިރާދަކުރެއްވިއްޔާ ޖުމްލަކޮށް އަޅުގަނޑުމެން މުޅި ރާއްޖެއަށްވީ ވައުދުގެ 90 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ނިމި ނުނިއްޔާ ހިނގަމުން އެބަ ދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ފަސް އަހަރު ކާމިޔާބީ ލިބުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކާއެކުގައި ކަމަށެވެ. ކުރީގެ އަނިޔާވެރިކަމަށް ރުޖޫއަވާން ބޭނުން ނުވާނަމަ ދެ ވަނަ ދައުރަކަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
"ބޭނުންފުޅުވެވަޑައިގަންނަވަނީ އެނބުރި އެ އަނިޔާވެރިކަމާ ބިރުވެރިކަމުގެ ތެރެއަށް ދާންތޯ، ނޫނީ ރާއްޖެ ގެންދަންތޯ، ނޫނީ މި ފެށި މަސައްކަތް އުފާވެރި އަމާން ރާއްޖެއަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި ކުރިއަށް ދާނީތޯ ނިންމަވާނީ ތިބޭފުޅުން. ހަމަ ޔަގީނުން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ އެ އަނިޔާވެރިކަމާ އެ ބިރުވެރިކަމުގެ ތެރެއަށް ދާކަށެއް،" ރައީސް ވިދާޅުވި އެވެ.