"ޝައްކު ނުކުރައްވާ. އިރާދަކުރެއްވިއްޔާ މި ދައުރު ގައި މަސައްކަތްތައް ފެށޭނެ. އަދި ނިންމާނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި،"
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް މި ދައުރުގައި ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަކީ ސަރުކާރުގެ ކުޅިވަރުގެ ދާއިރާގެ މުހިންމު ވައުދެކެވެ. މިދިޔަ އަހަރު އެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމި އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި، ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން މިދިޔަ އަހަރު ފަށާނެ ކަމަށް ސަރުކާރުން އޮތީ އިއުލާނު ކޮށްފައެވެ. ސަރުކާރުން އޭރު ބުނީ މި އަހަރު އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މިދިޔަ އަަހަރު އޭޕްރީލް 5، 2022 ގައި ރަސްމީ ދަނޑު ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް ވަނީ އާންމުކޮށްފައެވެ.
އެ މަސައްކަތް ނުފެށި ލަސްވާތީ ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރު މަހުލޫފް މިއަދު ވަނީ އެ މަސައްކަތުގެ އަޕްޑޭޓެއް ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ. އެ މަަސައްކަތް ޓެންޑާކޮށް ބިޑް ނެގުން މި މަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އެ މަސައްކަތަށް ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ދައުރުގައި ގަލޮޅު ދަނޑު ތަރައްީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ގަލޮޅު ދަނޑު ތަރައްގީކޮށް ނިންމާނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.
"ޝައްކު ނުކުރައްވާ. އިރާދަކުރެއްވިއްޔާ މި ދައުރު ގައި މަސައްކަތްތައް ފެށޭނެ. އަދި ނިންމާނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި،" މަހްލޫފް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި އޮތީ ގަލޮޅުދަނޑު އެއްކޮށް ތަޅާލާ އަލުން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވި ގޮތުގައި ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ސިންތެޓިކް ޓްރެކްގެ ހަތަރު ޓްރެކާއި ތިން ކޯޓް ހިމެނޭހެން ވޮލީބޯލް އިންޑޯއަކާއި ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އާއި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު އެ މަސައްކަތްތަކުގެ ބިޑް ނެގުން އޮންނާނެ ކަމަށެވެ. އެ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދަން ޖުމްލަ 42 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފައެވެ.
ސިންތެޓިކް ޓްރެކް އަޅަން ނިންމާފައިވަނީ ގދ. ތިނަދޫ އާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ އަދި ކުޅުދުއްފުށި ސިޓީގައެވެ.
މިނިސްޓަރު ވަނީ ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމުގައި މި ސަރުކާރު އޮތީ މުޅިން އެހެން ލެވަލް އެއް ގައި ކަމަށް ވިދާޅުވެފައެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަކީ ކުޅިވަރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި އެ މަޝްރޫއަކީ މިދިޔަ އަހަރު ކުރިއަށް ގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ އެ ލޯނުން ބައެއް މިދިޔަ އަހަރު ލިބޭނެ ކަމަށް ބަލައި ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމެނި އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް މި އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށްވެސް އޭރު ނިންމި އެވެ.
މަހުލޫފް ވެސް ކުރިކަމަކީ ލާރި ކެއީ، ހިތުއޮވޭ ލައްކަ އެކޭ އެކަމް ވާކަމެއްނެތް
އަދި ނުވެއެއްނު ފަށާކަށް