އެމްއެމްސީން ވަނީ ނޫސްވެރިން ވެސް ގާނޫނުތަކާއި، ގަވާއިދުތައް އަދި މީޑިއާގެ އަހްލާގީ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ގޮވާލާފައެވެ.
ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމު އެޅުވުމަކީ މީޑިއާގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޑިމޮކްރެޓްސްގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރިމަތި ކުރުވި ސުވާލު ތަކަކާ ގުޅިގެން އެ ބައްދަލުވުމުގައި ބައިވެރިވި، ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ، އެއީ ރައީސް އޮފީހުން ލިޔެގެން ފޮނުވާފައި އޮތް ސުވާލުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ފާޅުގައި ދޮގު އިލްޒާމު އަޅުވަމުންދާ މައްސަލަ އެ ކައުންސިލަށް ހުށަހަޅާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެކެވެ." އެ ބަޔާނުގައި ވެއެވެ.
އެ ކައުންސިލުން ބުނީ އެފަދަ ކަންކަން ކުރުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ވެއްޓޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރާއި، އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ވެސް ހުރަސް އެޅޭ ކަމަށެވެ.
"ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." މީޑިއާ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
އެމްއެމްސީން ވަނީ ނޫސްވެރިން ވެސް ގާނޫނުތަކާއި، ގަވާއިދުތައް އަދި މީޑިއާގެ އަހްލާގީ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ގޮވާލާފައެވެ.