"އަޅުގަނޑު ޑިމޮކްރެޓުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަކީ ކުރީގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 80 ޕަސެންޓް،"
"ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ބޮޑުބައި ކަމަށް ވިދާޅުވެ އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި މިވަގުތު ޕާޓީއަކާއި ގުޅިވަޑައިނުގެން ހުންނެވި ރައީސް ނަޝީދު ވިދާޅުވީ އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ބޮޑު ބައި ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ އެއީ އެމްޑީޕީގެ 80 ޕަސެންޓް ނިސްބަތްވާނެ ޕާޓީ ކަމަށެވެ. އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ޖެހުނީ އުންމީދުތައް ގެއްލުމުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން ވިދާޅުވީ ޝަރުއީ ނިޒާމަށް ކުރި އުންމީދު ފެނަށް ވެ މިނިވަން މުއައްސަސާތަކަށް ކުރި އުންމީދު ނެތި ހިނގައްޖެ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ފުރިހަމަ ގޮތުގައި ބަަލަހައްޓާނެ ކަމުގެ އުންމީދު މުޅީން ފަނޑުވެ ދިޔައިރު އުމްރާނީ މަަސައްކަތް ހިންގުމުގެ ހަމައެކަނި ބޭނުމަކީ މީހަކަށް ކޮންޓްރެކްޓެއް ދިނުމަށް ވެއްޖެ ކަމަށެވެ.
މިސާލަކަށް ނެންގެވީ އަމީނީ މަގުގެ މަސައްކަތެވެ. ނަޝީދު ވިދާޅުވީ އެއީ މެޖަ ޕްރޮޖެކްޓެކޭ ވިދާޅުވެ ބޮޑު އަދަދެއްގެ ފައިސާ ކަނޑައެޅީ މަގެއްގައި ތާރުކޮޅެއް އަޅަން ކަމަށެވެ.
"މިއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަކިވެގެން އައި އެއްބައި. މިއީ އެ ޕާޓީ [އެމްޑީޕީ] ގެ ބޮޑުބައި ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުހިނގާ. އަޅުގަނޑު ޑިމޮކްރެޓުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަކީ ކުރީގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 80 ޕަސެންޓް،"
ނަޝީދު ތަކުރާރުކޮށް ވިދާޅުވީ ރައީސް ސޯލިހް އެމްޑީޕީއާއެކު އެ ވަޑައިގަންނަވަނީ ކުޑަ މިންވަރާއެކު ކަމަށެވެ. އަދި މިވަގުތު ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާ ހުންނެވި ނަމަވެސް ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑު ތިބޭފުޅުންނާއި [ޑިމޮކްރެޓްސްއާ] ގުޅޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،"
ނަޝީދުގެ ވާހަކަފުޅުގައި ރައީސް ސޯލިހަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ނަޝީދު، ރައީސް ސޯލިހް ސިފަ ކުރެއްވީ ރިޔާސީ ދެވަނަ ދައުރަކަށް ފެންބޮވައިގެންފައިވާ ބޭފުޅެއްގެ ގޮތުގައެވެ.
"މިއަދު އަޑުއެބަ އިވޭ ދެވަނަ ދައުރަކަށް ފެންބޮވައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް]ގެ އަޑު ފިޔަވާ އެހެން ބޭފުޅެއްގެ އަޑު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަޑުނީވޭތަން،"
"ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ބޮޑުބައި ކަމަށް ނަޝީދު ވިދާޅުވިޔަސް އެމްޑީޕީގެ މެންބަރުންގެ އަދަދު މި ފަހަރުވެސް އިތުރުވީ އެވެ. މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީއާ 500 ވުރެ ގިނަ މެންބަރުން ގުޅުނެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 58،000 ވުރެ އިތުރުވެފައެވެ.
ރައީސް ނަޝީދުވެސް އަދުރޭ ކައިރިން ހިސާބު އިލްމް އުނގެނެފި ކަމުގައި މިހާރު ގަބޫލު ކުރާ ހިސާބަށް ޕަރސަންޓޭޖް އެއްޗެހި ދަސްކޮއްފިއެވެ.