އަލްޝާލީގެ މި ލޯންޗްތަކަކީވެސް 50 މީހުންގެ ޖާގައިގެ ހިތްގައިމު ލޯންޗްތަކެކެވެ. އެތެރޭގައިވެސް މަޑުކޮށްލައިގެން ތިބެން ތަނަވަސް މާހައުލެއް އޮވެ އެވެ.
ފަތިހު އެއް ނަމްބަރު ފާލަމާ ކައިރިވީއިރު މާގިނަ އުޅަނދުތަކެއް އެ ސަރަހައްދުގައި އަޅާފައި އޮތްތަން ފެނުނެވެ. ބަލާލަން ރީތި އެ ލޯންޗް ތަކަކީ ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމަށް ރާއްޖޭގެ އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އިން ބަނދެގެން ބާލާފައިވާ އުޅަނދު ފަހަރެވެ. އެއް ނަމްބަރު ފާލަން ސަރަހައްދު ފުރާލާފައި ވަނީ އޭސް މެރިން ޓުއަރިން 55 ގެ އެވޯޑް ވިނިން ލޯންޗްތަކުންނެވެ.
ރާއްޖޭގެ ކަނޑު އުޅަނދު ސިނާއަތަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން އަލްޝާލީ މެރިންއަށް ދަތުރުފަތުގެ ނިޒާމުގެ ފެރީ ވިއުގައަށް އުޅަނދު ފަހަރު ބަންނަން ހަވާލު ކުރުމާއެކު އެ ކުންފުނިން ދަނީ މަސައްކަތް ހަލުއި ކަމާއެކު ނިންމަމުންނެވެ. މި ނިޒާމުގައި ބޭނުން ކުރަން އެންމެ ހިތްގައިމު މި ލޯންޗް ތަކަކީ އޭސް މެރިންގެ ޓުއަރިން 55 ގެ އުޅަނދު ތަކެވެ. މި އުޅަނދަށް އިތުރު މޮޑިފިކޭޝަންތައް ގެނެސް ފުރިހަމަ ކޮށްފައިވާއިރު އޭސް މެރިންގެ މި އުޅަނދުތަކަކީ ރާއްޖޭގެ ކަނޑުތަކަށް އެކަށީގެންވާ ގޮތަށް ބަނދެފައިވާ ބަލާލަން ވެސް ރީތި އުޅަނދު ތަކެވެ.
އަލްޝާލީ މެރިން އަށް އާރުޓީއެލް ލޯންޗް ބަންނަން ހަވާލު ކޮށްފައިވަނީ މީގެ ނުވަ މަސް ކުރިންނެވެ. މި މަޝްރޫއުގެ ދަށުން 65 ސްޕީޑް ފެރީ ބަންނަން އެ ކުންފުންޏަށް ހަވާލުކުރީ 537 މިލިއަން ރުފިޔާ އަށެވެ. ހަވާލުކުރިތާ ނުވަ މަސްތެރޭ އެ ކުންފުނިން މިވަނީ ހަތަރު ލޯންޗެއް ބަނދެ ހަވާލު ކޮށްފަ އެވެ.
މި ލޯންޗްތައް ސަރުކާރުގެ ޓްރާންސްޕޯޓް ކުންފުނި އެމްޓީީސީސީ އިން ބޭނުން ކުރާނީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގަ އެވެ. މި ލޯންޗްތައް މިއަދުގެ ވަގުތެއްގައި ހުވަދޫއަށް ފުރާނެ އެވެ.
އަލްޝާލީ މެރިންގެ އުޅަނދުތަކަކީ ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ގިނަ އަހަރުތަކެއްގައި ލިބިފައިވާ އުޅަނދުތަކެވެ. ބޯޓިން އެވޯޑުގައި މި އެވޯޑު ދޭން ފެށި 2016 އިން ފެށިގެން މެދުނުކެނި އެވޯޑުތައް ވަނީ ލިބިފަ އެވެ. ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ ތެރޭން އެންމެ ވަރުގަދަ 100 ކުންފުނި ނަގައި ދޭ "ގޯލްޑް 100" ކުންފުނީގެ ލިސްޓުގައި ވެސް އަލްޝާލީ ހިމެނިފަިއވެ އެވެ.