ނިންމީ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއް ތަހުގީގަށް ސާބިތުވާ މިންވަރަށް ހެކި ގަރީނާ ނެތް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް ލިބިފައި ނުވާ ކަަމަށް ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާކީ މި ފަހުން ހިންގި އެންމެ ބޮޑު ހިޔާނާތެވެ. އެ ހިޔާނާތް ބަލާ ދައުލަތުން ގެއްލުނު ފައިސާ ހޯދާ ހިޔާނާތް ހިންގި މީހުންގެ މައްޗަށް އިންސާފު ގާއިމު ކުރުމަކީ މި ސަރުކާރު ވެރިކަމަށް އަންނަންވީ އެންމެ މުހިންމު އެއް ވައުދެވެ.
އެކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. ނަމަވެސް އެއްވެސް ނަތީޖާ ނުނެރެވި އެ ކޮމިޝަން ހިންގުމާއި މެންބަރުންގެ މުސާރައަށް އެތައް މިިލިއަން ރުފިޔާއެއް ހަރަދު ކުރުމަށް ފަހު ކޮމިޝަން އުވާލީ އެވެ. ފަހުން ހިޔާނާތް ތަހުގީގު ކުރުން އޮތީ އޭސީސީއާ ހަވާލުކޮށްފައެވެ.
އެގޮތުން އޭސީސީން ވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާ އެ ދުވަސްވަރު ޓޫރިޒަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މުއާމަލާތުގައި ހިމެނޭ ފައިސާ ލިބުނު ކުންފުނިތަކުގެ ތެރޭގައި ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލާފައެވެ.
ރާއްޖޭގެ އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ދެކޮޅަށް ބެލި މައްސަލަ އަށް ފަހު އޭސީސީން މިއަދު ބުނީ އެ މައްސަލަ ތަހުގީގުކޮޑް ބެލިބެލުމުން މި މައްސަލައިގައި ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއް ތަހުގީގަށް ސާބިތުވާ މިންވަރަށް ހެކި ގަރީނާ ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލަ ބަލާކަން ދައްކަން މި ސަރުކާރުން ވަނީ އެ ހިޔާނާތުގައި ހިމެނޭ. މީހުންގެ ލިސްޓެއް ވެސް އެކުލަވާލާފައެވެ. އަދި ގިނަ ބައެއްގެ މައްޗަށް ދައުވާ ކޮށް ދައުލަތުން ގެއްލުނު ފައިސާ ހޯދާނެ ކަމަށް ދިޔައީ ބުނަމުންނެވެ. ނަމަވެސް ރައީސް ޔާމީން ފިޔަވާ އެހެން މީހެއްގެ މައްޗަށް ދައުވާވެސް އުފުލާފައެއް ނުވެއެވެ. އަދި ހިޔާނާތް ހިންގި ކަމަށް ބުނާ މީހުންގެ ނަންތައް ހިމެނޭ ފުރިހަމަ ލިސްޓެއް އާންމު ކުރަން ވެސް ނުކެރުނެވެ. ހިޔާނާތުގެ ލިސްޓްގައި މި ސަރުކާރުގެ ވެރީންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސް ބޭފުޅުންނާއި މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ. ލިސްޓް އާންމު ކުރަން ފަސް ޖެެހެނީ އެހެން ވެގެން ކަމަށް މީހުން ދެކެއެވެ.