އެ ވީޑިއޯ ޓްވިޓާގައި ދައުރުވަމުންދާއިރު ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ. އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ނުރުހުމުގެ ކޮމެންޓްތައް ކުރަމުންނެވެ.
އީދު ފާހަގަކުރުމުގެ ގޮތުން މިއުޒިކް ޝޯތައް ބޭއްވުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުންދާ ކަމެކެވެ. ދުވާލު ސަގާފީ ކުޅިވަރުތައް ކުރުޅުމަށްފަހު ރޭގަނޑު އޮންނަނީ ޝޯއެކެެވެ. ޝޯ ދިނުމަށް އެކިއެކި ފަންނާނުންނާއި ނަށާ ގްރޫޕްތަކާއި ބޮޑުބެރު ގްރޫޕްތައް އެކި ރަށްރަށް ދެއެވެ.
ފަހަކަށް އައިސް މިފަދަ ޝޯތަކުން ފެންނަ މަންޒަރުތަކުން އާންމުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ހުށަހެޅުންތައް ހުށަހަޅާތީ އެވެ. ހާއްސަ ގޮތެއްގައި ނަށާ ގްރޫޕްތަކުން ހުށަހަޅައިދޭ ހުށަހެޅުންތައް ބަލާލަން ނުކެރޭ ކަމަށް ބުނެ އެތައް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
އީދު ފާހަގަކުރުމުގެ ގޮތުން ގއ. ވިލިނގިލީގައި ނަށާ ގްރޫޕެއް ކަމަށްވާ "ގޮމަ ގްރޫޕް" އިން ހުށަހަޅައިދިން ހުށަހެޅުމެކެވެ. ތިން އަންހެނުން ތިބީ ބިކިނީ ފާޑު ހެދުމެއް ލައިގެންނެވެ. އަޑިން އެމީހުން ލައިގެން ތިބީ ސްކިން ކުލައިގެން ބޮޑީސޫޓެވެ. އޭގެ ތެރެއިން އެއް އަންހެނަކު ހުރީ އެގޮތަށް ހެދުން އަޅައިގެން ބުރުގާ ވެސް އަޅައިގެންނެވެ. މި ގްރޫޕް ނަށާ ވީޑިއޯ ވަރަށް ހަލުވިކަމާއެކު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.
އެ ވީޑިއޯއަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.
"އީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާ ފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫހު އާލާ ކުރާ ދުވަސްވަރެއް. އީދު ކުޅިވަރުގައި ވެސް، އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ،" ޔުމްނާ ވިދާޅުވި އެވެ.
އެ ވީޑިއޯ ޓްވިޓާގައި ދައުރުވަމުންދާއިރު ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ. އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ނުރުހުމުގެ ކޮމެންޓްތައް ކުރަމުންނެވެ.
"އުފާފާޅުކުރުމުގެ ކަންތައް ކުރިޔަށް ގެންދަންވާނީ އިސްލާމީ ހުދޫދުގެ ތެރޭގައި. ބޮޑެތިވަމުން އަންނަ ކުދިންނަށް މިފަދަ ހުތުރު މަންޒަރުތައް ފެނުމުން، އެކުދިންގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރުތަކެއް ފޯރުން ގާތް. ބަޔަކު މީހުންގެ ވަގުތީ ލައްޒަތަކަށްޓަކައި ގައުމުގެ މުސްތަގުބަލު ފުނޑާލަން ޖާގަ ދެވިގެން ނުވާނެ،" ޑރ. މުހައްމަދު އިޔާޒް ކޮމެންޓް ކޮށްފައިވެ އެވެ.
މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިދިޔަ ބުދަ ދުވަހެވެ. މިއަދަކީ އީދުގެ މުނާސަބަތުގައި ފާހަގަކުރާ ފަހު ދުވަހަށްވާއިރު، މިރޭ ވެސް ރަށްރަށުގައި ޝޯތައް އޮންނާނެ އެވެ. މި ގްރޫޕު ނޫނަސް، ޝޯ ދޭ އެހެން ނަށާ ގްރޫޕްތަކުގައި ވެސް މިފަދަ ކޮސްޓިއުމްތައް ލައިގެން ނަށާ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް ފާޑުކިޔުމެއް ދަނީ ކިޔަމުންނެވެ.